އަހުމަދު އިބްރާހީމް
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރ އަލީ ވަހީދާއި ފޭދޫ ދާއިރާގެ މެމްބަރ އަލްހާން ފަހުމީ އާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބުދުﷲ އަބުދުލް ރަހީމްގެ މައްސަލަ ބަލާނެކަމަށް ގެމަނަފުށި ދާއިރާގެ މެމްބަރ އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ދިޓީވީން ގެނެސްދިން ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ އަލީ ވަހީދު މާލެއިން ގޯތި ގަނެފައިވާގޮތް ބަލާނެ ކަމަށާއި އެ މައްސަލަތައް ބަލައި ފިޔަވަޅު އަޅައި ޖަލަށް ވެސް ލާނެކަމަށެވެ. އަލްހާނާއި އަބުދުﷲ އަބުދުލް ރަހީމުގެ މައްސަލަ ބައްލަވާނެކަމަށް ވިދާޅުވެ ވާހަކަ ދެއްކެވި އިރު އެ ދެ މެމްބަރުންގެ މައްސަލައެއް ވިދާޅެއްނުވެ އެވެ.
އިލްހާމް ވިދާޅުވިގޮތުގައި މަޖިލީހުގައި ތިބި އެމްޑީޕީއަށް ތާއިދު ކުރާ މަޖިލިސް މެމްބަރުންގެ ކަންތައްތައް ބަލައި ފިޔަވަޅު އަޅާނެ އެވެ. ވަރަށް ޖޯޝާއެކު ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ ބުރާސްފަތި ދުވަހު މަޖިލިސް ތެރޭގައި ހިންގާފައިވާ އަމަލުތަކަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވުމަށް އިންތިހާބެއްގެ ވާހަކަ ދައްކާއިރު އެ އިންތިހާބުގެ ވާހަކަ ދެއްކޭނެ ފުރުސަތު ދީފައިވާކަމަށެވެ.
ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރަން ނޭނގޭ ނަމަ ދެން ހަދާނެގޮތެއް ނޭނގޭކަމަށާއި އެމްޑީޕީގެ ކަންތައްތައް މާ މައްޗަށް ގޮސްފައިވާކަމަށް އިލްހާމް ވިދާޅުވި އެވެ.
އަލީ ވަހީދު މައްސަލަ ބަލައި ޖަލަށް ލާނެ ވާހަކަ އިލްހާމް ވިދާޅުވިއިރު، ބުދަ ދުވަހުގެ ރޭ އަލީ ވަހީދު ވިދާޅުވީ ރާއްޖޭގައި ދެވޭ އެންމެ ބޮޑު އަދަބަކީ 25 އަހަރު ކަމަށާއި އޭނާގެ މިހާރުގެ އުމުރަށް ބަލާއިރު އެ ފަދަ ހުކުމެއް ކުރި ނަމަވެސް އުމުރުން 53 އަހަރުގައި މިނިވަންވާނެކަމަށެވެ.
"އުމުރުން 53 އަހަރުގައި އެނބުރި އައިސް އެ މީހުން ޖަލަށްލާނަން. އެ މީހުން ކުރި ކުށް ސާބިތު ކުރުވާނަން. މިހާރު އިންސާފުނުލިބިދާނެ،" އެމްޑީޕީން ލޮނުޒިޔާރަތްކޮޅުގައި ބާއްވާ ސިލްސިލާ މުޒާހަރާގައި ބުދަ ދުވަހުގެ ރޭ ވާހަކަ ދައްކަމުން އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދާއި އަލްހާން އަދި އަބުދުﷲ އަބުދުލް ރަހީމުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނަން: އިލްހާމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ