ސްކޫލްގައި އުޅުނު 16 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނެ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މާލޭ މެންބަރު، ހ. ފޮއްދޫގޭ މުހައްމަދު ނަޝީދު )ކާނަލް ނަޝީދު(ގެ މައްޗަށް ކުރެއްވި ޝަރީއަތުގައި، އޭނާ ކުށްވެރި ނުވާ ކަމަށް ޖިނާއީ ކޯޓުން މިއަދު ހުކުމް ކުރައްވައި މައްސަލަ ނިންމަވައިފި އެވެ.
މިއަދު ހެނދުނު އޮތް ޝަރީއަތުގެ މަޖިލީހުގައި ގާޒީ ނަޝީދުގެ މައްޗަށް އިއްވެވި ހުކުމުގައި ވިދާޅުވެފައި ވަނީ ނަޝީދުގެ މައްޗަށް ކުރެއްވި، ކުޑަކުއްޖަކާ މެދު ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގުމުގެ ކުށުގެ، ދައުވާ ޝަރީއަތުން ބެއްލެވިއިރު ސާބިތުކުރެވޭވަރުގެ ހެކި ލިބިފައި ނުވާތީ ދައުލަތުން ކުރެއްވި ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅައި މައްސަލަ ނިންމެވީ ކަމަށެވެ.
ގާނޫނު ނަމްބަރު 76/ 24 (ހެއްކާ ބެހޭ ގާނޫނޫ)ގެ ހަވަނަ މާއްދާ އަށް ރިޔާއަތްކޮށް ނަޝީދުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި ވަނީ ދަރުމަވަންތަ ސްކޫލްގެ މުދައްރިސަކަށް ހުންނަވައި، 2004 ވަނަ އަހަރު އެ ސްކޫލް ގްރޭޑް 10ގެ ދަރިވަރަކާ ގަދަކަމުން ބަދުއަހުލާގީ ގުޅުން ހިންގެވިކަމުގެ ކުށުގެ ތުހުމަތުގަ އެވެ.
ނަޝީދުގެ މައްސަލަ ފުރަތަމަ ބެއްލެވި ގާޒީ މައްސަލައިގެ އަޑު އެހުން ނިންމަވާފައި ވަނިކޮށް ފަހުން އެހެން ގާޒީއަކު ދައުލަތަށް ހެކި ހުށަހެޅުމުގެ ފުރުސަތު ދެއްވައި ހެކިން ވެސް ހާޒިރު ކުރި މި މައްސަލައިގައި ކުށުން ބަރީއަވުމުން ނަޝީދު މިއަދު ވިދާޅުވީ މި ދައުވާ އޭނާއާ ދެކޮޅަށް ކުރެއްވި އިރުގައި ވެސް އަމިއްލަ ނަފުސަށް އިތުބާރުއޮތް ކަމަށާއި ކުށުން ބަރީއަވާނެ ކަމުގެ ޔަގީން އޮތް ކަމަށެވެ.
"މި މައްސަލަގައި އަޅުގަނޑަށް ލިބުނު ކާމިޔާބީއަކީ އަޅުގަނޑު ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިންނާއި އަދި މާލޭ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް،" މިއަދުގެ ޝަރީއަތަށް ފަހު ނަޝީދު ވިދާޅުވި އެވެ.
ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތްޕުޅުން ނަޝީދުގެ މައްޗަށް ބަދުއަހުލާގީ ދައުވާ ކުރައްވާފައި ވަނީ މިދިއަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. މި މައްސަލައިގައި ކޯޓުގައި ނަޝީދުގެ ދިފާއީ ވަކީލެއްގެ ގޮތުން ވަކާލާތުކުރެއްވެވީ ގާނޫނީ ވަކީލު ހުސްނުއް ސުއޫދެވެ.
މާލޭ މެންބަރު ނަޝީދުގެ މައްޗަށް ކުރެއްވި ދައުވާ: ބަދުއަހުލާގީ މައްސަލަގައި ކާނަލް ކުށްވެރި ނުވާ ކަމަށް ކޯޓުން ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ