ތިމަރަފުށީ އެއާޕޯޓަށް ކަރަންޓުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

ތ. ތިމަރަފުށީ އެއާޕޯޓަށް ކަރަންޓުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދަން ފެނަކަ ކޯޕަރޭޝަން އިން އިއުލާން ކޮށްފި އެވެ.
މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު މިއަދު ވިދާޅުވީ ތިމަރަފުށީ އެއާޕޯޓްގެ ކަރަންޓް ޕްރޮޖެކްޓްގެ މަސައްކަތް ފެނަކައިން ކުރާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި ޝައުގުވެރިވާ ފަރާތެއް ހޯދަން އިއުލާން ކުރީ މީގެ ކުރިން ކުރި އިއުލާނަށް ޝައުގުވެރިކަން ފާޅުކޮށް އެންމެ ފަރާތަކުން ހުށަހެޅުމުން ކަމަށެވެ.
"ރީޖަނަލް އެއާޕޯޓްސް އިން ކުރިން މި މަސައްކަތް އޮތީ އަޅުގަނޑުމެނާ ހަވާލުކޮށްފައި. އެކަމަށް އަޅުގަނޑުމެން އިއުލާން ވެސް ކުރިން. ނަމަވެސް އިޖާބަ ދިން ފަރާތްތައް މަދުވުމުން އަލުން ރިވައިޒްކޮށް މިއަދު ވަނީ އަލުން އިއުލާންކޮށްފައި،" ނިމާލް ވިދާޅުވި އެވެ.
ތިމަރަފުށީ އެއާޕޯޓަށް ކަރަންޓުގެ ހިދުމަތް ދިނުމާ ބެހޭ ގޮތުން ފެނަކައިން ބުނީ ތިމަރަފުށި އިލެކްޓްރިފިކޭޝަން ޕްރޮޖެކްޓްގެ ނަމުގައި ޕްރޮޖެކްޓެއް ހިންގަން ނިންމައި މިއަދު އިއުލާންކޮށްފައިވާ ކަމަށާއި މި މަހު ނުވަވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާ ހަމައަށް ޕްރޮޖެކްޓްގެ ބިޑް ޑޮކިއުމެންޓް ވިއްކާނެ ކަމަށެވެ. ބިޑް ޑޮކިއުމެންޓްގެ އަގަކީ 100 އެމެރިކާ ޑޮލަރެވެ.
ފެނަކަ ކޯޕަރޭޝަން އިން މިހާރު ރާއްޖޭގެ ގިނަ ރަށްތަކަށް ކަރަންޓުގެ ހިދުމަށް ފޯރުކޮށްދެމުން ދާއިރު ރަށްރަށުގައި މިހާރުވެސް ކަރަންޓުގެ ގިނަ މައްސަލަތައް ދަނީ ދިމާވަމުންނެވެ. ފެނަކަ ކޯޕަރޭޝަނާބެހޭ މައްސަލަތަކެއް ރައްޔިތުން މަޖިލީހުގެ އެކި ކޮމިޓީތަކުގައި އަންނަނީ ބަލަމުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ