ދާއިމަށް ވަކިވެގެން އެ ދިޔައީ ފިލްމީ ދާއިރާގެ "ބަައްޕަ"

ރޭގެ ވަގުތެއްގައި އަވަހާރަވި ކުޅަދާނަ ފިލްމީ ތަރި ޗިޅިޔާ މޫސާ މަނިކަކީ ދިވެހި ފިލްމީ ދާއިރާގެ އުދަރެހުގައި އަލިގަދަ ތަރިއެކެވެ. ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރި ގިނަ ފަންނާނުންތަކަކަށް ކުރިއެރުމަށް މަގު ކޮށައިދެއްވި އާރުކާޓީއެއްވެސް މެއެވެ. ޗިޅިޔާ މޫސާ މަނިކުގެ ވަކިވުމަކީ ދިވެހި ފިލްމީ ދާއިރާއަށް ލިބުނު ފުން ހިތާމައެކެވެ. މުޅި ފިލްމީ ދާއިރާ ވެސް އެކަމުގެ ހިތާމައިގައި ކަރުނަ އަޅައެވެ. ރޭގެ ވަގުތެއްގައި ޗިޅިޔާ މޫސާ މަނިކު އަވަހާރަވީ ގިނަ ދުވަސްތަކެއްވަންދެން ބަލިވެ އުޅުމަށްފަހުއެވެ. އޭނާ އަވަހާރަވީއިރު އުމުރަކީ 81 އަހަރެވެ. ޗިޅިޔާ މޫސާ މަނިކު އެންމެ ފުރަތަމަ އާންމުންނަށް ފިލްމީ ދާއިރާއިން ފެނުނީ 1982 ވަނަ އަހަރު ޓެލެވިޝަން މޯލްޑިވްސްއިން ތައްޔާރު ކުރި "ޣާޒީ ބަންޑާރައިން" ފިލްމުންނެވެ. އެ ފެނިލުމާއެކުވެސް ގިނަ ބައެއްގެ ލޯބި ޗިޅިޔާއަށް ލިބުނެވެ. ފިލްމީ ދާއިރާގައި އޭނާއަކީ ކުޅަދާނަ ހުނަރުވެރި ފަންނާނެއްކަން އެ ފިލްމުން ވެސް ހާމަވިއެވެ. އޭނާ އެ ފިލްމުގައި ކުޅުނު ވިޔަޒޯރުގެ ރޯލަށް ގިނަ ބައެއްގެ ތައުރީފު އޮހުނީ ހަގީގަތާ އެއްގޮތަށް އޭނާ އެ ފިލްމުގައި ދެއްކި މޮޅު ހުނަރުގެ ސަބަބުންނެވެ. މޫސާ މަނިކު (ކ) ޒުވާން ދުވަސްވަރު ގްރޫޕް ފޮޓޯއެއްގައި. ފޮޓޯ: ވޮނަދަނަ ރާއްޖެ އާންމުންނަށް ފެނުނު ޗިޅިޔާގެ ފުރަތަމަ ފިލްމަކީ އެެއީ ކަމުގައި ވިޔަސް ތަމްސީލް ކުޅުމުގެ ދާއިރާގައި އޭނާ އޭގެ ކުރިން ވެސް ވަނީ މަސައްކަތް ކޮށްފައެވެ. އެ ގޮތުން 1977ވަނަ އަހަރު މަޖީދިއްޔާ ސުކޫލްގެ ގޯލްޑަން ޖުބްލީ ފާހަގަކުރަން ބޭއްވި ސްޓޭޖު ޝޯތަކުގައި އޭނާ ވަނީ ތަމްސީލް ކުޅެފައެވެެ. އަދި އޭގެ ފަހުން ވެސް އެކިއެކި ތަމްސީލުތަކުން އޭނާ ފެނިފައިވެއެވެ. އެކަމުގެ ނަތީޖާއެެއްގެ ގޮތުން އޭނާއަށް 1983ވަނަ އަހަރު ތަމްސީލް ކުޅުމުގެ ރޮނގުން އާންމު ޚިދުމަތުގެ އިނާމު ސަރުކާރުން އޭނާއަށް ވަނީ ދެއްވައިފައެވެ. ޗިޅިޔާއާއެކު ގިނަ ދުވަސްތަކެއްވަންދެން ފިލްމީ ދާއިރާގައި މަސައްކަތް ކުރި އަދި މިހާރު ފިލްމީ ދާއިރާގައި ހުރި އެންމެ ތަޖުރިބާކާރު، ކުޅަދާނަ ފިލްމީ ތަރި ރޯނުގޭ ހަސަން މަނިކު ވިދާޅުވީ ޗިޅިޔާއަކީ މަސައްކަތުގައި ވަރަށް ވަގުތަށް ފަރުވާތެރި އަދި އެންމެންނާ ވެސް ގުޅިގެން މަސައްކަތް ކުރާ ފަންނާނެއް ކަމަށެވެ. އަދި ފިލްމީ ދާއިރާގައި ހަސަންމަނިކުގެ ފުރަތަމަ އެދުރަކީ ވެސް ޗިޅިޔާކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ ޗިޅިޔާގެ ވަކިވެދިޔުމަކީ ދިވެހި ފިލްމީ ދާއިރާއަށް ލިބުނު ފޫ ނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށެވެ. "ޗިޅިޔާ ސިފަކުރާނަމަ އަޅުގަނޑު ދަންނަވާނީ އެއީ ދިވެހި ފިލްމީ ދާއިރާގެ ބައްޕައޭ،" ގިނަ ފިލްމުތަކެއްގައި ޗިޅިޔާ މޫސާމަނިކާއެކު މަސައްކަތް ކުރެއްވި ރޯނުގޭ ހަސަންމަނިކު ޗިޅިޔާ ސިފަކުރެއްވީ މިހެންނެވެ. ޗިޅިޔާއަކީ އެކުވެރިންނާއެކު ގިނަ ވަގުތުތަކެއް ހޭދަކުރާ މަޖާ މިޒާޖެއްގެ މީހެއް ކަމުގައި ވެސް ހަސަން މަނިކު ވިދާޅުވިއެވެ. ޗިޅިޔާ މޫސާ މަނިކު ފިލްމީ ދާއިރާގައި ހަރަކާތްތެރިވާން ފެށި ފަހުން 30އަށްވުރެ ގިނަ ޑްރާމާއާއި 50އަށްވުރެ ގިނަ ފިލްމު ވަނީ ކުޅެފައެވެ. އެގޮތުން އޭނާގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހަގު އަނބި، މަޖުބޫރު ލޯބި، ސިޓީ، ހިފެހެއްޓުމެއް ނެތް ކަރުނަ، އެދިއެދި ހޯދީމޭ އަދި ޒަލްޒަލާ ހިމެނެއެެވެ. ފިލްމީ ދާއިރާގައި ޗިޅިޔާގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކަށް ބަލާއިރު 1996ވަނަ އަހަރުގެ އާފަތިސް އެވޯޑްސްގައި އޭނާއަށްް ވަނީ ދިވެހި ފިލްމު "ހަގު އަނބި"އިން އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ މަގާމު ލިބިފައެވެ. އަދި "މިއަދު" ކްރިސްޓަލް އެވޯޑްސްގައި 2008 ވަނަ އަހަރު އޭނާއަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑެއް ވެސް ވަނީ ލިބިފައެވެ. މީގެ އިތުރުން ދިވެހި ދައުލަތުން ޗިޅިޔާއަށް 2009 ވަނަ އަހަރު ވަނީ ތަމްސީލާއި ފިލްމު ކުޅުމުގެ ދާއިރާއިން ޝަރަފްވެރިކަމުގެ އިނާމު ދެއްވައިފައެވެ. ޗިޅިޔާ މޫސާ މަނިކު (ވ) އަށް 2009 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު ޝަރަފްވެރިކަމުގެ ގައުމީ އިނާމް ދެއްވަނީ ޗިޅިޔާގެ ފަންނުވެރިކަމުގެ ހުނަރު ފެނިގެންދަނީ ހަމައެކަނި އެކްޓުކުރުމުގެ ދާއިރާއަކުންނެއް ނޫނެވެ. އޭނާއަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. މޮޅު ކުރެހުންތެރިއެކެެވެ. ލިޔުންތެރިކަމުގައި ވެސް އޭނާ ވަނީ ކާމިޔާބީތަކެއް ހޯދައިފައެވެ. 1995ވަނަ އަހަރުގެ އާފަތިސް އެވޯޑްސްގައި އެންމެ މޮޅު ވާހަކައަކަށް ހޮވުނީ ޗިޅިޔާގެ "ޒަހަމް"އެވެ. އަދި ހަމަ އެ އަހަރު އޭނާއަށް ވަނީ ހަމަ އެ ފިލްމުން އެންމެ މޮޅު ޑައިލޮގް އެވޯޑް ވެސް ލިބިފައެވެ. ލިޔުންތެރިކަމުގައި އޭނާގެ ފާހަގަކޮށްލެވޭ އިތުރު މަސައްކަތްތަކަށް ނަޒަރު ހިންގާލާއިރު ދިވެހީންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި "ކައްތިރި" ފިލްމު ލިޔުމުގައި ވެސް އޭނާ ވަނި ބައިވެރިވެފައެވެ. އަދި ޗިޅިޔާ ވަނީ ކުޑަކުދިންނަށް ހާއްސަކޮށްގެން "ތިން ހަދިޔާ"ގެ ނަމުގައި ފޮތެއްވެސް ނެރެފައެވެ. ކުޑަކުދިން ކިޔާހިތްވާ ކަހަލަ ފޮތެއް ސަރުކާރު ގަބޫލުކުރައްވާ ފެންވަރަކަށް ދިވެހިބަހުން އެކުލަވައިލުމުން ސަރުކާރުންދޭ ހާއްސަ އިނާމް 2000 ވަނަ އަހަރު އޭނާއަށް ލިބިފައިވެއެވެ. ކުރެހުމުގެ ދާއިރާގައި ވެސް ޗިޅިޔާއަކީ މޮޅު ފަންނުވެރިއެކެވެ. އުފެއްދުންތެރި، މާނަވީ ރީތި ކުރެހުންތައް އޭނާ ވަނީ ކުރަހާފައެވެ. 1970ގެ އަހަރުތަކުގައި ރާއްޖޭގައި ތިބި އެންމެ ކުޅަދާނަ ކުރެހުންތެރިންގެ ތެރޭގައި ޗިޅިޔާއަކީ އެންމެ އުހުގައި ގުނާލެވޭ ކުރެހުންތެރިއެކެވެ. އެ ދުވަސްވަރު ރާއްޖޭގެ ނޫސްތަކުގެ ބޭރުގަނޑަށް ބޭނުންވާ ބައެއް ތަސްވީރުތަކާއި އަދި އިޝްތިހާރާއި ބިލްބޯޑުގައި ވެސް އޭނާ ވަނީ ކުރެހުންތެރިކަމުގެ ހުނަރު ދައްކުވައިދީފައެވެ. މޫސާ މަނިކު އަވަހާރަވުމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޗިޅިޔާ މުސާ މަނިކަކީ ރާއްޖޭގައި ކުރެހުންތެރިކަމުގެ މިސްރާބު ބަދަލުކުރެއްވި ހުނަރުވެރި ކުރެހުންތެރިއެއް ކަމަށެވެ. އަދި އޭނާއަކީ ބިލްބޯޑު ހެެއްދެވުމުގެ މާހިރެއްކަމަށާއި ކުޅަދާނަ އެކްޓަރެއްކަމަށްވެސް ރައީސް ނަޝީދުގެ ޓްވީޓުގައި ފާހަގަ ކުރައްވައިފައިވެއެވެ. ޗިޅިޔާ މޫސާ މަނިކަކީ ފަތްތޫރައިގެ ލޯގޯ ކުރުހި ކުރެހުންތެރިޔާއެވެ. އެ މާނަފުން ކުރެހުމަކީ ވެސް ޗިޅިޔާގެ ޒިކުރާ އަބަދުގެ އަބަދަށް ރާއްޖޭގެ ފަންނީ ދާއިރާގައި ދެމިހުންނާނެ ކަމުގެ އަލިގަދަ ހެއްކެކެވެ. ފަތްތޫރައިގެ ލޯގޯ ފަރުމާ ކުރެއްވީ ޗިޅިޔާ މޫސާމަނިކު ކޮންމެ އަހަރަކު ރަމަޟާންމަހު ޓެލެވިޝަން މޯލްޑިވްސްއިން ދައްކާ މުހައްމަދު ރަސޫލުﷲގެ އެކި ބައިތަކަށް ވެސް ޗިޅިޔާ ވަނީ އަޑު އަޅައިފައެވެ. އެއީ ވެސް އޭނާގެ ދެމިގެންދާނެ ހަނދާނެކެވެ. ރޭގެ ވަގުތެއްގައި އަބަދުގެ އަބަދަށް ގެއްލިގެން އެ ދިޔައީ އެކި ފަންނުތަކަށް ކުޅަދާނަ ފަންނާނެކެވެ. މޮޅު ލިޔުންތެރިއެކެވެ. މޮޅު މުސައްވިރެކެވެ. އުފެއްދުންތެރިއެކެވެ. ދިވެހި ފިލްމީ ދާއިރާއަށް އިންގިލާބެއް ގެނުވި އެކްޓަރެކެވެ. ވަކިވެގެން އެ ދިޔައީ ދިވެހި ފިލްމީ ދާއިރާ ކަރުނުން ތެންމާފައެވެ. ޗިޅިޔާ މޫސާ މަނިކު އަކީ ސަން އޮންލައިންގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ނައިޒަކް މުހައްމަދުގެ ލޮބުވެތި ކާފައެވެ. މި ދަތި ވަގުތުކޮޅުގައި ސަން މީޑިއާ ގުރޫޕުގައި މަސައްކަތްކުރާ ހުރިހާ މުއައްޒަފުންގެ ނަމުގައި ނައިޒަކްއަށް ތައުޒިޔާ އަދާކުރަމެވެ. އަދި މާތް ﷲ މަރުޙޫމުގެ ފުރާނާއަށް ރަޙުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވަން އެދި ދުއާކުރަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ