10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވޭ މާއްދާ ސުޕްރީމް ކޯޓުން ބާތިލްކޮށްފި

އަލަށް އަމަލުކުރަން ފަށާފައިވާ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި، ޕާޓީއެއްގައި މަދުވެގެން 10،000 މެމްބަރުން ހަމަވާންޖެހޭނެ ކަމަށް އޮންނަ މާއްދާ ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ. އެ މާއްދާ އެ ކޯޓުން ބާތިލްކުރި 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވޭނެ ކަމަށް އެ ގާނޫނުގައި އޮތުމުން އެކަމަށް ހައްލެއް ހޯދައިދިނުމަށް ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ. އެ މައްސަލައިގައި ދައުވާލިބޭ ފަރާތެއް ނެތް ނަމަވެސް އެ މައްސަލައިގެ ތެރެއަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވަނާ ތަދައްހުލްވެފަ އެވެ. އެ މައްސަލައިގައި މިއަދު ހުކުމް އިއްވަވަމުން ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވީ ޕާޓީތައް އުފެއްދުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގަކަށްވާއިރު އެފަދަ ހައްގެއް ހަނިކުރެވޭނީ މިނިވަން ޑިމޮކްރެޓިކް މުޖްތަމައުތަކުގައި އެފަދަ ހައްގެއް ހަނިކުރެވޭ މިންވަރަށް ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ. އަދި ޕާޓީތައް އުފެއްދުމުގެ ހައްގަކީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ވެސް ކަށަވަރުކޮށްދޭ ހައްގެއްކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި އެވެ. އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ އެހެން ގިނަ ގައުމުތަކުގައި ވެސް ޕާޓީތައް އުފެއްދުމަށް ބޭނުންވަނީ ކުޑަ އަދަދެއް ކަމަށެވެ. އަދި ބޮޑެތި އަދަދުތައް ކަނޑައަޅާފައި އޮންނަނީ މަދު ގައުމެއްގައިކަން ފާހަގަކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އޭގެ ނަތީޖާއަކީ އެ ގައުމުތަކުގައި ވެސް ޕާޓީތައް މަދުވުން ކަމަށެވެ. އަދި ގިނަ ޕާޓީތައް އުފެދި ތަފާތު ފިކުރުތަކަށް ފުރުސަތު ހުޅުވާލެވިފައި އޮތުމަކީ ޑިމޮކްރެސީގެ އުންސުރެއް (ޕްރިންސިޕަލް) އެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ޕާޓީތައް އުފައްދާ ހިންގުމުގެ ހައްގު ހަމަހަމަކާއެކު އޮންނަންޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އެހެންކަމުން ޕާޓީއެއް އުފެއްދުމަށް ބޭނުންވާ އަދަދު ކަމުގައި ޕާޓީތަކުގެ ގާނޫނުގައި ކަނޑައަޅާފައިވާ އަދަދަކީ ޑިމޮކްރެޓިކް މުޖްތަމައުތަކުގައި ހައްގުތައް ހަނިކުރަންޖެހޭ މިންވަރަށް ވުރެ ބޮޑަށް ހަނިކޮށް، ކަނޑައަޅާފައިވާ އަދަދެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވި އެވެ. ސިޔާސީ ޕާޓީއެއްގައި 10،000 މެމްބަރުން ހަމަވާންޖެހޭނެ ކަމަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ގާނޫނު އަސާސީގެ 16 ވަނަ މާއްދާއާ ޚިލާފްވާތީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން އެ މާއްދާ ބާތިލްކުރާ އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި އުވި ގޮސްފައިވާ ޕާޓީތަކުގެ ގަވާއިދުގައި، ޕާޓީއެއްގައި 3،000 މެމްބަރުން ހަމަވާންޖެހޭނެ ކަމަށް އޮންނަ އޮތުމަށް އަމަލުކުރުން އަދިވެސް ދެމިއޮންނާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެއަށް އަމަލުކުރުން ދެމިއޮންނާނީ ޕާޓީތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އިސްލާހެއް ގެންނަންދެން ކަމަށެވެ. އާންމު ގޮތެއްގައި ބޮޑެތި މައްސަލަތައް ނިންމެވުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ރައުޔު އެހެން ފަނޑިޔާރުންގެ ރައުޔާ ތަފާތުވި ނަމަވެސް މި މައްސަލައިގައި މުއުތަސިމްގެ ރައުޔަކީ އެހެން ފަނޑިޔާރުންގެ ވެސް ރައުޔެވެ. އެ މައްސަލަ އެ ކޯޓުން ބަލައިނިމެންދެން ޕާޓީތައް އުވާލުމުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށް އެ ކޯޓުން ވަނީ ކުރިން އަމުރެއް ވެސް ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ