ސިންގަޕޫރު އެއާލައިންސްއިން ސްކޫލް ބަންދަށް ހާއްސަ އަގުތަކެއްގައި ޓިކެޓް ވިއްކަން ފަށައިފި

މި އަހަރުގެ ސްކޫލް ބޮޑު ބަންދާ ދިމާކޮށް، ސިންގަޕޫރު އެއާލައިންސްގެ ބައެއް މަންޒިލްތަކުގެ ޓިކެޓުގެ އަގު ހެޔޮކޮށްފި އެވެ. ސިންގަޕޫރު އެއާލައިންސްގެ ރާއްޖޭގެ އެޖެންޓް، ސަންލޭންޑް ޓްރެވަލްސްއިން ބުނި ގޮތުގައި މި ހާއްސަ އަގުތަކުގެ ޓިކެޓަށް ދަތުރު ކުރެވޭނީ އަންނަ އޮކްޓޫބަރު މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށެވެ. އަދި މި މަހުގެ ނިޔަލަށް، ހާއްސަ އަގުތަކުގައި ޓިކެޓް ލިބެން ހުންނާނެ ކަމަށް ސަންލޭންޑުން ބުންޏެވެ. މި ފެއާގެ ދަށުން ސިންގަޕޫރު ދެކޮޅު ޓިކެޓް ލިބޭނީ 484 ޑޮލަރަށެވެ. އަދި މެލޭޝިއާގެ ދެކޮޅު ޓިކެޓް 564 ޑޮލަރަށް ލިބޭއިރު ބެންކޮކް ޓިކެޓުގެ އަގަކީ 555 ޑޮލަރެވެ. އިންޑޮނީޝިއާގެ ޖަކާޓާގެ ޓިކެޓް 651 ޑޮލަރަށް ވިއްކާއިރު ބާލީގެ ޓިކެޓުގެ އަގަކީ 655 ޑޮލަރެވެ. ހޮންކޮންގްގެ ދެކޮޅު ޓިކެޓްގެ އަގަކީ 580 ޑޮލަރެވެ. ޖަޕާންގެ ޓޯކިޔޯ އަށް ދިއުމުގެ ދެކޮޅު ޓިކެޓް 846 ޑޮލަރަށް ވިއްކާއިރު އޮސްޓްރޭލިއާގެ ސިޑްނީ އާއި ބްރިސްބޭންގެ ޓިކެޓުގެ އަގަކީ 1060 ޑޮލަރެވެ. އަދި ޗައިނާގެ ސިޓީތައް ކަމަށްވާ ބެއިޖިންގް، ޝަންގްހާއި، ޒިއަމެން، ޗަންގްޝާ، ވޫހާންގެ ދެކޮޅު ޓިކެޓް 946 ޑޮލަރަށް ލިބޭނެ ކަމަށް ސަންލޭންޑުން ބުންޏެވެ. ސަންލޭންޑުގެ އޮފޮޝަލަކު ވިދާޅުވި ގޮތުގައި ހާއްސަ އަގުތަކުގައި ޓިކެޓް ލިބޭނީ ދެ މީހުން އެކީ ދަތުރުކުރާ ނަމަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސްކޫލް ބަންދުވާ ދުވަސްވަރާ ދިމާކޮށް ޓިކެޓުގެ އަގު ހެޔޮ ކޮށްފައި ވަނީ ކަސްޓަމަރުންގެ އެދުމުގެ މަތިން ކަމަށެވެ. އަދި މި މަހު ޓިކެޓް ވިއްކަން ފަށާފައި ވަނީ ފަސިންޖަރުންނަށް ކުރިއާ ލައި ދަތުރު ރޭވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ