މާފުށީ ޖަލުގައި ގައިދީން ބަނޑުހައިހޫނު ކަމުގެ ހަޅުތާލު އަދިވެސް ނިންމާ ނުލާ ކުރިއަށް ގެންދާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
މިއަދު ހަވީރު ފެށި އެހަޅުތާލުގައި ބައިވެރިވާ ގައިދީން ވަނީ މިރޭ ވެސް ކާތަކެތި ގެނައުމުން ކާތަކެއްޗާއި ހަވާލުނުވެ، ކެއުމަށް ދެކޮޅު ހަދާފައެވެ.
ޖަލުގެ ހާލަތު އެނގޭ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ގެންދަނީ އެންމެ ގިނަ ގައިދީން ބަންދުކޮށްފައި ތިބޭ ޕެންޓަގަން ފަޅީގެ ގައިދީންގެ ތެރެއިން ޔުނިޓް-9 ގައި ތިބި ގައިދީންނެވެ. ހަޅުތާލުގައި 60 ގައިދީން ބައިވެރިވަމުންދާ ކަން ވަނީ "ވަގުތު" އަށް ކަށަވަރު ވެފައެވެ. ނަމަވެސް އެހެން ޔުނިޓްތަކުގައި ވެސް ހަޅުތާލު ކުރިއަށް ނުދާކަމެއް އަދި ސާފެއް ނުވެއެވެ.
ހަޅުތާލު ކުރަމުންދާ ގައިދީން ޑިމާންޑް ކުރަމުން ގެންދަނީ އެމީހުންގެ ކެއުމުގެ ކަންކަން ރަނގަޅު ކޮށްދިނުމަށާއި، ބޭސްފަރުވާ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށެވެ.
"ކެއުމުގެ ކަންކަން ޖަލުގައި ވަރަށް ގޯސްކޮށް އޮންނަނީ. ވަރަށް ގިނަ ދުވަސްވެއްޖެ ކެއުން ސަކަރާތްވެފައި އޮންނަތާ. ދެން ބޭސްފަރުވާގެ ކަންކަން ވެސް ސަރުކާރު ބަދަލުވުމަކުން ވަކި ރަނގަޅެއް ނުވި. މިއީ ގައިދީންގެ ވެސް ވަރަށް ބޮޑު ތާއީދަކާއި އެކު ޖަލުގެ ހާލަތު ރަނގަޅު ވާނެ ކަމުގެ އުއްމީދުގައި ގެނައި ސަރުކާރެއް. ނަމަވެސް ބަދަލެއް ނުފެނޭ. އެއީ ގައިދީންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ." މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
ހަޅުތާލު ކުރަމުންދާ ގައިދީންނާއި މަޝްވަރާ ކޮށްގެން މައްސަލަ ހައްލުކުރެވޭތޯ ކަރެކްޝަނަލް ސާވިސް އިން މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބެއެވެ. ނަމަވެސް މަޝްވަރާތަކުން އަދި އަލިމަގެއް ނުފެނެއެވެ.
ގައިދީން ކުރަމުންދާ ހަޅުތާލާއި ގުޅޭ ގޮތުން ކަރެކްޝަނަލް ސާވިސްގެ ބަހެއް ހޯދުމަށް އެތަނުގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އަދި ކަރެކްޝަނަލް ސާވިސްގެ ބަހެއް ނުލިބެއެވެ.
މާފުށީ ޖަލުގައި ބުރާސްފަތި ދުވަހު ހިނގި ހަމަނުޖެހުމަށް ފަހު ޖަލުގެ ހާލަތު ވަނީ ވަރަށް ގޯސްވެފައެވެ.
ގައިދީން މިއަދު ފެށި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު އަދިވެސް ކުރިއަށް އެބަދޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ