މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްގެން މެނުވީ ލާމަރުކަޒީ ޙައްލު ވަށާނުޖެއްސޭނެ: ރައީސް ޞާލިޙް

މާލޭގެ ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްގެން މެނުވީ، ލާމަރުކަޒީ ޙައްލު ވަށާނުޖެއްސޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިން ނިންމާލުމަށް އއ.ރަސްދޫގައި މިރޭ ބޭއްވި "ރަށްވެހި ފަތިސް އަލިވިލުން" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޞާލިޙު ވިދާޅުވީ އަންނަ އަހަރުގައި އެކަނި، އަތޮޅު ތެރޭގެ ބޯހިޔާވަހިކަމަށް އިރާދަކުރެއްވިއްޔާ 1.5 ބިލިޔަން ރުފިޔާ ބަޖެޓްކުރެވިގެންދާނެކަމަށެވެ. އަދި އެ ބަޖެޓްގެ އަލީގައި ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ހިޔާވަހިކަން ފަތުރާލައްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް ރައީސް ޞާލިޙު ވަނީ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ ބިންފުރި ބަރާވެ ބަންޑުންވެފައިވާ މާލޭގެ ބޯހިޔާވަހިކަން ޙައްލުކޮށްގެން މެނުވީ ލާމަރުކަޒީ ޙައްލު ވަށައެއް ނުޖެއްސޭނެކަމަށެވެ. އަދި މާލޭގެ މާނޭވާ، ހަމަނޭވާއަށް ފެއްތުމަށްޓަކައި ލާ ނޭވާގައިވެސްވަނީ ވޭނާއި އުދާސްކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރު އެކަނިވެސް މާލޭގައި 5000 ހައުސިން ޔުނިޓްގެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެކަމަށާއި، ސަރުކާރުން އަމާޒު ހިފައިގެން ތިބީ މިއަދަދު 13000 ޔުނިޓަށް އިތުރުކުރުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ