ގާޒީ ކަނދޮޅު ގަސްތަކެއް ބޭރު ކުރަން އުޅެނިކޮށް ހުއްޓުވައިފި

ހއ. ކެލާ އިން މިއަދު ކަނދޮޅު ގަސްތަކެއް ބޭރު ކުރައްވަން އުޅުއްވަނިކޮށް އެ ރަށު ގާޒީ މުހައްމަދު ރަޝީދު (ސީދިބެ) ހުއްޓުވައި ފުލުހުންގެ ޓީމެއް ގޮސްގެން މައްސަލަ ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގަވާއިދާ ހިލާފަށް ކަނދޮޅު ގަސްތަކެއް ކެލާ އިން ބޭރު ކުރަން އުޅޭ ކަމުގެ ރިޕޯޓެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި ނަމަވެސް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. އޭނާ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ކެލާ ކައުންސިލަރު ހުސައިން ހަމީދު ވިދާޅުވީ ހުއްދަ ނުހޯދައި އެ ރަށުން ބައެއް ބާވަތްތަކުގެ ގަސް ބޭރު ކުރުން ރަށު އޮފީހުން ވަނީ މަނާ ކޮށްފައި ކަމަށެވެ. އަދި އެ ގަވާއިދާ ހިލާފަށް ގާޒީ ހާހެއްހާ ކަނދޮޅު ގަސް ބޭރު ކުރައްވަން އުޅުއްވަނިކޮށް ދޯނި ހުއްޓުވައި ފުލުހުންނަށް މައްސަލަ ހުށަހެޅުއްވީ ކަމަށާއި ފުލުހުންގެ ހަ މީހުންގެ ޓީމެއް ކެލާ އަށް ގޮސްގެން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ހުސައިން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ކެލާ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ އަމީންއާއްމު ޑރ. އަބްދުﷲ މައުސޫމްގެ ބައްޕަ ސީދިބެ ދޯންޏެއްގައި ކަނދޮޅު ގަސްތަކެއް ބޭރު ކުރައްވަން އުޅުއްވި މަންޒަރު ކެލާގައި ހުރި ހަވީރުގެ ފޮޓޯގްރާފަރަކަށް ވެސް ވަނީ ފެނިފަ އެވެ.
"ބޯށްޓާއި ކަށިކޭލާއި ކަނދޮޅު ފަދަ މި ރަށުން މަދުވާ ޒާތުގެ ބައެއް ގަސްގަސް ހުއްދަ ނުހޯދައި ބޭރު ކުރުން ރަށު އޮފީހުން ވަނީ މަނާކޮށްފައި،" ކައުންސިލަރު ވިދާޅުވި އެވެ. "ސިދިބެ މި އުޅުއްވީ މަނަފަރު ރިސޯޓަށް ވިއްކާލަން ހާހެއްހާ ކަނދޮޅު ބޭރު ކުރައްވަން. ދޯނި ފުރަން އުޅެނިކޮށް އަޅުގަނޑު ބުނީ ފުލުހުން އައިސް މައްސަލަ ވަކިގޮތަކަށް ނިންމުމުގެ ކުރިން ފުރައިގެން ނުވާނެއޭ."
ސީދިބެގެ ބަހެއް ހޯދަން ގުޅި އިރު އޭނާ ފޯނެއް ނުނަންގަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ