ކުރީ ސަރުކާރުގެ މީހުން "ވަގަށް" ނަގާފައިވާ ފައިސާ ލިބުމުން ބޭރުގެ އެހީ އެހާ ވަރަކަށް ބޭނުމެއް ނުވާނެ: އަލީ ހާޝިމް

ކުރީގެ ސަރުކާރުގެ މީހުން "ވަގަށް" ނަގާފައިވާ ކަމަށް ބުނާ ފައިސާ ލިބިއްޖެ ނަމަ ބަޖެޓް ޑެފިސިޓް ފޫބެއްދުމަށާއި ޓޫރިޒަމަށް ކޮށްފައިވާ ނޭދެވޭ އަސަރުން އިގުތިސާދަށް ލިބުނު ވެއްޓުން ފޫބައްދަން ބޭރުގެ އެހީ އެހާ ވަރަށް ބޭނުން ނުވާނެ ކަމަށް ރާއްޖޭގެ ފިނޭންސް މިނިސްޓަރާ ހަވާލާދީ ނިއު ޔޯކް ޓައިމްސް އިން މިދިއަ ބުރާސްފަތިދުވަހު ބުނެފި އެވެ.
އެކި ގައުމުތަކުގެ ވެރިންގެ ޚިޔާނާތުގެ ފައިސާ އަނބުރާ ހޯދުމާ ބެހޭ ގޮތުން ނިއު ޔޯކް ޓައިމްސްގެ މެތިއު ސޯލްޓްމާޝް ލިއެފައިވާ ރިޕޯޓުގައި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ައަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ގާތް ބޭފުޅުން 400 މިލިއަން ޑޮލަރު "ވަގަށް" ނަންގަވާފައިވާ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ފިނޭންސް މިނިސްޓަރު އަލީ ހާޝިމާ ހަވާލާދީ ބުނެފައި ވަނީ އެ ފައިސާ ހޯދުމަށް ވޯލްޑް ބޭންކުގައި އެދިފައިވާ ކަމަށެވެ.
"އަހަރެމެން ވޯލްޑް ބޭންކްގެ ކިބައިން މިއެދެނީ [އެފައިސާ] އަނބުރާ ހޯދައިދޭން،" އަލީ ހާޝިމް ވިދާޅުވި ކަމަށް އެ ރިޕޯޓްގައިވެ އެވެ. އޭރުން ބޭރުގެ އެހީ "އެހާ ވަރަކަށް އަޅުގަނޑުމެންނަކަށް ބޭނުމެއްނުވާނެ."
އަލީ ހާޝިމާ ހަވާލާދީ ނިއު ޔޯކް ޓައިމްސްގައި ބުނެފައިވާ ގޮތުގައި ބޭރުގެ ބޭންކްތަކުގެ މެނޭޖަރުންނަށް ކުރީގެ ސަރުކާރުގެ ޚަރަދުގައި ރާއްޖޭގެ އަގުބޮޑު ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދެ އެވެ. އެގޮތަށް ކަންތައް ކޮށްދިނުމުން، އަލީ ހާޝިމާ ހަވާލާދީ އެ ނޫހުން ބުނެފައިވާ ގޮތުގައި، ފައިސާ ހޯދުމަށް ބޭންކްތަކަށް ގަވާއިދާ ޚިލާފަށް އެދޭ އެދުންތަކާ ދެކޮޅު ހަދަން މެނޭޖަރުންނަށް އުނދަގޫވާނެ އެވެ.
އެހެން ގައުމުތަކުގެ ވެރިންގެ ޚިޔާނާތުގެ މައްސަލަ އަށް ވެސް އަލިއަޅުވާލާފައިވާ ރިޕޯޓްގައި ލިއުންތެރިޔާ ރާއްޖެ ނަގާފައި ވަނީ އޭނާގެ މައުލޫއު ސާބިތުކޮށްދިނުމުގެ ނަމޫނާ ކޭހެއްގެ ގޮތުގަ އެވެ. ރާއްޖެއާ ބެހޭ ގޮތުން ހުރި މައުލޫމާތުތައް އޭނާ ނަގާފައި ވަނީ ހިޔާނާތުގެ މައްސަލަތަކެއްގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން ވަކިކުރި އޮޑިޓަ ޖެނެރަލް އިބްރާހިމް ނައީމް 2009 ގައި ނެރުއްވި އޮޑިޓް ރިޕޯޓްތަކުންނެވެ. އެ ގޮތުން ކުރީގެ ރައީސް މައުމޫންގެ ބޭނުންފުޅަށް 9.5 މިލިއަން ޑޮލަރުގެ ލަގްޒަރީ ޔޮޓެއް ބައްލަވައިގެންފައިވާ ކަމަށާއި ރިޔާސީ ގަނޑުވަރާއި އާއިލާގެ ގެދޮރުގެ މަރާމާތުތަކަށް 17 މިލިއަން ޑޮލަރު ހޭދަވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ރިޔާސީ ގަނޑުވަރާއި އެ މަނިކުފާނުގެ އާއިލާގެ ބޭފުޅުން ދިރިއުޅުއްވާ ގެތަކުގެ މަރާމާތަށް 17 މިލިއަން ޑޮލަރު ހަރަދު ކުރައްވާފައިވާ ކަމަށް ވެސް ނިއު ޔޯކް ޓައިމްސްގައި ލިޔެފައިވެ އެވެ. އޭގެ އިތުރުން 11 ލޯންޗާއި 55 ކާރު އޮންނަ ވާހަކަ ވެސް ލިއުންތެރިޔާ ހިމަނާފައިވެ އެވެ.
ނިއު ޔޯކް ޓައިމްސްގެ އެ ލިޔުމާ ގުޅިގެން "ހަވީރު" ން ދެންނެވި ސުވާލުތަކަކަށް ޖަވާބު ދެއްވަމުން މައުމޫން މިއަދު ވިދާޅުވީ އޭގައި ވަނީ "އަލިފުން ޔާ އަށް ހުސް ދޮގު" ކަމަށެވެ. މައުމޫން ވިދާޅުވި ގޮތުގައި އެއީ ސިޔާސީ ގޮތުން އެމަނިކުފާނާ ދިމާކުރުމުގެ ގޮތުން ބަޔަކު ރާވައިގެން ހިންގާ ކަންތައްތަކެކެވެ. މީގެ އިތުރުން މައުމޫން ވިދާޅުވީ ކުރީގެ އޮޑިޓަ ޖެނެރަލަކީ ހިޔާނާތުގެ ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުން މަގާމުން ދުރުކޮށްފައިވާ ބޭފުޅަކަށް ވާތީ އޭނާ ނެރުއްވާ ރިޕޯޓުގެ ސައްހަކަމާ މެދު ސުވާލު އުފެއްދުމުގެ ޖާގަ ވަރަށް ބޮޑު ކަމަށެވެ.
"އޭނާ [ކުރީގެ އޮޑިޓަ ޖެނެރަލް] ރިޕޯޓް ނެރެފައި ވަނީ 2008 ގެ ރިޔާސީ އިންތިހާބާ ދިމާކޮށް ވަކި ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށްޓަކައި. އިންތިހާބަށް އެންމެ ދުވަހަކަށް ވެފައި ވަނިކޮށް ސީދާ އަޅުގަނޑުގެ އަގު ވައްޓާލައި އަޅުގަނޑާ ދިމާކުރުމުގެ ގޮތުން ނެރުނު ރިޕޯޓްތަކެއް އެއީ. އަނެއްކާ އޭނާގެ މައްޗަށް ހިޔާނާތުގެ ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމަށް ފާސް ކުރައްވާފައިވާ ބޭފުޅަކު ނެރުއްވާފައިވާ އޮޑިޓް ރިޕޯޓްތަކާ މެދު ސުވާލު އުފެދޭނެކަން ޔަގީން ނޫންތޯ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ދައުލަތުގެ ފައިސާއަކަށް ދުވަހަކު ވެސް އެމަނިކުފާނު ހިޔާނާތްތެރިވެ ވަޑައިގެންފައި ނޯންނާނެ ކަމަށާއި އެފަދަ ކަމެއް އުޅޭ ނަމަ ވީހާވެސް އަވަހަކަށް ޝަރީއަތަށް ހުށަހެޅުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
"މިލިއަން ޑޮލަރު ކީއްކުރަންތޯ މިލިއަން ލާރީގައި ވެސް އަޅުގަނޑު ޖެހިފައި ނޯންނާނެ. ޔަގީން ނޯންނާނެ،" މައުމޫން ވިދާޅުވި އެވެ. "އެ ލިޔުމުގައި އެ ބުނަނީ 55 ކާރެއްގެ ވާހަކަ. މިނިސްޓަރުންގެ ކާރާއި ދައުލަތުގެ އެހެން ބައެއް ކާރުތަކުގެ ރަޖިސްޓްރީ ވެސް ހުންނާނީ ތީމުގޭގެ ރަޖިސްޓްރީގައި. އެއީ ސަރުކާރުގެ މިލްކަކަށް ވާތީ. އެ ކާރެއް ބާ ވިޔަސް، ހަލާކު ވިޔަސް ރަޖިސްޓްރީ އުވުނަސް އޮންނަނީ އެ ގޮތަށް. އެކަމަކު އެއީ އަޅުގަނޑުގެ ކާރުތަކެއް ނޫން. އަޅުގަނޑުގެ އާއިލާގެ މީހުން ބޭނުން ކުރަން ގެންނަ އެއްޗެއް ނޫން. ދެން އެ ދައްކަނީ ތީމުގޭގެ ވާހަކަ. މީހުން ދިރިއުޅެން އެ ތަން އެންމެ އެކަށީގެންވާ ތަނަކަށް ނުވާތީ އެތަން ހެދީ. އެއީ އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ މުޅި އުމުރަށް އުޅެން ހެދި ތަނެއް ނޫން. ދެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކު ވެސް ދިރިއުޅުއްވަން ހެދި ތަނެއް. މިސާލަކަށް މިހާރު މުލީއާގެ ވެސް އެ ގޮތަށް ނޫންތޯ؟ މުލީއާގެ ހެދީ 1910 ގައި ކަން ނޭނގޭ. އޭރުގެ ފެންވަރަށް ވަރަށް މޮޅަށް މުލީއާގެ ވެސް ހެދީ. އެ ގޮތަށް އަޅުގަނޑު ވެސް މި ޒަމާނުގެ ފެންވަރަށް ތީމުގެ ހެދީ. އެއީ ކޮންމެހެން އަޅުގަނޑުގެ އާއިލާ މުޅި އުމުރަށް އުޅޭކަށް ނޫން."
މައުމޫން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ދޮގު ތުހުމަތުތަކެއް ކޮށްފައިވާތީ ނިއު ޔޯކް ޓައިމްސްގައި އާޓިކަލް ލިޔުނު މީހެއް ގޮވައިގެން ޝަރީއަތަށް ވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑުގެ އަބުރު ސަލާމަތް ކުރަން އަޅުގަނޑު ބޭނުންވާނެ. އަޅުގަނޑުގެ ގަދަރު އަޅުގަނޑު ވެސް ހިފަހައްޓާނަން،" ރައީސް މައުމޫން ވިދާޅުވި އެވެ. "ނިއު ޔޯކް ޓައިމްސްގައި އެ ގޮތަށް ލިޔުނު މީހެއް ގޮވައިގެން އަޅުގަނޑު ޝަރީއަތަށް ދާނަން. އަދި ފިނޭންސް މިނިސްޓަރު އަލީ ހާޝިމް ޝަރީއަތަށް ގެންގޮސްގެން އޭނާ އެހެން ވިދާޅުވިތޯ ވެސް އަޅުގަނޑު ބަލާނަން."
އަލީ ހާޝިމާ ގުޅޭތޯ "ހަވީރު" ން މިއަދު ވަރަށް މަސައްކަތްކުރި އެވެ. އެކަމަކު އޭނާއާ ގުޅޭ ގޮތެއް ނުވި އެވެ.
ސުނާމީއާ ގުޅިގެން ބޭރުގެ އެކި ގައުމުތަކުން ރާއްޖެ އަށް ދިން 80 މިލިއަން ޑޮލަރަށް ރައީސް މައުމޫން ޚިޔާނާތްތެރިވެވަޑައިގެންފައިވާ ކަމަށް ރައީސް މުހައްމަދު ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރު ހަސަން އަފީފު ވިދާޅުވުމާ ގުޅިގެން އޭނާގެ މައްޗަށް ވެސް ރައީސް މައުމޫން އަބުރުގެ ދައުވާކުރެއްވި އެވެ. އެ ދައުވާ އަފީފުގެ މައްޗަށް ސާބިތުވާ ކަމަށް މަދަނީ ކޯޓުން މިދިޔަ ޖޫން ،30 2009 ގައި ވަނީ ހުކުމް ވެސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ