ޝާންގެ ޝަރީއަތް އަވަހަށް ނިންމަން މަސައްކަތް ކުރާނަން: ގާޒީ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަށް ހަމަލާދީ މަރާލިކަމުގެ ދައުވާލިބޭ ހ. ހިކޯސްޓް އަލީ ޝާންގެ ޝަރީއަތް އަވަހަށް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ މިއަދު ވިދާޅުވެއްޖެ އެވެ. އަފްރާޝީމް މަރުގެ ދައުވާގައި ޝާންގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިދިޔަ މެއި މަހުގެ ފަސް ވަނަ ދުވަހު އެވެ. އޭގެފަހުން ވެސް އެތައް ދުވަހަކު އެ މައްސަލައިގެ ޝަރީއަތް ބޭއްވުމަށް ތާވަލްކުރި ނަމަވެސް ކޮންމެ ދުވަހަކު ވެސް އަޑުއެހުން ކެންސަލްކުރަނީ އެވެ. މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި ގާޒީ އެގޮތަށް ވިދާޅުވީ ޝާން ބަންދުގައި ހުންނަތާ އެތައް ދުވަހެއްވެފައިވާތީ އެކަމުން އޭނާ ގެއްލުންތައް ވަމުންދާ ކަމަށް ބުނެ ޝާންގެ ބަންދަށް ލުޔެއް ދިނުމަށް އޭނާ ވަކީލް އަބްދުﷲ ހަސީން އެދިވަޑައިގަތުމުންނެވެ. އެ މައްސަލަ ބައްލަވާ ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ ކުރިން ބާއްވަން ތާވަލްކުރި އަޑުއެހުންތައް ކެންސަލްކުރަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން އެގޮތަށް އެދުމުން ކަމަށެވެ. އަދި ޝާން ބަންދަށް ލުޔެއް ދިނުމަށްވުރެ ބޮޑަށް ބައްލަވާނީ އެ މައްސަލަ އަވަހަށް ނިންމުމަށް ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންކަމުން ހެކިންގެ ހެކިބަސް ނަގާ ނިމުނުހާ އަވަހަކަށް އެ މައްސަލަ ނިންމަވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން މި ހަފުތާގައި އަޑުއެހުމެއް ބޭއްވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. މިއަދު އޮތް އަޑުއެހުމުގައި ދެ ފަރާތުން ވެސް ވަނީ ހެކި ހުށަހަޅައިފަ އެވެ. ޝާންގެ ޝަރީއަތް ކުރިއަށް ނުގޮސް މަޑުޖެހިފައި ކުރިން އޮތް ނަމަވެސް އެ މައްސަލައިގައި ދައުވާލިބޭ ހ. ލޮބީ ހުސައިން ހުމާމް އަހުމަދު ޝަރީއަތް ހިންގާ ނިންމީ އޭނާގެ މައްސަލަ ކޯޓަށް ފޮނުވިތާ އަހަރެއް ނުވަނީހެވެ. ހުމާމްގެ މައްޗަށް އެ ކުށް ސާބިތުވާތީ އޭނާ މެރުމަށް މިދިޔަ މަހު ފަހުކޮޅު ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ