އެމްޑީޕީގެ ކޮންގްރެސްގައި ވޯޓު ގަންނަ މީހުންނަށް އެފުރުޞަތެއް ނެތް: މެމްބަރު ވަހީދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ އެއްވެސް މެމްބަރަކީ ވޯޓު ގަނެގެން މަޤާމަށް ހޮވޭނެ މީހެއް ނޫން ކަމަށް ރައްޔިތުންގެ މަޖުލީހުގެ އުނގޫފާރު ދާޢިރާގެ މެމްބަރު މުޙައްމަދު ވަޙީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
މެމްބަރު ވަހީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖުލީހުގެ އިންތިހާބުގައި ވާދަކުރާ މާލޭގެ ދާއިރާތަކުގެ ކެންޑިޑޭޓުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މެމްބަރު ވިދާޅުވީ އެމްޑީޕީ ކޮންގްރެސްގައި ވޯޓު ދޭންވީ އެމްޑީޕީ ދަންނަ އެމްޑީޕީގެ ސިޔާސަތަކީ ކޮބައިކަން ދަންނަ މީހުންނަށް ކަމަށެވެ.
އެއްވެސް ވަރަކަށް ފައިސާދީގެން ވޯޓުގަނެގެން އަންނަ މީހުންނާއި މަޤާމުގެ ބިރުދައްކައިގެން ނުފޫޒު ފޯރުވައިގެން ވޯޓު ހޯދައިގެން އަންނަ އެއްވެސް މީހަކަށް މި ކޮންގްރެސްގައި ވޯޓު ދީ ހޮވުނަ ދީގެން ނުވާނެ ކަމަށް ވަހީދު ވިދާޅުވިއެވެ.
އެމްޑީޕީ ވެރިކަމަށް އައީ ކޯލީޝަނުންކަމަށް ވާތީ ސަރުކާރުންނާއި ސަކުރާރުން ބޭރުގެ އެހެން ޕާޓީތަކުގެ މެމްބަރުން ވަދެ ޕާޓީތެރެ ފަސާދަކޮށް ސިޔާސަތުތައް ޚަރާބުކުރަން މަސައްކަތް ކުރާކަމަށާއި، އެގޮތުން ފައިސާ ދީގެން ވޯޓު ގަނެ ރިޝްވަތު ދީގެން ވަޒީފާތައް ހޯދަމުން ދާކަމީ ހިތާމަ ކުރާކަމަށް މެމްބަރު ވަހީދު ވިދާޅުވިއެވެ. އަދި އެއީ އެމްޑީޕީގެ ސިޔާސަތުތަކާއި ފަލްސަފާއާޢި މުޅިން ޚިލާފުކަމެއްކަމަށެވެ.
މެމްބަރު ވަހީދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ ރައްޔިތުން އެއްވެސް އުއްމީދެއް ނެތި މާޔޫސްކަމާއި، ނާމާން ކަމާއި ބިރުވެރިކަންމަތީ ތިބި ވަގުތެއްގައި އުއްމީދުގެ ނިޝާނަކާއިގެން އުފެދިގެން އައި ޕާޓީއެއްކަމަށެވެ.
އިޖްތިމާއި ރައްކާތެރިކަމާޢި ފަރުދީ މިނިވަންކަމާ އިންސާނީ ހައްގުތަކާޢި އިންސާނިީ ކަރާމާތް ފޯރުކޮށްދީ ދިވެހި ރައްޔިތުންނަށް ވާދަވެރި ސިޔާސީ ހަރަކާތް ރާއްޖެއަށް ގެނެސްދިނީ އެމްޑީޕީއިން ކަމުގައިވެސް އޭނަ ވިދާޅުވިއެވެ.
ވަހީދު ވަނީ ނިމިދިޔަ އެމްއާރުއެމްގެ އިންތިހާބަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފައެވެ. އެގޮތުން ވިދާޅުވީ އެއްވެސް ވާދަވެރިކަމެއް ނެތި ކުރީގެ ރައީސް މައުމޫން އަބަދުލް ގައްޔޫމް އެމްއާރުއެމްގެ ޒަޢީމްކަން ކާމިޔާބު ކުރައްވާ އަދި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނަށް ޕާޓީގެ ރައީސްކަން ދެއްވާފައިވާ ކަމަށެވެ.
ނަމަވެސް އެމްޑީޕީން ކޮންމެ އިންތިހާބަކަށްވެސް ނިކުނަންނީ ވާދަވެރިކޮށް ކަމަށް އޭނަ ވިދާޅުވިއެވެ. އެގޮތުން މި އިންތިހާބުގައި ވެސް 733 ކެންޑިޑޭޓުން އެކި އެކި މަޤާމުތަކަށް ވާދަކުރާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ