ޔާމީނާއި ގާސިމް ހަނުހުރުމުގެ ހައްގު ބޭނުން ކުރައްވައިފި: ވަކީލުން

23: 14 - ފުލުހުން ކުރަމުންދާ ތަހުގީގުގައި ޔާމީނާއި ގާސިމް ހަނުހުރުމުގެ ހައްގު ބޭނުން ކުރައްވައިފި ކަމަށް ވަކީލުން ދެންމެ ވިދާޅުވެއްޖެ އެވެ.
ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ ނ. ގެ ދަށުން ލިބިދޭ އެ ހައްގުގެ ދަށުން، ފުލުހުންގެ ތަހުގީގުގައި އިތުރަށް އެއްވެސް ވާހަކައެއް ނުދައްކަވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަށް އަންގަވާފައިވާ ސިޓީއެއްގެ ކޮޕީ ވަކީލުން ވަނީ ނޫސްވެރިންނަށް ދެއްވާފަ އެވެ.
17: 12 - ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދީފައިވާކަން "ސާބިތުވާ ދަރަޖައަށް ގޮސްފައި އޮތުމުން" ފިޔަވަޅު އަޅަން ސަރުކާރަށް މަޖުބޫރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަސްއަދު ދާދި ދެންމެއަކު ވިދާޅުވެއްޖެ އެވެ.
ހާރިޖީ ވަޒީރުކަމުން އިސްތިއުފާ ދެއްވި ޑރ. އަހުމަދު ޝަހީދާ ދެ ބޭފުޅުން ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވަމުން އަސްއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުން މާލިއްޔަތު ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން ސަރުކާރު ހިންގުމަށް ބުރޫއަރާފައި ވާއިރު އެ ބަދަލުތަކާއި ރިޝްވަތުގެ ޝަކުވާތަކާ ގުޅިފައިވާ ކަމަށެވެ.
"ވަރަށް ސާފުކޮށް ސާދާކޮށް މިކަން އެނގެން އެބައޮތް،" އޭނާ ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީދު ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ ރާއްޖެ އަށް ދިމާވެފައިވާ ކޮރަޕްޝަންގެ ގޮންޖެހުންތައް ނައްތާލައިގެން ޑިމޮކްރެސީ ހަރުދަނާ ކުރުން ކަމަށެވެ.
"ޑިމޮކްރެސީއެއް ކުރިއަކަށް ނުދާނެ ވަގުން ބަންދު ނުކޮށެއް،" އޭނާ ވިދާޅުވި އެވެ. "ރައްޔިތުން ނިންމަންވީ ރައްޔިތުން ދާނީ ވަގުންނާ އެކުގައިތޯ ނުވަތަ އިޚްލާސްތެރިންނާ އެކުގައިތޯ."
އަސްއަދު އިތުރަށް ވިދާޅުވިގޮތުގައި މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ގެދޮރު އެޅުމުގެ މަޝްރޫއުތަކަށް ލޯނު ހޯދުމުގެ ފުރުސަތު ގެއްލިގެންދާނެ އެވެ. އަދި 65 އަހަރުން މަތީގެ މީހުންނަށް ދޭ އެލަވަންސް ފިޔަވައި ސަރުކާރުން ދޭ ސަބްސިޑީތައް ވެސް ހުއްޓުމަކަށް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ޗެއާމަނަކަށް "ގައުމުގެ އެންމެ ބޮޑު މަހުޖަނު" އިންނަވާތަން ދުނިޔޭގެ އެހެން ގައުމުތަކުން ދެކެވަޑައިނުގަންނަވާ ކަމަށާއި އެއީ މަސްލަހަތު ވަރަށް ބޮޑަށް ފުށުއަރާ ކަމެއް ކަމަށެވެ.
ޓެކްސްގެ ބިލުތައް ފާސްނުވެގެން އުޅެނީ ވިޔަފާރިވެރިންގެ ނުފޫޒު މަޖިލިހުގައި އޮތުމުން ކަމަށާއި "އަމިއްލަ މަސްލަހަތު ހިމެނޭ ބޭފުޅުންކޮޅެއް މާލިއްޔަތު ކޮމިޓީގައި ތިއްބަވައިގެން މި ބިލު ކުރިއަށް ނުދާކަން" ފާހަގަ ކުރެއްވޭ ކަމަށް އަސްއަދު ވިދާޅުވި އެވެ.
02: 12 - ފުލުހުން ހައްޔަރު ކޮށްފައިވާ އިދިކޮޅު ދެ މެމްބަރުން އެއްގަޑިއިރު ތެރޭ ކޯޓަށް ގެންދިއުމަށް ޖިނާއީ ކޯޓުން އަމުރު ނެރުނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށް ކަނޑައަޅައިދެވެން ނެތް ކަމަށް ހައި ކޯޓުން ދާދި ދެންމެއަކު ހުކުމް ކޮށްފި އެވެ.
މުލަކު ދާއިރާގެ މެމްބަރު އަދި ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެ ރައީސް އަބްދުﷲ ޔާމީނާއި މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކުރީ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރުމާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ކަމަށް ފުލުހުން ރޭ ޖިނާއީ ކޯޓުގައި ބުނެފައިވެ އެވެ.
ޔާމީނާއި ގާސިމް ހައްޔަރު ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ޖިނާއީ ކޯޓަށް މައްސަލަ ހުށަހެޅުމާ ގުޅިގެން، އެ ދެ ބޭފުޅުން ކޯޓަށް ގެންދިޔުމަށް ކުރި ކޯޓު އަމުރު ފުލުހުން ވަނީ އިސްތިއުނާފް ކޮށްފަ އެވެ.
ޖިނާއީ ކޯޓުން އަންގާރަ ދުވަހުގެ ރޭ ނެރުނު އަމުރު އިސްތިއުނާފް ކުރަމުން ފުލުހުން ހައި ކޯޓުގައި އިއްޔެ ހަވީރު ދެ ކަމެއް ފާހަގަ ކުރި އެވެ. އެގޮތުން ފުލުހުން ބުނީ ގާސިމް އާއި ޔާމީން އެ ކޯޓަށް ގެންދިޔުމަށް އަމުރު ކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށެވެ. އެއީ ބަންދުގައި ތިބޭ މީހުންނާ މެދު ގޮތެއް ނިންމުމުގެ ގަވާއިދުގައި މީހުން ކޯޓަށް ހާޒިރު ކުރުމަށް ކަނޑައަޅާފައިވާ ގަޑިތަކުގެ ތެރެއިން ގަޑިއަކަށް އެ އަމުރު ނުފެތޭތީ ކަމަށް ފުލުހުން ބުންޏެވެ.
ދެން ފުލުހުން ބުނީ މީހުން ކޯޓަށް ގެންދިއުމުގެ އަމުރު އެ ގޮތަށް އެއްވެސް އިޖުރާތެއް ނެތި ނެރުމުން ކޮންމެ މީހަކުވެސް ކޮންމެ ގަޑިއެއްގައި ވެސް ގެންދަން ޖެހިދާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި ބަންދުގައި ބެހެއްޓުމަށް ފުލުހުންނަށް ލިބިދޭ 24 ގަޑިއިރުގެ ތެރެއިން ކޮންމެ ވަގުތެއްގައިވެސް ގެންދިޔުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށް ބުންޏެވެ.
ޔާމީނާއި ގާސިމްގެ ފަރާތުން ވަކީލުން ވިދާޅުވީ އެ ދެ ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ގާނޫނު އަސާސީއާ ހިލާފަށް ހައްގެއް ނިގުޅައިގަނެފައިވާ ކަމަށާއި އެހެންކަމުން ބަންދުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމުމަކަށް 24 ގަޑިއިރު ނަގަން ނުޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
އަދި 24 ގަޑިއިރަކީ އެންމެ ގިނަވެގެން ލިބޭ މުއްދަތު ކަމަށް ވާއިރު އޭގެ ކުރިން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.
ޔާމީނާއި ގާސިމްގެ ބަންދުގެ މުއްދަތު އިތުރު ކޮށްދިނުމަށް ފުލުހުން ޖިނާއީ ކޯޓުގައި އެދުމުން ކޯޓުން ރޭ ވަނީ، މަޖިލިހުގެ ޖަލްސާތަކާއި ކޮމިޓީތަކަށް ވަޑައިގެންނެވޭ ގޮތަށް، ތިން ދުވަހުގެ ގޭ ބަންދަށް މުއްދަތު އިތުރު ކޮށްދީފަ އެވެ. ނަމަވެސް ފުލުހުން މިއަދު އެ ނިންމުން ވެސް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ