އެއްވެސް ބޭފުޅަކު ހީނުކުރައްވާތި ގައުމީ އިއްތިހާދު އުވިގެން ދާނެއޭ: ރައީސް ވަހީދު
ގައުމީ އިއްތިހާދު ޕާޓީ އުވިގެންދާނެ ކަމަށް އެއްވެސް ބޭފުޅަކު ހީކުރައްވައިގެން ނުވާނެ ކަމަށާއި އެ ޕާޓީ އެހާ ފަސޭހައިން އުވިގެން ނުދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ރައީސް މުހަންމަދު ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ. ގައުމީ އިއްތިހާދުން މިރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ އެ ޕާޓީއާ ގުޅުމަށް އާންމުކޮށް ފުރަތަމަ ފަހަރަށް ގޮވާލައްވައިފަ އެވެ. "އަޅުގަނޑު އާންމު ޕޯޑިއަމެއްގައި ދުވަހަކު ވެސް މި ޕާޓީއާ ގުޅިވަޑައިގަތުމަކަށް ނޭދެން. މިހާތަނަށް ނުކުރާ ކަމެއް މިއަދު މި ކުރަނީ. މިރޭ އަޅުގަނޑު އެދެން އަޅުގަނޑަށް ތާއީދު ކުރައްވާ ބޭފުޅުން އަޅުގަނޑުގެ އަތުގައި ހިއްޕަވައި ދެއްވާށޭ،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ ހިދުމަތް ހޯދަން ބޭނުން ނަމަ އެ މީހަކު ވެސް މަސައްކަތެއް އެބަކޮށްދޭން ޖެހޭ ކަމަށާއި އޭގެ ތެރެއިން އެއް މަސައްކަތަކީ އެމަނިކުފާނާ ގުޅުން ކަމަށެވެ. އަނެއް ގޮތަކީ، ރައީސް ވިދާޅުވި ގޮތުގައި ޕާޓީއާ ގުޅުމެވެ. "މިވަގުތު ހާލަތު އޮތް ގޮތުން ކުރަން ޖެހޭ ކަމެއް އެއީ. އަޅުގަނޑު އެންމެ ބޭނުންވާ ގޮތް ނޫނަސް އަޅުގަނޑުގެ އަތުގައި ހިއްޕަވާލަން އެބަ ޖެހިވަޑައިގަންނަވާ،" ރައީސް ވިދާޅުވި އެވެ. ސިޔާސީ ޕާޓީތަކުގެ ބިލް ތަސްދީގުކުރަން މަޖުބޫރުކުރުވާ ގޮތަށް މަޖިލީހުން އިއްޔެ ފާސް ކުރުމާ ގުޅިގެން ގައުމީ އިއްތިހާދު ޕާޓީ ވެސް އުވިގެންދާނެ އެވެ. ބިލްގައި ބުނެފައިވާ ގޮތަށް ޕާޓީއެއްގައި ތިބެން ޖެހޭ އެންމެ ދަށް އަދަދު ކަމަށްވާ 10،000 މީހުން އެ ޕާޓީގައި ހަމައެއް ނުވެ އެވެ. އެ ޕާޓީގައި ތިބި މެމްބަރުންގެ އަދަދު ފަސް ހާހަށް ވެސް ނާރަ އެވެ. ރައީސްގެ ވާހަކަފުޅުގައި ސިޔާސީ ބޮޑެތި ޕާޓީތައް ގައުމީ އިއްތިހާދު އުވާލަން މަސައްކަތް ކޮށްފައިވާ ކަމުގެ ތުހުމަތު ވެސް އެޅުއްވި އެވެ. "ކޭކެއް ވެސް އެންމެންނަށް ބަހަންވީމާ އެ ބޮޑުބައި ބޭނުންވާ މީހާ އަށް އެ ބޮޑުބައެއް ނުލިބޭނެ. އެންމެންނަށް ދޭން ޖެހޭ އެއްޗެއް އެއީ. އަޅުގަނޑުމެންގެ އުސޫލަކީ އަޅުގަނޑުމެންގެ އަހުންނާ އުޚުތުންނަށް ހަމަހަމަ އަށް ކަން ހިންގުން. ހުރިހާ އެންމެންނަށް އިންސާފުވެރި ކަމާ އެކު ކަންކަން ކޮށްދިނުން،" ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެ ޕާޓީ އަށް މި ދުވަސް ކުރިމަތިވާނެ ކަން ކުރިން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ބޮޑެތި ޕާޓީތައް ގައުމީ އިއްތިހާދު ނައްތާލަން މަސައްކަތް ކުރާކަން ވެސް އެނގިވަޑައިގެންފައިވާ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ. "ގައުމީ އިއްތިހާދު ޕާޓީ އޮތުމުން ކާކަށްތޯ ނުރައްކަލެއް ވަނީ؟ ގައުމީ އިއްތިހާދު ޕާޓީގެ މީހުން ނުކުމެ މީހަކަށް ޖެއްސުމެއް ނުކުރޭ. މި ޕާޓީގެ މެމްބަރުން ނުކުމެ އެހެން ޕާޓީތަކުން މެމްބަރުން ގެންނާކަށް ވެސް މަސައްކަތެއް ނުކުރޭ،" ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ނައިބު ރައީސް ކަމުގައި ހުންނެވި އިރު ވެސް، އަދި މިހާރު ރައީސް ކަމުގައި ހުންނަވާއިރު ވެސް ޕާޓީ ބޮޑުކުރަން މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި މަސައްކަތް ކުރެއްވީ ގައުމީ މަސްލަހަތަށް ކަމަށާއި ޕާޓީ ބޮޑުކުރައްވަން އުޅުއްވި ނަމަ އެކަން ކުރެއްވުނީސް ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް ކަމަށް ވަޑައިގަތުމަށް ފަހު އިސްކަންދެއްވީ ގައުމީ އެއްބައިވަންތަ ކަމަށް ކަމަށާއި އެހެންވެ އެހެން ޕާޓީތަކާ ގުޅިވަޑައިގެން، އެ ބޭފުޅުން ދެއްކެވި ބޭފުޅުންނާ އެކު ކެބިނެޓް ހައްދަވައިގެން މަސައްކަތްޕުޅު ކުރެއްވީ ކަމަށެވެ. އަދި ވިދާޅުވީ އެ ދަނޑިވަޅު ވެސް އެމަނިކުފާނުގެ ޕާޓީ އަށް އިސްކަން ދެވުނީސް ކަމަށާއި ކެބިނެޓްގައި ހިމަނާނެ ފަނަރަ ވަރަކަށް ބޭފުޅުން ގައުމީ އިއްތިހާދުން ވެސް ހޯދުނީސް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ