ތުޅާދޫގައި ކަރަންޓު ނެތި ހަތް ގަޑިއިރަށްވުރެ ގިނައިރުވުން ރައްޔިތުން ރުޅިގަދަވެއްޖެ

ބ. ތުޅާދޫގައި ކަރަންޓު ނެތްތާ ހަތް ގަޑިއިރަށްވުރެ ގިނައިރުވުން ރައްޔިތުން ރުޅިގަދަވެއްޖެ އެވެ.
ވީނިއުސްއާ ވާހަކަ ދެއްކި ތުޅާދޫ މީހަކު ބުނީ، ރަށުން ކަރަންޓު ދިޔައީ ރޭ މެންދަމުން އަލިވެ 3:30 ގައި ކަމަށާއި އޭނގެ ފަހުން ކަރަންޓު އަދިވެސް ނުލިބޭ ކަމަށެވެ. އަދި ކަރަންޓު ނެތުމުން ސުކޫޅުގެ ހެނދުނު ދަންފަޅީގެ ކިޔެވުން ފަށަން ޖެހުނީ 9:45 ހާއިރު ކަމަށާއި ގިނަ ކުދިން ސުކޫލަށް ވެސް މިއަދު ނުދާ ކަަމަށެވެ. އަދި ރަށުން ކަރަންޓު ކެނޑެން ދިމާވީ އެއްސަބަބަކީ އިންޖީނުގޭގައި ބޭނުން ކުރާ ތިން ޖަނަރޭޓަރުވެސް ބާވެފައިވުމުން ކަމަށް ވެސް އޭނާ ބުންޏެވެ.
"ކަރަންޓު ނުލިބި ގިނައިތުތަކެއް ވަމުންދާތީ ރައްޔިތުންގެ ހިތްހަމަނުޖެހުން މިހާރު ރަށުތެރޭގައި އެބޮތް. ފެނަކައިން ވެސް ދެފަހަރު ދެގޮތައް ރައްޔިތުންނަށް މިމައުލޫމާތު ދެނީ. ފުރަތަމަ ބުނީ. މިއަދު 12:00ގައި ކަރަންޓު ލިބޭނެ ކަމަށް. އެކަމަކު ވެސް އަދި ވެސް ނުލިބެ." ތުޅާދޫއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ވީނިއުސްއާ ވާހަކަ ދައްކަމުން ތުދާޅޫ ކައުންސިލް އިދާރާގެ ނައިބު ރައީސް ޒާއިދު ރަޝީދު ވިދާޅުވީ، ކަރަންޓްގެ ހިދުމަތް ލިބޭނެ ވަކި އިރެއް ނޭންގޭ ކަމަށް ފެނަކައިން ވެސް ބުނެފައިވާ ކަމަށެވެ. އަދި ކަރަންޓްގެ ހިދުމަތް ދިނުމަކަށްޓަކައި އިންޖީނު މިހާރު އޯވަހޯލް ކުރަމުން ދާކަމަށް ފެނަކައިން ބުނެފައި ވާކަމަށްވެސް ޒާއިދު ވިދާޅުވި އެވެ.
ޒާއިދު ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ކަރަންޓު ދިނުމަށްޓަކައި އިންޖީނުގޭގައި ޖުމްލަ ތިން ޖަނަރޭޓަރު ހުންނަ ކަމަށާއި އެއީ 250 ކިލޯވޮޓްގެ ދެ ޖަނަރޭޓަރާއި 200 ކިލޯވޮޓުގެ ޖަނަރޭޓަރެއް ކަމަށެވެ. އެތިން ޖަނަރޭޓަރު ވެސް ވަނީ ވަރަށް ބޮޑަށް ބާވެފައި ކަމަށް ވެސް ޒިއާދު ވިދާޅުވި އެވެ.
މީގެ އިތުރުން ޒިއާދު ވިދާޅުވީ، މިހާރު ރަށުގެ އާބާދީއާއި ކަރަންޓު ބޭނުންކުރާ މިންވަރަށް ބަލާފައި މުޅިރަށަށް 500 ކިލޯވޮޓު ކަރަންޓު ބޭނުން ވާނެ ކަމަށާއި މިހާރު އިންޖީނުގޭގައި ހުރި ހުރިހާ އިންޖީނެއްގެ ފުލް ކެޕޭސިޓީއަކީ 700 ކިލޯވޮޓު ކަމަށެވެ. އަދި އޯވަހޯލު ކޮށްގެން ނޫނީ އާ ޖަނަރޭޓަރު ތަކެއް ގެނެސްގެން ކަރަންޓު ދެވެން އޮތްއިރު، ފެނާއި ނަރުދަމާގެ މަސްއޫރުވެސް މިހާރު ރަށުގައި ފަށާފައިވުމުން ކަރަންޓުގެ ލޯޑް ނުހަނު ބޮޑުވާނެ ކަމަށާއި މިހާރު މިހުރި ޖަނަރޭޓަރު ތަކަކުން އެކަން ކުރަންނާ ކަރަންޓު ކެނޑޭނެ ކަމަށް ޒިއާދު ވިދާޅުވި އެވެ.
ތުޅާދޫގެ އާބާދީގައި 2977 މީހުން ދިރިއުޅެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ