އާ ސިޔާސީ ޕާޓީއެއް ހެދުމަށް މައުމޫން ނިންމުމުން ޑީއާރުޕީން ރައްދު ދީފި

ކުރީގެ ރައީސް އަދި ޑީއާރުޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވީ ޕީއޭގެ ރައީސް އަދި ކޮއްކޯފުޅު އަބްދުﷲ ޔާމީނަށް ޑީއާރުޕީ ތެރެއިން ރިޔާސީ ޓިކެޓް ދެވޭނެ ގޮތެއް ނެތިގެން ކަމަށް ބުނެ ޑީއާރުޕީން އިއްޔެ ރައްދު ދީފި އެވެ. ޑީއާރުޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު ވިދާޅުވީ ޑީއާރުޕީ ތެރޭގައި ރިޔާސީ ޕްރައިމަރީއެއް ބާއްވައި ތަސްމީނާ ވާދަކުރައްވައިފި ނަމަ ޔާމީނަށް ނާކާމިޔާބީ އާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެކަން މައުމޫނަށާއި ޔާމީނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. "ތަސްމީނާ ވާދަކުރައްވައި ޔާމީނަށް ކާމިޔާބު ނުވާނެ ކަމުގެ ޔަގީންކަން ޔާމީން އޮތަތީވެ އެ ޕާޓީ އުފައްދަނީ. އެއީކީ ކޮންމެހެން ޕްރައިމަރީ ނުބާއްވައިގެން އުފައްދާ ޕާޓީއެއް ނޫން. ޑީއާރުޕީ ތެރޭގައި ޕްރައިމަރީ ބާއްވައިގެން ތަސްމީން ބަލިނުކުރެވޭނެކަން އެންމެންނަށް ވެސް އެނގޭނެ. އެއީ ވާނެ ކަމެއް ނޫން،" އަލީ ސޯލިހު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޑީއާރުޕީގެ ކޮންގްރެސް ބާއްވަން ޖެހެނީ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ދެ އަހަރުން އަހަރު ކަމަށްވާއިރު ކޮންގްރެސް އަށް ފަސް ވަރަކަށް މަހަށް ވެފައިނިކޮށް، ޕްރައިމަރީގެ މަތި އަޅުވައި އާ ޕާޓީއެއް އުފައްދަވަން މައުމޫން ނިންމެވީތީ ސުވާލު އުފެދޭ ކަމަށެވެ. އަލީ ސޯލިހު އެހެން ވިދާޅުވިއިރު ޔާމީން އިއްޔެ "ހަވީރަ" ށް ވިދާޅުވެފައި ވަނީ އާ ސިޔާސީ ޕާޓީ އަށް ސޮއިކުރައްވާނެ ކަމަށާއި އެ ޕާޓީގެ ތެރެއިން ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށެވެ. އަދި ކާމިޔާބު ނުވެއްޖެ ނަމަ ކާމިޔާބުވާ ބޭފުޅެއްގެ ފަހަތުގައި މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އަލީ ސޯލިހު ވިދާޅުވީ އާ ޕާޓީ އުފަން ނުވަނީސް ޕްރައިމަރީއެއް ބާއްވާ ވާހަކަ ޔާމީން ދެއްކެވުމުން "ވަރަށް ބޮޑަށް ރޭވިގެން، ކުރީބައިގައި ޑޮކިއުމަންޓްތައް ތައްޔާރު ކުރެވިގެން" ކަންކަން ކުރަމުންދާކަން އެނގެމުންދާ ކަމަށެވެ. "އެ ޕާޓީގެ އަސާސީ ގަވާއިދުގައި ޕްރައިމަރީއެއްގެ ވާހަކަ އޮތް ކަމެއް ވެސް ނޭނގޭ. އެކަމަކު ޔާމީން އެ ވިދާޅުވަނީ ޕްރައިމަރީއެއްގައި ވާދަކުރައްވާނަމޭ. އެހެންވީމަ އެބަ އިނގޭ މައުމޫނާއި ޔާމީން ކުރީބައިގައި ކަންތައްތަކެއް ރާވައިގެން ވަކި ބޭނުމެއްގައި މަސައްކަތް ކުރައްވާކަން،" އަލީ ސޯލިހު ވިދާޅުވި އެވެ. "އަޅުގަނޑުމެން ގޮވާލަން ޑީއާރުޕީގެ އާންމު މެމްބަރުން މި ދަނޑިވަޅުގައި ހޭލާ ތިބުމަށް." މައުމޫން އާ ސިޔާސީ ޕާޓީއެއް އުފެއްދުމާ ގުޅޭ ގޮތުން އުމަރު ނަސީރު ރޭ ވިދާޅުވީ އެކަން ކުރައްވަނީ ޑީއާރުޕީ ތެރެއިން ކަންކަން ނުކުރެވި އަދި އެންމެ މަސްލަހަތު އޮތް ގޮތަކީ އެއީ ކަމަށްވާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ