އިންތިހާބުގެ އެއްވެސް މައްސަލައެއް ނެތް: ގައުމީ އިއްތިހާދު

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި އިންތިހާބުގެ ނަތީޖާ ގަބޫލުކުރާ ކަމަށް ގައުމީ އިއްތިހާދު ޕާޓީން ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ލީޑަރު ކަން ކުރައްވަމުން ގެންދަވާ ގައުމީ އިއްތިހާދު ޕާޓީގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ މިއަދު ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިންތިހާބުގައި ވާދަކުރެއްވި އެ ޕާޓީގެ ލީޑަރު ރައީސް ވަހީދު އިންތިހާބުގެ ނަތީޖާ ގަބޫލު ކުރައްވާފައިވާ ކަމަށެވެ.
އައްބާސް ވިދާޅުވީ އިންތިހާބު ކުރިއަށް ދިޔައީ ވަރަށް އޮމާންކަމާއެކު އެއްވެސް މައްސަލައެއް ނުޖެހި ކަމުން އިލެކްޝަންސް ކޮމިޝަނަށާއި ފުލުހުންނަށް އެޕާޓީން ޝުކުރު އަދާ ކުރާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ވަހީދު އަމަލު ކުރައްވާނެ ގޮތަކީ ކޮބައިތޯ ދެންނެވުމުން އައްބާސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކާމިޔާބު ލިބޭނީ ކޯލީޝަނެއް ހަދައިގެން ނިކުންނަ ބަޔަކަށް ކަމަށާއި، ގައުމީ އިއްތިހާދު ޕާޓީން ވެސް ކޯލީޝަން ހެދުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.
"އިއްޔެ ގައުމީ އިއްތިހާދު ޕާޓީގެ ކައުންސިލް ބައްދަލުވުމެއް އޮތް. އެ ބައްދަލުވުމުގައި ނިންމާފައިވަނީ އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ސީނިއާ ބޭފުޅުން ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން ގޮތެއް ނިންމުމަށް. ރައީސް ވަހީދު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިކަން އަދި ހިއްސާ ކުރެވޭކަށް ނެތް،" އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގައުމާ ރައްޔިތުންނަށް އެންމެ ރަގަޅު ގޮތަކަށްވާނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިންގެ ފަހަތްޕުޅުގައި ކޯލީޝަނާއެކު ނިކުތުން ކަމަށާއި، ގައުމީ އިއްތިހާދު ޕާޓީން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޮންމެވެސް ބަޔަކާއެކު ފެންނާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ވަހީދަށް ލިބިވަޑައިގެންފައިވަނީ 10،750 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 5.13 ޕަސެންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ