ދެވަނަބުރު ފަސް ކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުން ފަސް ކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނަނީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބާ ގުޅިގެން ހުށަހަޅާފައިވާ ދައުވާގެ މައްސަލަ އެ ކޯޓުން ބަލައި ގޮތެއް ނިންމަންދެން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުން ފަސް ކުރުމަށް ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ށ) ގެ މައްޗަށް ރިޔާއަތްކޮށް އިލެކްޝަންސް ކޮމިޝަނާއި ދިވެހި ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އަންގާ އަމުރު ކުރާ ކަމަށެވެ.
މި އަމުރު ނެރެފައި ވަނީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ މަޖިލީހުގައި މައްސަލައާ ގުޅޭ ގޮތުން ބަހުސް ކުރުމަށްފަހު ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އަމުރުގައި ސޮއި ކުރައްވާފައި ވަނީ ފަނޑިޔާރު އަބްދުﷲ ސައީދާއި އާދަމް މުހައްމަދާއި އަލީ ހަމީދާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ. މި އަމުރުގައި ސޮއި ނުކުރައްވަނީ މުއުތަސިމް އަދުނާނާއި އަބްދުﷲ އަރީފެވެ. އަދި އެ އަމުރު ހިމެނޭ ލެޓާ ހެޑްގައި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވަނީ ސޮއިކުރައްވާފައެވެ.
މިރޭ ނެރުނުއަމުރުގައި ބުނަނީ ޖުމްހުރީ ޕާޓީ (ޖޭޕީ) އިން އެ ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިމަންދެން އަންނަ ހޮނިހިރު ދުވަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ މަސައްކަތް ކުރިޔަށް ނުގެންދިއުމަށް އިލެކްޝަންސް ކޮމިޝަންސްގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ދައުވާ ކުރާ ފަރާތުން ސުޕްރީމް ކޯޓްގައި އެދިފައިވީ ހިނދު އެ ހުށަހެޅުމުގެ މައްޗަށާއި ގާނޫނު އަސާސީ އާއި މިބާތުގެ މައްސަލަތަލުގައި އަމުރު ނެރުމުގައި އަމަލު ކުރަންޖެހޭ ދުސްތޫރީ އަދި ޝަރުއީ އުސޫލުތަކުގެ މައްޗަށާއި މި މައްސަލައިގެ ބާވަތަށް ބަލައި ވިސްނާފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅައި ނިންމަންދެން އަންނަ ހޮނިހިރު ދުވަހު ބާއްވާން އިލެކްޝަނުން އިއުލާންކޮށްފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުން ފަސް ކުރަން އަންގާ އަމުރު ކުރާ ކަމަށެވެ.
މި އަމުރު ނެރުނު ސުޕްރީމް ކޯޓްގައި އޮތް މި މައްސަލައިގެ ގަޒިއްޔާގެ ފަސް އަޑު އެހުމެއް ވަނީ މިހާތަނަށް ބާއްވާފަ އެވެ. އަދި ހޮނިހިރު ދުވަހު އިންތހާބުގެ ދެވަނަ ބުރު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ދަނީ ތައްޔާރުވަމުންނެވެ. އަދި ހޮނި ހިރު ދުވަހު އިންތިހާބު ބޭއްވުން ނޫން އެހެން އެއްވެސް ގޮތެއް ގަބޫލު ނުކުރާނެ ކަމަށް ބުނެ އެމްޑީޕީން ގެންދަނީ ވަކާލާތު ކުރަމުންނެވެ. އަދި ކޯޓްގައި މި މައްސަލަ ކުރިޔަށްދާތީ އެ މައްސަލައާ ދެކޮޅަށް އެ ޕާޓީން ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި މަޖިލީހުން ބޭރުގައި މަސައްކަތް ކުރަމުންނެވެ. މިގޮތުން އެޕާޓީން މިއަދު ވަނީ މަޖިލީހުގައި މި މައްސަލައާ ގުޅުވައި ގަރާރެއް ފާސްކޮށް ސުޕްރީމް ކޯޓު ކައިރީގައި މުޒާހަރާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ