އިސްލާމިކް ފައިނޭންސް ދާއިރާގެ ކޮންފަރެންސްއެއް އަންނަ މަހު ބާއްވަނީ
ރާއްޖޭގެ އިސްލާމިކް ފައިނޭންސް އާއި ބޭންކިންގެ ދާއިރާގައި މަސައްކަތް ކުރާ ކުންފުނިތައް ގުޅިގެން ބާއްވާ ކޮންފަރެންސެއް އަންނަ މަހު ގައުމީ ޔުނިވާސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ލަންކާގެ ޔޫޓީއޯ އެޑިއު ކޮންސަލްޓް އިން ބުނެފި އެވެ. އަންނަ މަހު ހަތަރު ވަނަ ދުވަހު ބާއްވާ މި ކޮންފަރެންސް ޝަރަފްވެރި ކޮށްދެއްވާނީ ރާއްޖޭގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޒީމާ އާދަމް އެވެ. މި ކޮންފަރެންސްގައި ބޭންކިން ދާއިރާގައި މަސައްކަތް ކުރާ ރާއްޖޭގެ ކުންފުނިތަކާއި މުއައްސަަސާތަކުގެ އިތުރުން މެލޭޝިއާ، އިންޑިއާ، ޕާކިސްތާނު އަދި ލަންކާގެ ކުންފުނިތަކުން ވެސް ބައިވެރިވެ އެވެ. ޔޫޓީއޯއިން ބުނި ގޮތުގައި މި ކޮންފަރެންސްގައި މަޝްވަރާ ކުރެވޭނީ ރާއްޖޭގެ އިސްލާމިކް ފައިނޭންސް އިންޑަސްޓްރީ ހަރުދަނާކޮށް ފުޅާ ކުރުމަށް ކުރެވޭނެ ކަންކަމާ ބެހޭގޮތުންނެވެ. އަދި މި ކޮންފަރެންސްގައި ބައިވެރިވާ އެކި ކުންފުނިތަކާއި މުއައްސަސާތަކުގެ އިސްވެރިން ވާހަކަ ދައްކަވާނެ ކަމަށް ވެސް ޔޫޓީއޯއިން މައުލޫމާތު ދެއެވެ. އޭގެތެރޭގައި ހައްޖު ކޯޕަރޭޝަނާއި ފައިނޭންސް މިނިސްޓްރީއާއި އަމާނާ ތަކަފުލް އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ހިމެނެ އެވެ. މި ކޮންފަރެނަސްގައި ބައިވެރިވާ ބޭރު ކުންފުނިތަކުގެ އިސްވެރިން ވެސް ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށް ޔޫޓީއޯއިން ބުނެ އެވެ. ކޮންފަރެންސްގައި ވާހަކަ ދައްކާނީ ރާއްޖޭގެ އިސްލާމިކް ފައިނޭންސް ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކާ އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުންނެވެ. އަދި މި ދާއިރާގައި މުސްތަގުބަލުގައި ކުރެވޭނެ ކަންކަން ފަދަ މައުލޫތަކަށް ވެސް ވާހަކަ ދައްކާނެ އެވެ. ލަންކާގެ ޔޫޓީއޯ އެޑިއު ކޮންސަލްޓްއަކީ އިސްލާމީ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭރުގެ ެއކި ގައުމުތައް ބައިވެރިކޮށް ކޮންފަރެންސްތައް ބާއްވާ ޔޫޓީއޯ ގްރޫޕްގެ ގޮތްޕެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ