އިދިކޮޅު ފަރާތްތަކުން ދެކޭގޮތުގައި ރާ ވިއްކަން ޖެހޭނީ ގާސިމް އެކަނި: ނާޒިމް

ރާއްޖޭގައި ރާވިއްކުމުގެ ހުއްދަ އޮންނަން ޖެހޭނީ މަޝްހޫރު ވިޔަފާރިވެރިއާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އެކަނި ކަމަށް އިދިކޮޅު ފަރާތްތަކުން ދެކޭ ކަމަށާއި ޑިސެމްބަރު 23 ގެ ބޮޑު މުޒާހަރާގައި އެކަން ސާބިތުކޮށްދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ. "އެ މީހުން [އިދިކޮޅު ފަރާތްތަކުން] މި ބުނަނީ ރާއްޖޭގައި ރާ ވިއްކަން ޖެހޭނީ ހަމައެކަނި ގާސިމް ކަމަށް. އެހެނެއް ނުވާނެ. ރާއްޖޭގައި ގާސިމަށް ރާ ވިއްކުމުގެ ހުއްދަ އޮންނަންޏާ ހުރިހާ ތަނެއްގައި [އަތޮޅުތަކުގެ ރިސޯޓްތަކުގައި] ވެސް ވިއްކެންވާނެ. އެހެން ނޫނީ ވިއްކައިގެން ނުވާނެ،" ގާސިމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވި އެވެ. "މި ރާއްޖޭގައި ގާސިމް އިބްރާހީމަށް އެކަނި ރާ ވިއްކޭގޮތަށް ހެދުމަށް ފަހު އޭނާގެ ފަހަތުގައި ނުކުމެ މިއޭ ވެރިމީހާ އަކީ މީނަ އަށް ވޯޓުދޭށޭ ބުނެ ނުކުތީމާ ސުވާލު އުފެދޭ. ރައްޔިތުން ސުވާލު އުފައްދާނެ." އެމްޑީޕީން ބުދަ ދުވަހުގެ ރޭ ފެށި "ތިހެނެއް ނުކިއޭނެ" ކެމްޕޭން ޖަލްސާގައި ނާޒިމް ވިދާޅުވި ގޮތުގައި ބަޔަކު އަމިއްލަ އަށް ނުކުމެ އެމްޑީޕީ އަކީ ޣައިރުދީން ފަތުރާ ބައެއްކަމަށް ނިންމައި ހަމަނުޖެހުން އުފެއްދުމުގެ ފުރުސަތުދީގެން ނުވާނެ އެވެ. އެފަދަ ހާލަތްތަކުގައި ދައުލަތް ހިމާޔަތްކުރުމަށް އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ލާޒިމްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މުޒާހަރާކޮށް، ސަރުކާރަށް ޣައިރު ދީނުގެ ތުހުމަތުކުރަމުން ދަނީ ދައްކާނެ އިތުރު ވާހަކަތަކެއް ނެތުމުން ކަމަށެވެ. "ކޮންބައެއްތޯ 23 ޑިސެމްބަރުގައި މުޒާހަރާ އަށް ނުކުމެތިބީ. ބޮޑެތި ރާ އަޑުބާތައް. އެ އަޑުބާތައް ތިބެގެން މި ބުނަނީ ރާ ވިއްކުން މަނާކުރާށޭ. އެހެންވީމަ މިކަން އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ އިސްލާމްދީނަށް ފުރައްސާރަކުރުން ނޫން ގޮތަކަށް،" ނާޒިމް ވިދާޅުވި އެވެ. އެ ޖަލްސާގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ރާއްޖޭގައި އެއްބައިވަންތަކަން ހަލާކުކުރުމަށް، ސަރުކާރާ ދެކޮޅަށް ދައްކަމުން އަންނަ ދޮގު ވާހަކަތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަކީ ފުލުހުންގެ ވާޖިބެއް ކަމަށެވެ. "މި ކުށްތައް ކުރާ މީހުންނާ ދޭތެރޭގައި ހައްގު އަދަބު ދެވެންދެން އަޅުގަނޑުމެން މިކުރާ މަސައްކަތް ހުއްޓައެއް ނުލާނަން. އަޅުގަނޑު ބޭނުންވޭ ތި ހުރިހާ ބޭފުޅުން ވެސް މިކަމުގައި އަޅުގަނޑާ އެކުގައި ތިއްބެވުމަށް،" މާރިޔާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ އަކީ ޣައިރު ދީން ފެތުރުމަށް ހިތްވަރުދޭ ބައެއް ކަމަށް ބުނެފިނަމަ އެ މީހެއްގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ