ކަރަންޓު ބިލްތައް އާދަޔާ ހިލާފަށް ބޮޑުވުމުން ތިނަދޫގައި މުޒާހަރާކޮށް އާންމުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައިފި

ވެއަތުވެ ދިޔަ ދެ މަހުގެ ކަރަންޓް ބިލްތައް އާދަޔާ ހިލާފަށް ބޮޑުވުމާ ގުޅިގެން ގދ. ތިނަދޫގައި ބުރާސްފަތި ދުވަހު މުޒާހަރާކޮށް އާންމުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުން އުފެދި ކުރިމަތިލުންތަކެއް ހިނގައިފި އެވެ.
ބުރާސްފަތި ދުވަހު މެންދުރު ފަހު 15: 1 ހާއިރު ފެށި މުޒާހަރާ އަސުރު ނަމާދަށް މެދުކަނޑައިލި އިރު، މުޒާހަރާގެ ބައިވެރިން ވަނީ އަތޮޅު އޮފީހާއި އަތޮޅުގެ އަދި އަޕަ ސައުތު ޔުޓިލިޓީ ކުންފުނި އޮފީސް ދޮށަށް އެއްވެ އަޑުގަދަކޮށް، ރައީސް ނަޝީދާއި ޕްރޮވިންސް ސްޓޭޓް މިނިސްޓަރު އުމަރު ޖަމާލާއި ޔުޓިލިޓީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު (ވާދޫ ސައީދު)ގެ އިސްތިއުފާ އަށް ގޮވައިފަ އެވެ. އަދި އަސުރު ނަމާދަށް ފަހު އަތޮޅުގޭ ދޮރުމަތީގައި ތިބެގެން މުޒާހަރާގެ ބައިވެރިން ދަނީ، ޔުޓިލިޓީ ކުންފުންޏާއި ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުންނެވެ.
މުޒާހަރާގެ ބައިވެރިން އަޑު އުފުލަމުން ދަނީ ކަރަންޓް ބިލްތައް ކުރިން ހުރި ވަރަށް ކުޑަކޮށްދިނުމަށާއި ބިލްތައް ބޮޑުވުމުން ރައްޔިތުންނަށް ބިލްތަކަށް ފައިސާ ނުދެއްކުމުގެ ޒިންމާ ސަރުކާރުން ނެގުމަށާއި، ކަރަންޓުގެ އަގު ބޮޑު ނުކުރާނެ ކަމަށް ރިއާސީ ކެމްޕޭން ތެރޭގައި ރައީސް ނަޝީދު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް އެކަންތައް ކޮށްދިނުމަށެވެ. އަދި އެގޮތަށް އެކަންތައް ކޮށްނުދެވޭ ނަމަ ރައީސް ނަޝީދާއި ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރު ވެސް އިސްތިއުފާ ދޭން ޖެހޭނެ ކަމަށް މުޒާހަރާގެ ބައިވެރިން ގޮވަމުން ދާ ކަމަށް އެނގިފައިވެ އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ޔުޓިލިޓީ ކުންފުނި ކުރިމަތީގައި މި މުޒާހަރާ ފެށި އިރު އެކަމުގައި އިސްކޮށް ތިބީ ތިނަދޫގައި އެމްޑީޕީގެ އެކްޓިވިސްޓުންގެ ގޮތުގައި ހަރަކާތްތެރިވާ އެ ރަށުގެ ވިޔަފާރިވެރިންގެ ބައެކެވެ. ޔުޓިލިޓީ ކުންފުނިން މުޒާހަރާގެ ބައިވެރިންނަށް ޖަވާބެއް ނުލިބުމުން، އެ މީހުން އަތޮޅު އޮފީހާ ދިމާލަށް މިސްރާބު ޖެހުމުން އޭގެ ތެރެއިން ބައެއް ވިޔަފާރިވެރިން މުޒާހަރާ އިން ވަކިވި ކަމަށް ތިނަދޫން ވާހަކަ ދެއްކި މީހަކު ބުނެފައިވެ އެވެ.
އޭނާ ބުނި ގޮތުގައި އަތޮޅު އޮފީސް ދޮށަށް ދިޔަ މީހުން އެ އޮފީސް ތެރެއަށް ވަންނަން މަސައްކަތްކުރުމުން ފުލުހުންނާއި އެމީހުންނާ ދެމެދު ކޮންމެވެސް ވަރަކަށް ކުރިމަތިލުން ހިނގި އެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް އޭނާ ބުންޏެވެ.
މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ފޮނުވާލުމަށް ފުލުހުން މަސައްކަތްކުރުމުން، ދެން މުޒާހަރާގެ ބައިވެރިން ދިޔައީ އަތޮޅުގޭ ދޮށަށް ކަމަށާއި އެ ތަނުގައި މުޒާހަރާކުރި މީހުންގެ ތެރެއިން 40 އަށް ވުރެ ގިނަ މީހުން އަތޮޅުގޭ ތެރެއަށް ވަދެގަތް ކަމަށް ވެސް ތިނަދޫން ވާހަކަ ދެއްކި ފަރާތުން ބުންޏެވެ. އަދި އަތޮޅުގޭ ތެރެއަށް ވަންނަން މަސައްކަތްކުރި މީހުންނަށް ފުލުހުން ހުރަސް އެޅުމުން ބައެއް މީހުން އަތޮޅުގޭ ފާރުމަތިން އެރި ކަމަށް ވެސް ވެ އެވެ.
ކަރަންޓު އަގު ބޮޑުވުމާ ދެކޮޅަށް ތިނަދޫގެ ބައެއް އާންމުން މުޒާހަރާ އަށް މި ނުކުތީ، މި ދިޔަ މާޗް މަހާއި އޭޕްރީލް މަހުގެ ކަރަންޓު ބިލްތައް ދެ ގުނަ އަދި ތިން ގުނަ އަށް ވެސް ބޮޑުވެފައި ވާތީ ކަމަށް މުޒާހަރާގެ ބައެއް ބައިވެރިން ބުނެފައިވެ އެވެ. އެ މީހުން ބުނި ގޮތުގައި، މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ކަރަންޓް ބިލަށް އެވްރެޖްކޮށް 8،000ރ. 9،000ރ. އަރަމުން އައި ފިހާރަތަކަށް، މާޗް މަހުން ފެށިގެން އަންނަ ބިލްތަކަށް 14،000ރ. އަދި 24،000ރ. އާއި 25،000ރ. ވެސް އަރާފައި އެބަ ހުއްޓެވެ. އަދި ބައެއް ގޭގޭގެ ކަރަންޓު ބިލްތައް ވެސް ދެ ގުނަ އަށް ބޮޑުވެފައިވާ ކަމަށް އެ ރަށުގެ ބައެއް މީހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ