ދިއްގަރު ދާއިރާގެ ބައި އިލެކްޝަން: ވާން ކުރާނެ އިންތިހާބެއް؟

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެގެން މި ދިޔައީ ސިޔާސީ މަސްރަހު ވަރަށް ނުތަނަވަސްވެފައި އޮތް ދުވަސްވަރެއްގަ އެވެ. އެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދެވި ޕީޕީއެމްގެ އަހްމަދު ނާޒިމްގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. މިއީ ރައީސް ޔާމީންގެ ވެރިކަމަށް ދޮޅު އަހަރު ވެސް ނުވަނީސް، ސަރުކާރާ އިދިކޮޅު ކޯލިޝަނެއް އުފައްދައިގެން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަމުންދާ ދުވަސްވަރެކެވެ. އިދިކޮޅު ކޯލިޝަންގެ ތިން ޕާޓީގެ ތެރެއިން ދެ ޕާޓީއަކީ ރައީސް ޔާމީނަށް ވެރިކަން ހޯދައިދިނުމަށް «އެއްވެސް ޝަރުތެއް ނެތި» ޕީޕީއެމާ އެކު ކޯލިޝަން ހެދި ދެ ޕާޓީ އެވެ. ތިން ޕާޓީ ގުޅިގެން އިދިކޮޅު ކޯލިޝަނެއް ހަދާފައި ވިޔަސް އެ ކޯލިޝަންގެ އަޑު އިވެމުން ދަނީ ވަނދު ގޮތަކަށެވެ. ސަރުކާރުގެ ބާރު ވެސް ގަދަކަމުންނެވެ. ހަމަ އެހެންމެ އިދިކޮޅު ބައެއް ލީޑަރުންގެ ވަރަ "ބިންދާލާފައި" ވާތީ އެވެ. އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ދިއްގަރު ދާއިރާ އަށް އެއް ކެންޑިޑޭޓަކު ނެރުމަށް ވަނީ ނިންމާފައި. --ހަވީރު ފައިލް ފޮޓޯ މައި އިދިކޮޅު ލީޑަރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށް ލައިފަ އެވެ. ދެން އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެ އުޅުއްވަނީ ދައުލަތަށް ދައްކަންޖެހޭ ފައިސާތަކެއްގެ މައްސަލައިގައި ފެނުން މައްޗަށް ބޯ ހިއްލައިނުލެއްވިގެންނެވެ. އޭގެ އިތުރުން 2018 ގެ ރިއާސީ ކެންޑިޑޭޓަކަށް ވެދާނެ ކަމުގެ އަޑުތަކެއް ފެތުރިފައިވާ، ކުރީގެ ޑިފެންސް މިނިސްޓަރު ހުންނެވީ، ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުގައި 11 އަހަރަށް ޖަލުގައި ބަންދުކުރެވިފަ އެވެ. ރައްޔިތުންގެ މަޖިލިސް އޮތީ ވެރިކަންކުރާ ޕީޕީއެމް އާއި އެމްޑީއޭގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގަ އެވެ. އެމްޑީޕީގެ މެމްބަރުން ކޮންމެ ދުވަހަކު ބެރު ދުންމާރި ތާޅަފިލީގެ އަޑުން މަޖިލީހުގެ ނިޒާމު ހިސޯރުކޮށްފައިވާ އިރު، މަޖިލީހުން ނިންމާ ކަންތައް ގިނަ މެންބަރުންނަށް ހަގީގަތުގައި ނުވެސް އެނގެ އެވެ. މިފަދަ ސިޔާސީ ހަލަބޮލިކަމެއްގައި ގައުމުގެ މިސްރާބު ހުރި އިރު، ދިއްގަރު ދާއިރާގެ ގޮނޑި އަށް ކުރިމަތިލާނެ ކެންޑިޑޭޓެއްގެ ބަހުސް ވެސް ވަނީ ފޯރި ހިފައިފަ އެވެ. ވެރިކަންކުރާ ޕީޕީއެމްގެ ފަރާތުން އެ ގޮނޑި އަށް ނެރޭނެ ކެންޑިޑޭޓަކާ މެދު ވެސް، ފެންމައްޗަށް ތިލަ ނުވާ ބަހުސްތަކެއް ދަނީ ކުރެވެމުންނެވެ. އިދިކޮޅު ކޯލިޝަންގެ ތެރޭގައި ވެސް އޮތީ އެ ޒުވާބު އުފެދިފަ އެވެ. ގުޅިފައިވާ ކޯލިޝަނުން ދިއްގަރު ދާއިރާ އަށް ނެރޭނީ އެއް ކެންޑިޑޭޓެއް ކަމަށް ފާޅުގައި ބުނި ނަމަވެސް، ފަރުދާގެ ފުރަގަހުގައި ހިނގަނީ އެއަށް ވުރެ ހޫނު ޒުވާބެކެވެ. ބައެއް އަޑުތައް ބުނާ ގޮތުން ވެރިކަންކުރާ ޕީޕީއެމުން ދިއްގަރު ދާއިރާ އަށް ނެރުމަށް އެ ޕާޓީގެ ރައީސް މައުމޫން ބޭނުންފުޅުވަނީ އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނެވެ. ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން މިހާތަނަށް އެ ވާހަކައެއް ނުބުނެ އެވެ. އަދި ފާރިސް ވެސް އެކަމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅެއް ނުކުރައްވަ އެވެ. ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން --ހަވީރު ފައިލް ފޮޓޯ މައްސަލަ ހޫނުވާ ކަމަށް ވަނީ، މައުމޫންގެ އެ ވިސްނުންފުޅަށް ރައީސް ޔާމީން ތާއީދު ނުކުރައްވާތީ އެވެ. އޭގެ ބަދަލުގައި ޔާމީން ބޭނުންފުޅުވާ ކަމަށްވަނީ، އެ ގޮނޑި އަށް އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅުކުރެއްވި މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރު ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ނެރުއްވާށެވެ. ރައީސް ޔާމީން އެ ގޮތަށް އެ ވިސްނުން ގެންގުޅުއްވަނީ، ކުރީގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑި އަށް މައުމޫންގެ ދަރިކަލުން ޣައްސާން ނެރުއްވައިގެން ކުރެވުނު ހިތި ތަޖުރިބާގެ މައްޗަށް ބައްލަވާފައި ކަމަށް ވެދާނެ އެވެ. ޣައްސާނަށް އެ ގޮނޑި ހޯއްދަވައިދެއްވުމަށް އެންމެ ބުރަކޮށް މަސައްކަތްކުރެއްވި އެއް ބޭފުޅަކީ ގައިމު ވެސް، އޭރު މުލަކު ދާއިރާގެ މެންބަރުކަމުގައި ހުންނެވި ޔާމީނެވެ. ދެން ނިހާނާއި އުމަރު ނަސީރާއި އަލީ އާރިފާއި މިހާރު އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ފަދަ ބޭފުޅުންނެވެ. އެ ފަހަރު ޣައްސާނާ ވާދަކުރެއްވީ ތިމަރަފުއްޓަށް އުފަން މުހައްމަދު މުސްތޮފާ އެވެ. އެހެންވީމާ، އެ ދާއިރާ އަށް އުފަން މީހަކާ ދެކޮޅަށް މައުމޫންގެ ދަރިކަލަކު ނެރުއްވައިގެން ކުރިމަތިވި ގޮންޖެހުންތަކާއި ކެމްޕޭންގައި ކުރިމަތިވި ހުރަސްތައް ވެސް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ޔާމީނަށެވެ. ނަމަވެސް ޕީޕީއެމުން ބުނާ ގޮތުގައި ވަކި ކެންޑިޑޭޓަކުން އަތުގައި ހިފައިގެން ނެރުމަކީ އެ ޕާޓީގެ ވިސްނުމެއް ނޫނެވެ. އޭގެ ބަދަލުގައި އެ ޕާޓީން ދިއްގަރު ދާއިރާ އަށް ނެރޭނީ، ގިނަ ބަޔަކު ކުރިމަތިލައްވައިފި ނަމަ، ޕްރައިމަރީ ކާމިޔާބުކުރާ މީހެކެވެ. ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު އެންމެނަށް ވެސް އޮތީ ހުޅުވިފަ އެވެ. "ފާރިސް އެ ގޮނޑި އަށް ކުރިމަތިލައްވާ ވާހަކައެެއް ނީވޭ. ހިޔެއް ނުވޭ ކުރިމަތިލައްވާ ހެނެއް ވެސް. އެކަމުގެ ޝައުގުވެރިކަން ވެސް މިހާތަނަށް ފާޅުކުރައްވާފައެއް ނެތް. އެކަމަކު ޕާޓީގެ ކޮންމެ މީހަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު އެބަ އޮތް. ފާރިސަށް ވެސް އެ ފުރުސަތު ހަމަ އޮންނާނެ. މ. އަތޮޅު ކައުންސިލްގެ ރައީސް ވެސް ކުރިމަތިލައްވާ ކަހަލަ އަޑުތަކެއް އިވެނީ. އެހެންވެ އަޅުގަނޑުމެން މި އައީ ޕާޓީގެ މުސްތަޝާރު ރައީސް ޔާމީނާއި ޕާޓީގެ ރައީސް މައުމޫންގެ ވެސް އެދިވަޑައިގަތުމަކަށް އެ ދާއިރާ އަށް ގޮސް އެ މީހުންގެ ވިސްނުން ހުރި ގޮތް ބަލާފައި،" ދިއްގަރު ދާއިރާ އަށް ކުރެއްވި ދެ ދުވަހުގެ ދަތުރަށް ފަހު، ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ. މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރު؛ ދިއްގަރު ދާއިރާގެ މަޖިލިސް ގޮނޑި އަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފައި. ފޮޓޯ ނަސީރުގެ ފޭސްބުކް ޕޭޖް އޭނާ ވިދާޅުވި ގޮތުގައި ދާއިރާގެ ޕީޕީއެމް މެމްބަރުން ތިބީ ޕާޓީގައި ހަމަޖެހިފައި އޮންނަ އުސޫލުގެ މަތިން ނެރޭ ކޮންމެ ކެންޑިޑޭޓަކަށް ވެސް ތާއީދުކޮށް ވޯޓު ދޭ ގޮތަށެވެ. އެކަމުގައި އަތޮޅުގެ މީހެއް ނުވަތަ އެހެން ހިސާބެއްގެ މީހަކަށް ބެލުމެއް ނެތި އެވެ. އިދިކޮޅު ކޯލިޝަނުން އިވޭ އަޑުތަކަށް ބަލާއިރު، އެއް ކެންޑިޑޭޓަކު ނެރުމާ މެދު އަދި އޮތީ ވަކި ގޮތެއް ނުނިމި އެވެ. އެ ކޯލިޝަންގައި ހިމެނޭ އަދާލަތުން ބުނި ގޮތުގައި ދިއްގަރު ދާއިރާ އަށް އެއް ކެންޑިޑޭޓަކުން ނެރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. "އެކަމަކު މިހާތަނަށް އަދި ރަސްމީކޮށް އެކަމުގެ މަޝްވަރާތަކެއް ނުބާއްވަ. މިހާރު އެބަ އަޑު އިވޭ ކުރިން ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅަކު މިހާރު އެ ވިސްނުން ބަދަލުކުރެއްވި ވާހަކަ ވެސް. އެކަމަކު ގޮތެއް ނިންމޭނީ ރަސްމީކޮށް ވާހަކަ ދައްކައިގެން. ވަކި ޕާޓީއަކުން ނެރޭ ގޮތަކަށް ވެސް ނޫން ތިބީކީ. އެންމެނަށް އެއްބަސްވެވޭ ކެންޑިޑޭޓަކު ނެރުނީމާ، އެއީ ކޮންމެ ޕާޓީއަކުން ނެރޭ ބޭފުޅަކަށް ވިޔަސް ތާއީދުކުރާ ވިސްނުމެއްގައި މި ތިބީ،" އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒް ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުގެ ތެރެއިން، ދިއްގަރު ދާއިރާ އަށް އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅުކުރެއްވި އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ޒާހިރު ވިދާޅުވި ގޮތުގައި އޭނާ މިހާރު ވެސް ހުންނެވީ ކުރިން ވެސް ގެންގުޅުއްވި ވިސްނުމުގެ މަތީގަ އެވެ. އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ޒާހިރު: މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި އަށް ޝައުގުވެރިވެވަޑައިގަންނަވާ. --ހަވީރު ފައިލް ފޮޓޯ "އަދި ޕާޓީން ވެސް ވަކި ގޮތެއް ނުނިންމާ. ރަސްމީ ސިފައެއްގައި ޕާޓީތަކުގެ މެދުގައި ގޮތެއް ނިންމައިގެން ކުރިއަށް ދެވޭނީ. އަޅުގަނޑު ނުކުތުމާ ދޭތެރޭގައި އެހެން ޕާޓީތަކުގެ މެދުގައި ވެސް އިދިކޮޅު ހިޔާލެއް އުޅޭ ތަނެއް ނުފެނޭ. އެއްވެސް ދެކޮޅުވެރިކަމެއް ނުފެނޭ. ސޯޝަލް މީޑިއާގައި ވެސް، އަޅުގަނޑާ މެދު އެމްޑީޕީގެ ދެކޮޅުވެރިކަމެއް ވެސް ފެންނާކަށް ނެތް،" އަލީ ޒާހިރު ވިދާޅުވި އެވެ. އެކަކު ނެރުމަކީ އިދިކޮޅު ކޯލިޝަންގެ ރަސްމީ ވިސްނުން ކަމުގައި ވިޔަސް، ކޮންމެ ޕާޓީއަކުން ވެސް އެންމެ ބޮޑަށް ބޭނުންވާނީ އެ ޕާޓީއެއްގެ ކެންޑިޑޭޓަކު ނެރެން ކަން ޔަގީނެވެ. އެ ގޮތުން ޖުމްހޫރީން އިވޭ އަޑުތަކަށް ބަލާއިރު، ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ ކޮއްކޮ އާޒިމް އަކީ ރަތް ޓިކެޓްގެ ކެންޑިޑޭޓްކަމަށް ވުން ވަރަށް ގާތެވެ. "އަޑުތައް ކޮންމެ ގޮތަކަށް ހުއްޓަސް އަދި މި ޕާޓީން ހަމަ ގައިމު ވެސް ވަކި ގޮތެއް ނުނިންމާ. އިދިކޮޅު ކޯލިޝަނުން މަޝްވަރާކޮށްފައި ގޮތެއް ނިންމާނީ. އެ ގުޅުމުން ނަގާ ކެންޑިޑޭޓަކަށް ހުރިހާ އެންމެން ވެސް ތާއީދުކުރާނީ. މި ވަގުތަށް އިދިކޮޅު ކޯލިޝަންގެ ޖެނެރަލް ވިސްނުމަކީ އިދިކޮޅު ހުރިހާ ޕާޓީތަކުން އެއް ކެންޑިޑޭޓަކަށް ތާއީދުކުރުން. ވަކި މީހަކަށް ތާއީދުކުރާކަށް އަދި ނުނިންމަން،" ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ވިދާޅުވި އެވެ. ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ ކޮއްކޯފުޅު އާދަމް އާޒިމް އެސްޓީއޯގެ ހަފްލާއެއްގައި. ދިއްގަރު ދާއިރާ އަށް ޖޭޕީން ނުކުންނަވާނީ އޭނާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައި. --ހަވީރު ފައިލް ފޮޓޯ މި ކަމުގައި މައި އިދިކޮޅު ޕާޓީގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. ނަމަވެސް އިވޭ އަޑުތަކަށް ބަލާއިރު، އެމްޑީޕީ ވެސް ބޭނުންވަނީ އެ ޕާޓީގެ ކެންޑިޑޭޓަކު ދިއްގަރު ދާއިރާގެ ގޮޑި ކާމިޔާބު ކުރާށެވެ. ދިއްގަރު ދާއިރާއަކީ އެންމެ ކުރިން ފެށިގެން ވެސް، ކުރީގެ ރައީސް މައުމޫނަށް ބޮޑު ތާއީދެއް އޮންނަ މ. އަތޮޅުގެ ދެ ދާއިރާގެ ތެރެއިން އެއް ދާއިރާ އެވެ. މަޖިލީހުގެ ތާރީހަށް ބަލާއިރު، ޕާޓީ ނިޒާމު އުފެދުމަށް ފަހުގައި ވެސް، އެ ދާއިރާގެ މަޖިލީހުގެ ގޮނޑިތަކާއި ކައުންސިލްތަކުގެ ގިނަ ގޮނޑިތައް ހޯދާފައި ހުރީ މައުމޫންގެ ވިސްނުމުގެ (ޑީއާރްޕީ، ޕީއޭ، ޕީޕީއެމް) ކެންޑިޑޭޓުންނެވެ. ނަމަވެސް 2014 ގެ އާންމު އިންތިހާބުގައި މަޖިލީހުގެ މުލަކު ދާއިރާގެ ގޮނޑި ވަނީ އިދިކޮޅު އެމްޑީޕީން އަތުލައިފަ އެވެ. އެއީ އެ ދާއިރާ އަށް އެ ފަހަރުގެ އިންތިހާބުގައި ޕީޕީއެމްގެ ތެރެއިން ދެ މެންބަރަކު ވާދަކުރެއްވުމުން ވޯޓުތައް ބެހިގެން ދިޔުމުން ކަމަށް ޕީޕީއެމުން ބުންޏެވެ. މިހާރު ހަމަޖެހިފައި އޮތް ގޮތުން ދިއްގަރު ދާއިރާގެ ބައި އިލެކްޝަން އޮންނާނީ ޖޫން 6 ވަނަ ދުވަހު އެވެ. އެއީ ދެ ވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ޖޫން 13 ގައި އިންތިހާބު ބާއްވައި ރޯދަ މަހުގެ ކުރިން އިންތިހާބުގެ ކަންކަން ނިންމާލުމަށެވެ. ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެޕްލިކޭޝަން ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން މިހާރު ވަނީ، މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ ގޮތަށް ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ