ޑރ. މަޖީދަށް ވޯޓު ދެވުނީ އޮޅިގެން، މައާފަށް އެދެން: މެމްބަރު ހަސަން ލަތީފް

އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އަށް ރުހުން ދިނުމަށް ފެންނިވަޑައިގަންނަވާ ކަމަށް އިއްޔެ ވޯޓު ދެއްވުނީ އޮޅިގެން ކަމަށާއި އެކަމަށް ޑީއާރުޕީގެ ހުރިހާ މެމްބަރުންގެ ފަރާތުން ވަރަށް ބޮޑަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ. ޑރ. މަޖީދަށް ރުހުން ދިނުމަށް ފާސްވީ ޑީއާރުޕީގެ މެމްބަރުން ތާއީދުކުރުމުން ކަމަށް އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވި ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަސަން ލަތީފު ވިދާޅުވީ ޑރ. މަޖީދަށް ރުހުން ދިނުމުގައި ސަރުކާރާ އެއްކޮޅަށް ވޯޓު ދިނުމަށް ޑީއާރުޕީން ބުނެފައި ނެތް ކަމަށެވެ. ޑީއާރްޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ މަޖީދާ ދެކޮޅަށް ވޯޓު ދިނުމަށް ވިޕެއް ވެސް ނެރެފަ އެވެ. "އަޅުގަނޑަށް އިއްޔެ ވޯޓު ދެވުނީ އޮޅިގެން. އެކަމަށް ޑީއާރުޕީގެ ހުރިހާ މެމްބަރުންގެ ފަރާތުން މައާފަށް އެދެން،" ހަސަން ލަތީފު ވިދާޅުވި އެވެ. ޕީޕީއެމްގެ މެމްބަރުންނަށް ރައްދު ދެއްވަމުން ހަސަން ލަތީފު ވިދާޅުވީ މެމްބަރަކު ކޮންމެ ގޮތަކަށް ވޯޓު ދެއްވި ނަމަވެސް އެކަމާ ދެކޮޅަށް އެހެން މެމްބަރުންނަށް ވާހަކަ ނުދެއްކެވޭނެ ކަމަށެވެ. އަދި އޭނާ އިއްޔެ ވޯޓު ދެއްވި ގޮތާ މެދު ބައެއް މެމްބަރުން ވާހަކަ ދައްކަވާއިރު ހެލްތު އިންޝުއަރެންސްގެ ބިލަށް އޭނާ ހުށަހެޅުއްވި ބައެއް އިސްލާހުތައް ފެއިލްވީ އިދިކޮޅު އެހެން ޕާޓީތަކުގެ މެމްބަރުންގެ ސަބަބުން ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވި އެވެ. ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފު ވިދާޅުވީ އިސްލާމިކް މިނިސްޓަރަށް ރުހުން ލިބުނީ ހަސަން ލަތީފުގެ އިތުރުން ޑީއާރުޕީގެ ނައިބު ލީޑަރު އަދި ވިލިނގިލީ ދާއިރާގެ މެމްބަރު މުހައްމަދު ރާމިޒު ވޯޓު ދެއްވުމުން ކަމަށެވެ. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ވިދާޅުވީ މަޖިލީހަށް ހުށަހަޅާ މައްސަލަތަކުގައި ޑީއާރުޕީގެ މެމްބަރުން ސަރުކާރާ ދެކޮޅަށް ވާހަކަ ދެއްކެވުމަށް ފަހު، އެ ޕާޓީގެ ބައެއް ވޯޓު ދެއްވަނީ ސަރުކާރުން ބޭނުންވާ ގޮތަށް ކަމަށެވެ. ޑރ. މަޖީދަށް ރުހުން ނުދޭން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމާފައި އޮތަސް، މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޑރ. މަޖީދަށް ރުހުން ދިނުމަށް ފާސްވީ، ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 73 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އިސްލާމިކް މިނިސްޓަރަށް ރުހުން ދެއްވަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓް ދެއްވީ 35 މެމްބަރުންނެވެ. މިއަހަރުގެ އޮކްޓޫބަރު 3 ގައި މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ޑރ. މަޖީދު އަލުން މިނިސްޓަރުކަމަށް އައްޔަންކުރެއްވީ އޮކްޓޫބަރު 9 ގަ އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ، އެމްޑީޕީ ސަރުކާރާ އެކު އަދާލަތު ޕާޓީން ހަދާފައިވާ ކޯލިޝަން އަދާލަތުން ރޫޅާލައި، ޑރ. މަޖީދު ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް އެ ޕާޓީން އެންގުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ