އަބްދުﷲ ޝާހިދަކީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭވަރުގެ ބޭފުޅެއް ނޫން: ޕީޕީއެމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަކީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭވަރަށް ވުރެ ޚުދުމުޚުތާރު ބޭފުޅެއް ކަމަށް ޕީޕީއެމުން ބުނެފި އެވެ. އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވީ އެ ޕާޓީން ހުށަހަޅާ ކުއްލި މައްސަލަތައް ވެސް ނުބައްލަވައި ޝާހިދު މަސައްކަތް ކުރައްވަނީ އެމްޑީޕީއާ އެކު ޑީލް ހައްދަވައިގެން ކަމަށެވެ. އެގޮތުން އެ ޕާޓީން މިއަދު ހުށަހެޅި މައްސަލަ ވެސް ކުރިއަށް ނުގެންދަވައިގެން، ކޮޅަށް ތެދުވި މެމްބަރުންގެ ތެރެއިން ބޭރަށް ނެރުއްވީ އޭނާ އެކަނި ކަމަށް މަހްލޫފް ވިދާޅުވި އެވެ. "އެއީ ހަމަ އަޅުގަނޑާ ޒާތީވެގެން ކުރި ކަމެއް. އަބްދުﷲ ޝާހިދަކީ ޒާތީގޮތުން ޖައްސާލައިގެން މަސައްކަތްކުރައްވާ ބޭފުޅެއް. އެމްޑީޕީ އަށް ފައިދާވާނެ ހުރިހާ ގޮތަކަށް މަސައްކަތް ކުރައްވަމުން އެބަގެންދޭ،" މަހްލޫފް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޝާހިދު އެގޮތަށް މަސައްކަތް ކުރައްވާ ނަމަ އޭނާ ބަދަލުކުރުމާ މެދު އެ ޕާޓީން ވަރަށް ފުންކޮށް ވިސްނާނެ އެވެ. ޝާހިދަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން މަހްލޫފް ވަނީ ޝާހިދު ދާދި ފަހުން ވެސް ރައީސް މުހައްމަދު ނަޝީދާ އެކު ރިސޯޓަކަށް ވަޑައިގެން، އެއާޕޯޓް ހިންގާ ޖީއެމްއާރު ކުންފުންޏާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ކަމަށް ތުހުމަތުކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ