ނަބީލަށް ކުރި މަރުގެ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި
ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް ގ. ރީފް މުހައްމަދު ނަބީލް މަރަން ދަށު ކޯޓުން ކުރި ތާރީޚީ ހުކުމަށް ތާއީދުކޮށް، އެ ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ. މާޗް، 2009 ގައި ފަރުހަދަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން އޭނާ މަރުވި މައްސަލާގައި ނަބީލް މަރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2010 ގަ އެވެ. އެ ހުކުމަށް ފަސް އަހަރު ފަހުން ހައި ކޯޓުން މިއަދު އެ ހުކުމަށް ތާއީދުކުރީ އެ މައްސަލަ ނަބީލްގެ ފަރާތުން އިސްތިއުނާފް ކުރުމުންނެވެ. އެ މައްސަލާގައި ހުކުމް އިއްވަވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަބްދުﷲ ހަމީދު ވިދާޅުވީ ފަރުހަދަށް ހަމަލާދިން ކަމަށް ތަހުގީގުގައި ނަބީލް އެއްބަސްވެފައިވާއިރު ތަހުގީގަށް ބަޔާން ދިން މަންޒަރު ފެންނަ ވީޑިއޯ ރެކޯޑިން ވެސް ދައުލަތުން ހުށަހަޅާފައިވާ ކަމަށެވެ. އެ ބަޔާނުގައި ސޮއިކުރީ ބަޔާން ރަނގަޅަށް ނުކިޔާ ކަމަށް ނަބީލް ބުންޏަސް އެ ބަޔާން ގިނައިރުތަކެއް ވަންދެން އޭނާ ކިޔާ މަންޒަރާއި ހަމަލާދިން ގޮތް ވެސް ތަހުގީގަށް ކިޔައިދޭ މަންޒަރު އެ ވީޑިއޯއިން ފެންނަ ކަމަށް ވެސް ފަނޑިޔާރު ހަމީދު ވިދާޅުވި އެވެ. ފަނޑިޔާރު ހަމީދު ވިދާޅުވި ގޮތުގައި ހަގީގަތާ ޚިލާފަށް އަމިއްލަ ނަފްސު ކުށްވެރިިކޮށް ތަހުގީގަށް ނަބީލް އެފަދަ ބަޔާނެއް ދިނުމަކީ ބުއްދި ގަބޫލުކުރެވޭ ކަމަކަށް ނުވާއިރު ހަގީގަތާ ޚިލާފަށް އެފަދަ ވާހަކަތަކެއް ނަބީލް ކިޔައިދޭން ޖެހުނު ސަބަބެއް ނަބީލަށް ދެއްކިފައެއް ވެސް ނުވެ އެވެ. "މުހައްމަދު ނަބީލް އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ތަހުގީގުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ބަޔާނާއި މުހައްމަދު ނަބީލް ތަހުގީގަށް ބަޔާން ދިންއިރު ނަގާފައިވާ ވީޑިއޯ ރެކޯޑިންއަކީ މި މައްސަލާގައި ހެކިބަސް ދިން ތިން ހެކިންގެ ހެކިބަހާ ގުޅިފައިވާ އެ ހެކިބަހަށް ބާރު ދޭ ގަރީނާއެއް،" ފަނޑިޔާރު ހަމީދު ވިދާޅުވި އެވެ. ހުކުމުގެ މުހިންމު ބައެއް ޕޮއިންޓްތައް ނަބީލާއި އޭނާގެ ކޮއްކޮ ތަހުގީގަށް ދީފައިވާ ބަޔާނަކީ ނަބީލާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއް ފަރުދަހަށް ނަބީލް ހަމަލާދިން މަންޒަރު ފެނުނު ކަމަށް ތިން މީހަކު ވަނީ ހެކިބަސް ދީފައި އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ނަބީލަށް ދޭންޖެހޭނީ މަރުގެ އަދަބު މީގެ އިތުރުން ފަރުހަދަށް ނަބީލް ހަމަލާދިން މަންޒަރު ފެނުނު ކަމަށް ބުނެ ނަބީލްގެ ކޮއްކޮ އައިމިނަތު ނިއުމާ ތަހުގީގަށް ބަޔާން ދިނުމަށް ފަހު ޝަރީއަތުގައި އެ ބަޔާނަށް އިންކާރު ކުރިޔަސް ފަރުހަދަށް ހަމަލާދޭ ގޮތް ނިއުމާ ވެސް ތަހުގީގަށް ކިޔައިދޭ މަންޒަރު ވީޑިއޯއިން ފެންނަ ކަމަށް ފަނޑިޔާރު ހަމީދު ވިދާޅުވި އެވެ. އެއީ ދޮގު ބަޔާނެއް ކަމަށް ބުނެ އެ ބަޔާނަށް ޝަރީއަތުގައި ނިއުމާ އިންކާރު ކުރިޔަސް ފަރުހަދު މަރުވެފައިވާ ކަން އެނގި ހުރެ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ނަބީލް ކުށްވެރިކޮށް އެފަދަ ބަޔާނެއް ހަގީގަތާ ޚިލާފަށް ނިއުމާ ދީފާނެ ކަމަށް ގަބޫލުނުކުރެވޭނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ނިއުމާގެ އެ ބަޔާނުގައި ނަބީލާއި ނިއުމާގެ ބައްޕަ ސޮއިކޮށްފައިވާ ކަން ވެސް ފަނޑިޔާރު ފާހަގަކުރެއްވި އެވެ. ފަނޑިޔާރު ވިދާޅުވި ގޮތުގައި ނަބީލާއި ނިއުމާގެ ބަޔާނަކީ ފަރުހަދު މަރާލުމުގައި ނަބީލް ބައިވެރިވިކަން ސާބިތުކުރަން ބޭނުން ކުރެވޭނެ ހަރުދަނާ ހެއްކެކެވެ. އަދި އެކަން އެގޮތަށް ކުރަން ހުރަސް އަޅާ އެއްވެސް ހަމައެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން ފަރުހަދަށް ނަބީލް ހަމަލާދިން މަންޒަރު ފެނުނު ކަމަށް ބުނެ ތިން ހެއްކަކު ކޯޓުގައި ހެކިބަސް ދީފައިވާއިރު ނަބީލާއި ނިއުމާގެ ބަޔާނުން، ހެކިންގެ އެ ވާހަކަތަކަށް އިތުރަށް ބާރު ލިބޭ ކަމަށް ވެސް ފަނޑިޔާރު ހަމީދު ވިދާޅުވި އެވެ. ފަރުހަދު މަރުވެފައިވަނީ ނަބީލް އޭނާގެ ބުރަކަށްޓަށް ތޫނު އެއްޗެއް ހެރުމުގެ ސަބަބުން ކަން އެނގޭއިރު ގަސްދު މަރުގައި ފުރިހަމަވާން ޖެހޭ ހުރިހާ ރުކުނެއް އެ މައްސަލާގައި ފުރިހަމަވެފައިވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ފަރުހަދުގެ ހުރިހާ ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށް ވާތީ ނަބީލަށް ދޭން ޖެހޭ އަދަބަކީ މަރުގެ އަދަބު ކަމަށް ވެސް ފަނޑިޔާރުން ވަނީ ނިންމަވާފަ އެވެ. "އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން މުހައްމަދު ނަބީލަށް ދޭން ޖެހޭ އަދަބަކީ މަރުގެ އަދަބު ކަމަށް ވުމުން މުހައްމަދު ނަބީލް މެރުމަށް އެ ގަޒިއްޔާގައި ކުރައްވާފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ކުރައްވާފައިވާ ހުކުމެއް ކަމުގައި ދިވެހިރާއްޖޭގެ ހައި ކޯޓުގައި މި ގަޒިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ ހުރިހާ ފަނޑިޔާރުންނަށް ވެސް އެއްވެސް ޚިލާފެއް ނެތި އިއްތިފާގު ވެވިފައިވެ އެވެ،" ފަސް ފަނޑިޔާރުން އިއްތިފާގުން ނިންމެވި ހުކުމް އިއްވަވަމުން ފަނޑިޔާރު ހަމީދު ވިދާޅުވި އެވެ. ފަނޑިޔާރު ހަމީދުގެ އިތުރުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ޝުޖާއު އުސްމާނު އަދި ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. ނަބީލް މަރަން ކުރި ހުކުމަކީ އާ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި ފަހުން ފުރަތަމަ ފަހަރަށް އިއްވި މަރުގެ ހުކުމެވެ. އަދި ގާނޫނުއަސާސީ މާނަކޮށް ދަށު ކޯޓަކުން ފުރަތަމަ އިއްވި ހުކުމް ވެސް މެ އެވެ. ޝަރީއަތުގެ މަރުހަލާގައި ވާ އިއުތިރާފްތައް ފިޔަވައި އެހެން އިއުތިރާފްތައް ހެއްކެއް ކަމަށް ނުބެލެވޭނެ ކަމަށް ގާނޫނުއަސާސީގައި އޮންނަ އޮތުން މާނަކޮށް ދަށު ކޯޓުން ނިންމީ ތަހުގީގު ބަޔާނަށް ބާރު ލިބޭ އިތުރު ހެއްކެއް ހުރެއްޖެ ނަމަ އެ ބަޔާނަށް ރިއާޔަތް ކުރެވިދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ