ޕޭ ކޮމިޝަނުގެ ޗެއާ އަކަށް ފިނޭންސް މިނިސްޓަރު ހަމަޖައްސާ ގޮތަށް އޮތުމުން ސުވާލު އުފެދޭ: މެމްބަރު ނަޝީދު

ނޭޝަނަލް ޕޭ ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދާއިރު އެ ކޮމިޝަނުގެ ޗެއާމަނަކަށް ފިނޭންސް މިނިސްޓަރު އިންނަވާ ގޮތަށް ބިލް ފަރުމާ ކުރުމުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ސުވާލު އުފައްދަވައިފި އެވެ. ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ނަމުގައި ހުށަހެޅުއްވި ބިލަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެއްތަނަކުން ކިޔަވައިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި މަސައްކަތް ކުރާ ކުދިންނަށް ވެސް އެ ވަޒީފާއެއް އަދާ ކުރާތީ ލިބެންޖެހޭ "އެއްގޮތް މުސާރަ"އެއް އޮންނަންވާނެ ކަމަށެވެ. "ނަމަވެސް ހަމަ އެ ނޭވާގައި އަޅުގަނޑުމެން ގަބޫލުކޮށްގެން ނުވާނެ އައިޖީއެމްއެޗް ފަދަ ބޮޑު ތަނެއްގައި މަސައްކަތް ކުރާ ނަރުސް ކުއްޖާއާ ކޮންމެވެސް އާބާދީ މަދު ރަށެއްގެ ސިއްހީ މަރުކަޒެއްގައި މަސައްކަތް ކުރާ ނަރުސް ކުއްޖާ އާއި ކުޅުދުއްފުށި ކަހަލަ އާބާދީ ބޮޑު ރަށެއްގެ ހޮސްޕިޓަލެއްގައި ހަމަ އެ ކޮލިފިކޭޝަންގައި މަސައްކަތް ކުރާ ނަރުސް ކުއްޖާއާ އެއް ހަމައެއްގައި ހުރިހާ އިނާޔަތްތައް ލިބެންވާނެ ކަމަކަށް،" ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ އެންމެނަކީ ވެސް ފުދިގެން ނުވަތަ ދިރިއުޅުމުގެ އަސާސީ ކަންކަން ފުއްދައިގެން ދިރިއުޅެވޭ ބަޔަކަށްވާން ޖެހޭ ކަމަށެވެ. އަދި މިއަދު މަޖިލީހަށް ހުށަހެޅި ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު ފާސްވެއްޖެ ނަމަ އެކަން އެގޮތަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑު ދެކޭ ގޮތުގައި މީގައި މިއޮތް ގޮތަށް [ބިލުގައި އޮތް ގޮތަށް] ފިނޭންސް މިނިސްޓަރު ރިޔާސަތު ބަލަހައްޓަވައިގެން ފިނޭންސް މިނިސްޓްރީގައި މިކަން ކުރައްވައިފި ނަމަ މިއީ ޕޭ ކޮމިޝަނު އުފެއްދުމަށް ހަމަ އެންމެ ރަނގަޅު ގޮތްތޯ އަޅުގަނޑުމެން ހަމަ ވިސްނާލަން އެބަޖެހޭ،" ނަޝީދު ވިދާޅުވި އެވެ. ބިލަށް ބަހުސް ކުރައްވަމުން މައްޗަންގޮޅު އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ދައުލަތުގެ މުސާރަތައް ކަނޑައެޅުމުގައި ސިޔާސަތެއް ގެންގުޅުމަކީ އެކަމުގައި ވަރަށް ތާއީދު ކުރެވޭ ކަމެއް ކަމަށެވެ. ނަމަވެސް މާރިޔާ ވިދާޅުވީ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ސަބަބުން ޑިމޮކްރަސީއާ އެއްގޮތަށް ކަންކަން ދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ: ސަން ފައިލް ފޮޓޯ "އެކަން އެހެން އޮތީމާ، މީގެ ކުރިން އަނެއްކާ ވެސް އަޅުގަނޑުމެން އޮތް ތަނަށް އައިސް މިޖެހެނީ، ރައީސުލްޖުމްހޫރިއްޔާ ފަސް މެމްބަރުންގެ ކޮމިޝަނެއް އެކުލަވާލައްވައިގެން އަށް ސިވިލް ސާވަންޓުން އޭގެ ތެރެއަށް ލައްވައިގެން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަންކަން ނިންމެވުމަށް ޓަކައި ކޮންމެހެން ބިލެއް ވެސް ބޭނުމެއް ނުވޭ އަދި އިތުރު ހަރަދުތަކެއް ރައްޔިތުން ކުރާކަށް ބޭނުމެއް ނުވޭ." މާރިޔާ ވިދާޅުވި އެވެ. މާރިޔާ ވިދާޅުވީ ބިލުގައި ބުނެފައިވާ ގޮތަށް ކަންތައް ކުރުމަކީ ރައްޔިތުންގެ އަތުން އިތުރު ފައިސާއެއް ދިއުން ފިޔަވާ އިތުރު ކަމެއް ވެގެން ނުދާނެ ކަމެއް ކަމަށެވެ. މާރިޔާ ވަނީ ޕޭ ކޮމިޝަން މެމްބަރުން އައްޔަން ކުރައްވާ އިރު މަޖިލީހުގެ އެއްވެސް ބަހެއް ނެތި ރައީސުލްޖުމްހޫރިއްޔާ އަށް ހުރިހާ ބާރެއް ބިލުގައި ދީފަވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. "އަދި އެންމެ ކުޑަމިނުން ޕޭ ކޮމިޝަނު މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް އައިސް ޖަވާބުދާރީވާ ގޮތަކަށް މިކަން އޮތިއްޔާ އެކަން ރަނގަޅުވާނެ. އެކަމަކު ސަރުކާރުގެ އިތުރު އޮފީހެއް ހުޅުވުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުން ކޮންމެހެން ބިލެއް ފާސްކޮށްގެން އާއްމުންނަށް އޮޅޭ ގޮތަށް ކޮންމެހެން ސިޔާސަތުތަކެއް ކަނޑައަޅައިގެން ކަންތައްތަކެއް ކުރުމުގެ އެއްވެސް ބޭނުމެއް ނެތް،" މާރިޔާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ