މިނިސްޓްރީގެ މުހިއްމު ކަމަކަށް ބޭނުންވާތީ ހަކުރާ މާލަން އުމަރު ނަސީރަށް މާދަންރޭ ދޫނުކުރަން ނިންމައިފި

ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާންސްޓްރަކްޗާގެ މުހިއްމު ކަމަކަށް ބޭނުންވާތީ، ދަރުބާރުގޭގެ ހަކުރާ މާލަން މާދަމާރޭ އުމަރު ނަސީރަށް ދޫކުރެވެން ނެތްކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިގޮތަށް ބުނެފައި މިވަނީ، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްވެ ހުންނަވައި ފެއްޓެވި ހަރަކާތުގެ ދަށުން، މާދަންރޭ ހަކުރާ މާލަމުގައި ބައްދަލުވުމެއް ބާއްވަން ހަމަޖައްސާފައި ވަނިކޮށެވެ.
އެ މާލަން ކުއްޔަށް ހިފުމަށްޓަކަައި އުމަރު ނަސީރު ހުށަހެޅުމުން މާލަން އުމަރަށް ކުއްޔަށް ދޫކުރުމަށް މިމަހުގެ ފަސްވަނަ ދުވަހު މިނިސްޓްރީން ވަނީ ކުލީގެ ފައިސާވެސް ނަގައިފަ އެވެ.
ނަމަވެސް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާންސްޓްރަކްޗާގެ ޑިރެކްޓަރު އަހުމަދު މުނާޒް ސޮއިކުރައްވައި މިއަދު އެ މިނިސްޓްރީން އުމަރު ނަސީރަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، މިނިސްޓްރީގެ މުހިއްމު ބޭނުމަކަށް ހަކުރާ މާލަން ބޭނުންކުރަން ހަމަޖެހިފައިވާތީ، އެތަން އުމަރު ނަސީރަށް ދޫކުރެވެން ނެތް ކަމަށެވެ.
"މި މިނިސްޓްރީގެ މުހިއްމު ބޭނުމަކަށް 8 މާރޗް 2019 ވާ ހުކުރު ދުވަހު ހަކުރާ މާލަން ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، މިތަން ތިޔަފަރާތަށް ދޫކުރެވެން ނެތް ވާހަކަ ދެންނެވީމެވެ. އަދި ދަންނަވަމެވެ. ތިޔަފަރާތުން މާލަން ހިފަން ދައްކާފައިވާ ފައިސާ 13 މާޗް 2019ވާ ބުދަދުވަހު 13:00 ގެކުރިން މިނިސްޓްރީއަށް ވަޑައިގެން ހަވާލުވެދެއްވުން އެދެމެވެ." ޕްލޭނިންގ މިނިސްޓްރީން އުމަރަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވެ އެވެ.
މިކަމާގުޅިގެން އުމަރު ނަސީރުގެ ބަހެއް ހޯދައިލުމަަށް އޭނާއާ ގުޅައިލުމުން ފޯނު ކަނޑުއްވާލައްވާފައި ވާތީ، ސީދާ އުމަރުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.
ނަމަވެސް ޕްލޭނިންގ މިނިސްޓްރީން ފައިސާ ބަލައިގެން ރިސިޕްޓުގެ ފޮޓޯއެއް ޝެއާކޮށް އުމަރު ނަސީރު، އޭނާގެ އެފްބީ ޕޭޖުގައި ވިދާޅުވެފައިވަނީ، އިވެންޓް ބޭއްވުމަށްޓަކައި ދަރުބާރުގެ ހަކުރާ މާލަން ބުކްކޮށް ފައިސާ ދައްކާފައި އޮއްވައި މިނިސްޓަރުގެ ބޭނުމަކަށް ތަން ނެގީކަމަށް މިއަދު އަންގާފައިވާ ކަމަށެވެ. އެހެންކަމުން އެ ބައްދަލުވުން ބޭއްވުމަށް އެހެން މާލަމެއް ނުވަތަ ސްކޫލް ހޯލެއް ލިބޭތޯ ބަލަމުން އަންނަ ކަމަށް އުމަރު ވިދާޅުވި އެވެ.
ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތް ފެށުމުގެ ގޮތުން ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ހުސްވި ފެބްރުއަރީމަހުގަ އެވެ. އެ ބައްދަލުވުން ބާއްވާފައިވަނީ ވެސް ދަރުބާރުގޭގަ އެވެ.
އުމަރު މީގެކުރިން ވިދާޅުވެފައިވަނީ މާދަމާރޭ ބާއްވާ ބައްދަލުވުމުގައި އެކަމާބެހޭ ތަފްސީލްތައް ހާމަ ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ