ޖޭޕީގެ ކައުންސިލް މެމްބަރު ސޮބާހްގެ ބަންދަށް ހައި ކޯޓުން ތާއީދުކޮށްފި

އިދިކޮޅު މުޒާހަރާއެއްގެ ތެރެއިން ހައްޔަރުކޮށްފައި ހުރި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ސޮބާހް ރަޝީދުގެ ބަންދަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ. ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވަމުން ގެންދެވި ސޮބާހް ހައްޔަރުކުރީ މި މަހުގެ 3 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި މުޒާހަރާގައި ހުންނަވަނިކޮށެވެ. ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ފުލުހުން ހައްޔަރުކުރި ސޮބާހްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދިނުމުން، އޭނާ ވަނީ އެ މައްސަލަ އިސްތިއުނާފް ކުރައްވާފަ އެވެ. ޖޭޕީގެ ފޮރިން އެންޑް ޕަބްލިކްރިލޭޝަންސް އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި ސޮބާހްގެ ބަންދަށް ހައި ކޯޓުން މިއަދު ހެނދުނު ތާއީދުކޮށްފައި ވާއިރު، އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ ބުދަ ދުވަހު އެވެ. ސޮބާހް ހައްޔަރުކުރީ އޭގެ ތިން ދުވަސް ކުރިން، މި މަހުގެ 1 ގައި ބޭއްވި ބޮޑު މުޒާހަރާ އިންތިޒާމްކުރި ކޮމެޓީގައި ވެސް އިސް ދައުރެއް އަދާކުރައްވާފައި ވަނިކޮށެވެ. އެ މުޒާހަރާގައި ހަމަނުޖެހުން ހިންގައި ފުލުހުންނާ ކުރިމަތިލައި ސަރުކާރާ ދެކޮޅަށް ނުކުތުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ހިމެނިވަޑައިގަންނަވަ އެވެ. މީގެ ތެރެއިން އަމީން ވަނީ ހައި ކޯޓުގެ އަމުރަށް، މިދިޔަ ބުރާސްފަތި ދުވަހު ދޫކޮށްލާފަ އެވެ. އިމްރާނާއި އަލީ ވަހީދުގެ ބަންދަށް ކްރިމިނަލް ކޯޓުން ކުރިން ދީފައި އޮތް 15 ދުވަހުގެ މުއްދަތު އެ ކޯޓުން ވަނީ އިއްޔެ އިތުރުކޮށްދީފަ އެވެ. އެ ގޮތުން، އިމްރާންގެ ބަންދަށް އިތުރު 10 ދުވަސް ދިންއިރު، އަލީ ވަހީދުގެ ބަންދުގެ މުއްދަތު ވަނީ ހަތް ދުވަހަށް އިތުރުކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ