ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވާދަކުރެއްވުމަކީ ކައިރި ކަމެއް ކަމަށް ސްޕެޝަލް އެންވޯއި ޓު ދަ ޕްރެޒިޑެންޓް އިބްރާހިމް ހުސެއިން ޒަކީ ވިދާޅުވެއްޖެ އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޑީއާރުޕީގެ ތެރޭގައި މިހާރު އުފެދިފައި އޮތް ބައިބައިވުމުގެ ތެރޭގައި އެ ޕާޓީގެ އިސް ބައެއް ލީޑަރުން "މައުމޫން އެނބުރި ސިޔާސީ މައިދާނަށް" ވަޑައިގަތުމަށް ގޮވާލައްވަމުން ގެންދަވާ އިރު، ރައީސް ނަޝީދުގެ ހާއްސަ މަންދޫބު މިއަދު ވިދާޅުވީ މިހާރު ފެންނަ މަންޒަރުތަކުން މައުމޫން ކުރިއަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަފާނެ ކަމަށެވެ.
އެހެން ނަމަވެސް މައުމޫން ސިޔާސީ ދާއިރާ އަށް އަލުން ވެއްދެވުމަށް ދައްކަވާ ވާހަކަތަކަށް ޒަކީ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ދުނިޔޭގައި ތަމްސީލުވަމުންދާ އިންސާނީ ތަބިއްޔަތަކީ ހުދުމުހުތާރު ވެރިކަމެއް ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރެއްވި ބޭފުޅަކާ މެދު އިންތިގާލީ އިންސާފުގެ މަރުހަލާ ކުރިއަށް ނުގެންގޮސްފިނަމަ އަލުން ވެރިކަން ހޯއްދެވުމަށް މަސައްކަތް ކުރެއްވުން ކަމަށެވެ.
"އެ ހަގީގަތް މިހާރު ރާއްޖެއިން ފެންނަމުން މިދަނީ. އަލުން އެފަދަ ބޭފުޅުން ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ މައިގަނޑު ސަބަބަކީ މާޒީގައި ހިންގަވާފައިވާ ތަފާތު ޖަރީމާތަކާއި ބޭ އިންސާފާއި އިންސާނީ ހައްގުތަކާ ހިލާފަށް ކުރައްވާފައިވާ ކަންތައްތަކުން ސަލާމަތްވެ ވަޑައިގަތުމަށް. މައުމޫން ވެސް އެ ވަޑައިގަންނަވަން އުޅުއްވަނީ 30 އަހަރުގެ އިންސާފުން ސަލާމަތްވެ ވަޑައިގަތުމަށޭ އަޅުގަނޑު ދަންނަވާނީ. އެކަމަކު މި ރާއްޖޭގައި އޭގެ ބޭނުމެއް ފެންނާކަށް ނެތް. ސަބަބަކީ އިންތިގާލީ އިންސާފުގެ މަރުހަލާއެއް މި ގައުމަކު ނެތް މިހާރަކު. އެ ސިޓުއޭޝަނެއް ނެތް. އެހެންވީމަ މައުމޫން ވެރިކަމަށް ވަޑައިގަންނަވަން ޖެހޭ ސަބަބެއް ނެތް،" މައުމޫންގެ ވެރިކަމުގައި ވެސް ވަޒީރުކަން ކުރައްވާފައިވާ ޒަކީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައުމޫން އަލުން ވެރިކަމަށް ވަޑައިގަންނަވަން އުޅުއްވާނަމަ ސިޔާސީ މައިދާނުން ދުރަށް ވަޑައިގަތުމަށް އަމިއްލަފުޅަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް މައުމޫނާ ނުލައި ރާއްޖެ ދެން ހަމައަކަށް ނޭޅޭނެ ކަމަށް ޑީއާރުޕީގެ އިސް ސަފުގައި އުޅުއްވާ ބައެއް ބޭފުޅުން ފަހަކަށް އައިސް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. މި ވާހަކަތަކަށް ބޮޑަށް ސަޕޯޓް ކުރައްވަނީ އިވޭ އަޑުތަކަށް ބަލާއިރު ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީއާ އެކިއެކި ކަންކަމުގައި ބޮޑަށް ހިޔާލު ތަފާތުވާ ފެކްޝަން ނުވަތަ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރުގެ ފަހަތުގައި ތިއްބެވި ބައެއް ބޭފުޅުންގެ ފަރާތުންނެވެ.
"މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު ރައީސް މައުމޫން އަދި އެއްފަހަރު އެބަ ޖެހިވަޑައިގަންނަވާ ގައުމީ ހިދުމަތަށް ނުކުމެ ވަޑައިގަންނަވަން. ސިޔާސީ މައިދާނަށް ނުކުމެ ވަޑައިގަންނަވަން. ސަބަބަކީ މިހާރުގެ ވެރިކަމުގެ ސަބަބުން ގައުމުގެ އިގުތިސޯދު މިދަނީ ހަލާކުވަމުން. އިންފްލޭޝަން ދަނީ މައްޗަށް. ގައުމުގެ އަމިއްލަ ވަންތަކަން ދަނީ ގެއްލެމުން. އެހެންވީމަ އޮޅިފައިވާ ކަންވާރުގައިވާ އޮޅުންތައް މިވަގުތު ފިލުވާލެވޭނެ ބޭފުޅަކީ ރައީސް މައުމޫން،" މައުމޫން ރިޔާސީ އިންތިހާބަށް ނުކުމެ ވަޑައިގަތުމަށް އެންމެ ބޮޑަށް ތާއީދު ކުރައްވާ އެއް ބޭފުޅެއް ކަމަށްވާ ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރުގެ ހާލަތަށް ސިޔާސީ މައިދާނުގައި މައުމޫނަށް ލިބިވަޑައިގަންނަވާ ކާމިޔާބު މާ ބޮޑުވެގެންދާނެ ކަމަށެވެ.
އުމަރު ވިދާޅުވީ މައުމޫން އަލުން ވެރިކަމަށް ކުރިމަތިލައްވައިފިނަމަ ކުރިއަށް ވުރެ ބޮޑަށް މި ފަހަރު ކާމިޔާބުވެ ވަޑައިގަންނަވާނެ ކަމަށެވެ. އެއީ ކުރިއާ ހިލާފަށް އާ ވެރިކަމެއް ރައްޔިތުންނަށް ފެނި މައުމޫންގެ ވެރިކަމާ އަޅާކިޔާލެވޭނެތީ އެވެ.
"އެހެންވީމަ އަޅުގަނޑު ދަންނަވާނީ ކުރިއަށް ވުރެ ބޮޑަށް ރައްޔިތުން މައުމޫން ބަލައިގަންނާނެއޭ. މައުމޫނުގެ އިގުތިސޯދީ ސިޔާސަތާއި ގާނޫނުތައް ދެމެހެއްޓުމަށް އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައް ރައްޔިތުންނަށް މިހާރުގެ ސަރުކާރާ އަޅާ ކިޔާލެވޭނެ. އެހެންވީމަ އަޅާ ކިޔާލެވޭނެ ވެރިކަމެއް ފެންނަން އޮތީމަ މައުމޫނަށް މާ ފަސޭހަ ވާނެ ދެން،" އުމަރު ވިދާޅުވި އެވެ.
ސިޔާސީ މައިދާނުން ދުރަށް ވަޑައިގެންނެވިކަން މައުމޫން އިއުލާން ކުރެއްވީ ޖެނުއަރީ ،25 2010 ގަ އެވެ. އަދި ޑީއާރުޕީގެ ސިޔާސީ ޒައާމަތު ބަދަލުވެ އެ ޕާޓީގެ ސިޔާސީ މަގާމުން ދުރަށް ވަޑައިގެންނެވީ ޖެހިގެން އައި ފެބްރުއަރީ މަހު އެވެ. އޭގެ ފަހުން ފާއިތުވީ 10 ވަރަކަށް މަސް ދުވަހު އެ މަނިކުފާނު ހުންނެވީ ސިޔާސީ ކަންތައްތަކާ ދުރުގަ އެވެ. ސިޔާސީ ކަންކަމަށް ފާޑު ވިދާޅުވައި ހައްދަވާފައެއް ނެތެވެ. ސިޔާސީ ގޮތުން ގައުމު ހަލަބޮލިވާ ބައެއް ދުވަސްތަކުގައި އެ ކަންކަމާ ގުޅުވައިގެން ބައެއް މީޑިއާތަކުން ސުވާލު ދެންނެވުމުން މައުމޫން އެ މައްސަލަތަކަށް ކޮމެންޓް ކުރެއްވުމަށް ދެކޮޅު ހައްދަވާފައިވެ އެވެ. އަބަދުވެސް ވިދާޅުވަމުން ގެންދެވީ "ސިޔާސީ ވާހަކައެއް ނަމަ އިންޓަވިއު ނުދެވޭނެ" ކަމަށެވެ.
މައުމޫން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަކީ ކައިރި ކަމެއް: ރައީސް ނަޝީދުގެ ހާއްސަ މަންދޫބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ