ރައްޔިތުންގެ މަޖިލިހުގެ ރުހުން ލިބިވަޑައިނުގަތުމުގެ ސަބަބުން ވަޒީރުކަމުން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށް ކަނޑަޅައި ސްޕްރީމް ކޯޓުން ހުކުމް އިއްވުމުން ރައީސުލްޖުމްހޫރިއްޔާގެ ވާޖިބަކީ އެ ހުކުމަށް ތަބާވެވަޑައިގެން ކުރިއަށްވަޑައިގަތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރުހުން ލިބިވަޑައިގެންފައިނުވާ ވަޒީރުންނަށް އެމަގާމުތަކުގައި ދެމިނުތިއްބެވޭނެ ކަމަށް ސްޕްރީމް ކޯޓުން ރޭ ހުކުމް ކުރުމާ ގުޅިގެން ރޭޑިޔޯ ޚިޠާބުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނަށް "މިއަދު މިކަމުގައި ހިތްހަމަޖެހުން" ލިބޭ ކަމަށާއި "މިކަމުގައި ލިބޭ ކިތަންމެ އިބްރަތެއް އެބަވޭ" ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ވަޒީރުންގެ ގޮތުގައި އެ މަނިކުފާނު ރުހޭ އަދި އެ މަނިކުފާނުގެ ނަޒަރުގައި އެކަމަށް އެންމެ ގާބިލު ބޭފުޅުންނަށް މަޖިލީހުގެ ރުހުން ނުލިބުމުގެ ސަބަބުން އެބޭފުޅުންގެ ވަޒީރުކަމުން އެބޭފުޅުން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށް ސްޕްރީމް ކޯޓުން ހުކުމް އިއްވުމުން "އަޅުގަނޑުގެ މިއަދުގެ ވާޖިބަކީ އެ ހުކުމަށް ތަބައަވެ އަޅުގަނޑުމެން ކުރިއަށް ދިޔުން" ކަމަށެވެ.
"އަޅުގަނޑުމެންނަށް މިއަދާ ހަމައަށް އާދެވުނުއިރު ހަމަކަށަވަރުންވެސް މިވަނީ ވެރިކަމުގެ ފަރާތުން އެއްކިބާވެފައިވާ މުސްތަގިއްލު ސްޕްރީމް ކޯޓެއް އުފެއްދިފައި. އެއީ އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބީއެއް. އެއީ އަޅުގަނޑުމެންގެ މަސައްކަތުގެ ވަރަށްބޮޑު ހިއްސާއެއް. އަދި އަޅުގަނޑުމެން މިއަދު އެކަމާ އުފާވާންޖެހޭނޭ ކަމެއް،" ރައީސް ވިދާޅުވި އެވެ. "މިއަދަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް. މި ދުވަހުގައި އަޅުގަނޑުމެން މިކަމަށް އިހުތިރާމްކޮށް، ކޯޓު އެ ދެއްކި މަގުން ހިނގުން އެއީ އަޅުގަނޑުމެން ހުރިހާ ދިވެހި ރައްޔިތުންގެ ވާޖިބެއް."
ރުހުން ނެތް ވަޒީރުންނަށް މަގާމުގައި ދެމިނުތިއްބެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އއ. ތޮއްޑޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދާއި ދިވެހި ގައުމީ ޕާޓީން ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އެމީހުން މަގާމުން ވަކިކުރަން ދެން ތިބޭނީ "ޑި ފެކްޓޯ" މުވައްޒަފުންގެ ގޮތުގައި ކަމަށް ވިޔަސް "ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބޭ ހާލަތެއްގައި ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ އެއްވެސް މެމްބަރަކަށް ވަޒީރުންގެ މަޖިލިހުގެ މެމްބަރުކަމުގެ މަގާމުގައި ދެމި ތިބެވޭނެ ތަނެއް ނެތް" ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށް ތަބާވާނަން: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ