މޫސުން ގޯސްވެ ގެދޮރަށާއި ރުއްގަހަށް ބޮޑެތި ގެއްލުންތައް ވަނީ

އިސްމާއީލް ރަޝީދު، ހދ. ކުޅުދުއްފުށިން އާދަމް ޝަރީފު އަދި ގދ. ތިނަދޫން މުހައްމަދު އަހުތަރު
މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ މާލެ އާއި ރަށްރަށަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށް ބައެއް އަތޮޅުތަކުން ބުނެފި އެވެ. ނަމަވެސް މިހާތަނަށް ހިނގި ހާދިސާތަކުގައި އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އަތޮޅު އޮފީސްތަކުން ވިދާޅުވި އެވެ.
ދެކުނުގެ އަތޮޅުތަކަށް ބަލާއިރު ގދ. އަތޮޅަށް ވަނީ ގެއްލުންވެފަ އެވެ. އެންމެ ބޮޑަށް ގެއްލުންވީ އެ އަތޮޅު ގައްދުއަށެވެ. އެ ރަށުގެ 65 ގެއަކަށް ތަފާތު ގެއްލުންތައް ވެފައިވާ ކަމަށާއި އޭގެ ތެރޭގައި ގޭގޭގެ ފުރާޅު އެއްލާލުމާއި ފާރު ވެއްޓުމާއި ރުއްގަސް ވެއްޓުން ހިމެނޭ ކަމަށް އަތޮޅު އޮފީހުން ވިދާޅުވި އެވެ.
އެންމެ އުތުރުގެ ތިން އަތޮޅުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ވެފައި ވަނީ ށ. އަތޮޅުގެ ރަށްރަށަށް ކަމަށް ށ. އަތޮޅު އޮފީހުން ބުރާސްފަތި ދުވަހު ވިދާޅުވި އެވެ.
އަތޮޅު އޮފީހުން ވިދާޅުވި ގޮތުގައި އެންމެ ބޮޑު ގެއްލުމެއް ވެފައިވާ ރަށްތަކުގެ ތެރޭގައި މަރޮއްޓާއި މާއުނގޫދޫ އާއި ނަރުދޫ ހިމެނެ އެވެ.
މާއުނގޫދޫ އޮފީހުން ވިދާޅުވި ގޮތުގައި ބުދަ ދުވަހާއި ބުރާސްފަތި ވިލޭރޭ ކުރި ވިއްސާރައިގައި ވަނީ އެ ރަށު ބަނދަރުގެ ބޭރުތޮށި ވެއްޓި ހަލާކުވެފަ އެވެ. ގާ ބޭނުންކޮށްގެން ހަދާފައިވާ ތޮށި ވެއްޓުމުގެ ސަބަބުން ފަޅުތެރެއަށް ވަނީ ގާތައް ފެތުރިފަ އެވެ.
އެ ރަށު އޮފީހުން ވިދާޅުވީ ބޭރުތޮށި ވެއްޓުމުގެ އިތުރުން އެ ރަށުން ވަނީ 1،500 ފަތްކެޔޮ ގަސް ވެއްޓި ހަލާކުވެފައި ކަމަށެވެ.
ބުދަ ދުވަހުގެ ރޭ އައި ކޮޅިގަނޑުގައި ވަނީ މަރޮށި ފަޅުތެރޭގައި އޮތް 18 ރިޔަނުގެ ދޯންޏެއް ފެތިފަ އެވެ. އޭގެ އިތުރުން އެ ރަށުގެ ވެސް ގިނަ އަދަދެއްގެ ރުއްގަސް ވެއްޓި ހަލާކުވެފައިވާ ކަމަށް ރަށު އޮފީހުން ވިދާޅުވި އެވެ.
އަތޮޅު އޮފީހުން ވިދާޅުވި ގޮތުގައި މޫސުން ގޯސްވުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވެފައި ވަނީ ފަތްކެޔޮގަސްތަކަށެވެ. އެ ގޮތުން މުޅި އަތޮޅުން 3،000 އަށް ވުރެ ގިނަ ފަތްކެޔޮގަސް ވެއްޓި ހަލާކުވެފައިވާ ކަމަށް ވެ އެވެ.
ހދ. މަކުނުދޫ އޮފީހުން ވިދާޅުވީ ބުދަ ދުވަހުގެ ރޭ ކުރި ވިއްސާރައިގައި ގެއެއްގެ ފުރާޅު މަތިވަޑާންގަނޑާއެކު އެއްލާލާފައިވާ ކަމަށެވެ. ފުރާޅު އެއްލާލުމުން އެގޭ މީހުން ހިޔާވަހިކަން ހޯދަމުންދަނީ އެހެން ގެއެއްގައި ކަމަށް ވެސް ރަށު އޮފީހުން ވިދާޅުވި އެވެ.
ނ. އަތޮޅު އޮފީހުން ވިދާޅުވީ ގިނަ އަދަދެއްގެ ރުއްގަސް ވެއްޓުމުގެ އިތުރުން އެ އަތޮޅު ލަންދޫގައި އަޅާފައިވާ 100 ފޫޓުގެ ދިގު ހަރުގެއެއް ބުދަ ދުވަހުގެ ރޭގެ ވިލާގަނޑެއްގައި ވެއްޓިފައިވާ ކަމަށެވެ.
ނ. އަތޮޅުން ވެސް ފަސް ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށާއި 200 އަށް ވުރެ ގިނަ ރުއްގަސް ވެއްޓިފައިވާ ކަމަށްވެ އެވެ.
ރ. އަތޮޅު އޮފީހުން ވިދާޅުވީ ބުދަ ދުވަހުގެ ރޭ އައި ވިލާގަނޑެއްގައި އެ އަތޮޅު ރަސްގެތީމުގެ ހަތަރު ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށާއި ގިނަ އަދަދެއްގެ ރުއްގަސް ވެއްޓިފައިވާ ކަމަށެވެ.
އދ. އަތޮޅު އޮފީހުން ވިދާޅުވީ ބުދަ ދުވަހު މެންދުރެއްހާއިރު އައި ވިލާގަނޑެއްގައި، އެ އަތޮޅު މާމިގިލީގައި އަޅާފައި ހުރި 101 ފޫޓުގެ ހަރުގެއެއް ވެއްޓި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ އެވެ.
ދޯންޏެއް ބަނުމުގެ މަސައްކަތް ކުރަމުންދިޔަ އެ ހަރުގެ ވެއްޓުމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށާއި ނަމަވެސް ހަރުގެ ހަލާކުވުމުން 150،000ރ.ގެ ގެއްލުންވެފައިވާ ކަމަށް ދޯނި ބަނުމުގެ މަސައްކަތް ކުރާ ރަމީޒު އުމަރު ބުރާސްފަތި ދުވަހު ބުންޏެވެ.
ބުދަ ދުވަހުގެ ރޭ އައި ވިލާގަނޑެއްގައި އެ އަތޮޅު މަހިބަދޫގެ ހަތަރު ގެއެއްގެ ފުރާޅު އެއްލާލައި 10 ވަރަކަށް ރުއްގަސް ވަނީ ވެއްޓިފަ އެވެ. ގަސްތައް ވެއްޓުމުގެ ސަބަބުން މަގުތައް ވަނީ ވަރަށް ބޮޑަށް ހަޑިވެ ހިނގާބިނގާވުމަށް ދަތިވެފަ އެވެ.
މަހިބަދޫ ރަށު އޮފީހުން ވިދާޅުވީ މަގުތައް ސާފުކުރުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ކުރަމުންގެންދާ ކަމަށާއި ބައެއް ގަސްތައް ވެއްޓުމުގެ ސަބަބުން ބައެއް ފާރުތައް ވެސް ވެއްޓިފައިވާ ކަމަށެވެ.
"ބައެއް ގަސްތައް ވެއްޓި ފުރާޅުތައް ވެސް ވަނީ ހަލާކުވެފައި. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ،" ރަށު އޮފީހުގެ އެހީތެރިޔާ އަލީ މާޒިން ވިދާޅުވި އެވެ.
ތ. އަތޮޅު އޮފީހުން ވިދާޅުވީ އެ އަތޮޅުގެ ތިން ރަށެއްގެ 19 ގެއެއްގެ ފުރާޅު އެއްލާލުމުގެ އިތުރުން ގިނަ އަދަދެއްގެ ރުއްގަސް ވެއްޓި ހަލާކުވެފައިވާ ކަމަށެވެ.
ރަށްރަށް ގެއްލުންތައް ވަމުންދާއިރު މާލޭގެ ބައެއް ގަސްތައް ވެސް ވަނީ ވެއްޓި ހަލާކުވެފަ އެވެ. ކަނޑު ގަދަވުމުގެ ސަބަބުން ދަތުރުފަތުރުކުރުމަށް ވެސް ވަނީ ދަތިތައް ކުރިމަތިވެފަ އެވެ.
ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުރާސްފަތި ދުވަހު ވިދާޅުވި ގޮތުގައި ބުދަ ދުވަހު އެންމެ ބޮޑަށް ވައިގަދަވެފައި ވަނީ 25: 6 ހާއިރު މާލެ އަށެވެ. އެއީ ގަޑިއަކު 60 މޭލު ބާރުމިނުގަ އެވެ. އެއީ މި އަހަރުގެ މިހާތަނަށް އެންމެ ބާރަށް ވައިޖެހުނު ކަމަށް ރެކޯޑްކުރެވުނު މިންވަރު ކަމަށް ވެސް އެ ސެންޓަރުން ވިދާޅުވި އެވެ.
އެ ސެންޓަރުން ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރަ އަކީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯޕްރެޝަރު ޓްރަފްގެ ބާރުގަދަވުމުގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށާއި ކުރިއަށް އޮތް 12 ގަޑިއިރަށް ވެސް ދެމިގެންދާނެ ކަމަށް ލަފާކުރައްވާ ކަމަށެވެ. އަދި ދަތުރުވެރިން އިތުރަށް ސަމާލުވުމަށް ވެސް އިލްތިމާސްކުރައްވަ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް ކުރިއަށް އޮތް 12 ގަޑިއިރު ނުކުރުމަށް ވެސް އިލްތިމާސްކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ