މެމްބަރު މޯޑު ހުޅުޖެހުމުގައި ބައިވެރިއެއްނުވޭ، އަލިފާން ނިއްވަން އެހީތެރިވެދިން: ވަކީލު

ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީގައި ހުޅުޖެހުމުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު) ބައިވެރިވެފައި ނުވާކަމަށާއި ނަމަވެސް އަލިފާން ނިއްވުމުގައި އެހީތެރިވެދީފައިވާ ކަމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެ އެވެ.
މޯޑުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އަށް ޖަވާބުދާރީވަމުން އޭނާގެ ވަކީލާ ވިދާޅުވީ، ދައުލަތުން ކުރި ދައުވާގައި ބުނެފައިވާ އެއްވެސް ކަމެއް އޭނާ ކޮށްފައިނުވާނެ ކަމަށެވެ.
ވަކީލާ ވިދާޅުވީ، 2012 ވަނަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީގައި އެމްޑީޕީން ބޭއްވީ ސުލްހަވެރި ހިނގާލުމެއް ކަމަށެވެ. އަދި އެވަގުތު މޫނު ނިވާކޮށްގެން ތިބި ބަޔަކު އެތަނަށް އެއްވެ ހަމަނުޖެހުން ހިންގައި ހިނގާލުން މުޒާހަރާ އަކަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ރޭ މޯޑު މަސައްކަތް ކޮށްފައިވަނީ ފުލުހުންނާ ވާހަކަދައްކައިގެން ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ކަމަށެވެ. އެގޮތުން އޭނާ ސައިކަލްގައި ވަޑައިގަންނަވަނިކޮށް އައްޑޫ ސިޓީގެ ކުރީގެ އޮޑިޓް އޮފީހުގައި ހުޅުޖެހި ކަމުގެ މައުލޫމާތު ލިބުމުން އެތަނަށް ގޮސް އަލިފާން ނިއްވުމަށް އެހީތެރިވެދީފައިވާ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.
ދައުލަތުން ކުރި ދައުވާގައި ބުނެފައިވާ ކަންތައްތައް މޯޑު ނުކުރާކަން ސާބިތުކުރުމަށް އޭނާގެ ފަރާތުން މިއަދު ވަނީ އަށް މީހަކު ހެކީންގެ ގޮތުގައި ހުށަހަޅައިފަ އެވެ.
މޯޑުގެ ފަރާތުން ދިފާއުގައި ހެކި ހުށަހެޅި އިރު އޭނާއާ ދެކޮޅަށް ދައުލަތުން ވަނީ 31 މީހަކު ހެކީންގެ ގޮތުގައި ހުށަހަޅައިފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވައިލައްވަމުން ގާޒީ ވިދާޅުވީ ދެންބާއްވާ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.
މޯޑުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާއި އެރޭ 9:30 އާ ދެމެދުގެ ވަގުތެއްގައި ސ. ގަމަށް ދާން އޮންނަ ކޯޒްވޭގައި އޭނާ ހުރެ ބާރުގެ ބޭނުންކޮށްގެން ފުލުހުންނާއި ސިފައިންގެ ސަފުތައް ރޫޅާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.
ދައުވާގައި ބުނެފައި ވަނީ އެގޮތަށް އިންޒާރުދިނުމަށް ފަހު ގަން ޕޮލިސް ސްޓޭޝަންގެ ތެރެއަށް ވަދެގަތުމަށާއި ފުލުހުންނަށް ހަމަލާ ދިނުމަށާއި ގަން ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިނުމަށް އޭނާ ގޮވާލާފައިވާ ކަމަށެވެ. އަދި ފޭދޫ ކޯޓާއި ހިތަދޫ ޕޮލިސް ސްޓޭޝަން ކައިރީ ހުރެ އެތަންތަނަށް ގެއްލުން ދިނުމަށް އޭނާ ގޮވާލާފައިވާ ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައި ބުނެފައިވެ އެވެ.
އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި (ކ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
ދިވެހި ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ކ)ގައި ބުނެފައި ވަނީ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ކަމެއް ކުރުން ނުވަތަ ކުރަން އުޅުން ނުވަތަ މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ގެއްލުންދީފާނެ ކަމުގެ އިންޒާރު ދުލުން ނުވަތަ ލިޔުމުން ވިޔަސް ދިނުމަކީ ޓެރަޒިރަމްގެ ކުށްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ