އެގާރަ މެންބަރެއްގެ ސައްހަކަމާ މެދު ގޮތެއް ކަނޑައަޅައިދޭން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިދިކޮޅު އެމްޑީޕީގެ 11 މެމްބަރެއްގެ މެމްބަރުކަމުގެ ސައްހަކަމާމެދު ގޮތެއް ކަނޑައަޅައިދިނުމަށް އެދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ރައީސް ވަހީދުގެ ޤައުމީ އިއްތިހާދު ޕާޓީގެ ސުޕޯކުސްޕާސަން އައްބާސް އާދިލް ރިޒާ ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށައަޅުއްވައިފިއެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅުއްވުމަށްފަހު ވީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އައްބާސް ވިދާޅުވީ އެ މައްސަލައިގައި އެދިވަޑައިގެންފައިވާނީ މަޖިލީހުގެ 11 މެމްބަރެއްގެ މެންބަރުކަމާއި މެދު ސުވާލު އުފެދޭތީ އެފަދަ މެންބަރުންގެ މައްސަލަތަކާއި މެދު ގޮތެއް ކަނޑައަޅައި ދިނުމަށެވެ.
އައްބާސް ވިދާޅުވީ އެމައްސަލަ ހުށަހެޅުއްވީ އޭނާގެ އަމިއްލަ ނަމުގައި ކަމަށާ އެމައްސަލައަކީ ފުރިހަމަ ހެކި ހުރެގެން ހުށަހަޅުއްވާފައިވާ މައްސަލައެއް ކަމަށެވެ.
އެގޮތުން މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ 11 މެންބަރުން ޤާނޫނު އަސާސީއާއި ޚިލާފުވެފައިވާކަން ސާބިތުވާނެ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.
އެމްޑީޕީގެ 11 މެމްބަރެއްގެ މެމްބަރުކަމުގެ ސައްހަކަމާމެދު ގޮތެއް ކަނޑައަޅައިދިނުމަށް އެދި އައްބާސް ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް މެންބަރުންގެ ނަންތައް އައްބާސް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް މެންބަރުންގެ ނަން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.
އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ނަމަވެސް މައްސަލަ ބަލައިގަތުމާމެދު ކޯޓުން އަދި ވަކި ގޮތެއް ނިންމިކަން އަންގާފައި ނުވާކަމަށްވެސް އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ 17 މެމްބަރެއްގެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ކުރިން ގައުމީ ހަރަކާތުން ބުނި ނަމަވެސް ގާނޫނީ ވަކީލުންގެ ޓީމުން އެއަދަދު 11 އަށް ދަށްކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ