ސީއެޗްއެސްސީގެ ކެންޓީން ހިންގަން ސައުތު ތައުފީގާއެކު އެޑިޔުކޭޝަން މިނިސްޓްރީން ވެފައިވާ އެއްބަސްވުން ބާތިލުކޮށް، ކެންޓީނު ނަގާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އެކެންޓީނުހިންގުމުގެ ފުރުސަތު ސައުތުބީޗަށް ދިނުމަށް ސިވިލް ކޯޓުން ހުކުމް އަމުރުކޮށްފިއެވެ.
ސިވިކޯޓުން މިދިއަ އާދީއްތަ ދުވަހު ކުރި ހުކުމްގައި ވަނީ ކެންޓީނު ހިންގުން ސައުތު ތައުފީގު އަތުން އަތުލާފައި ވަނީ، ދެ ފަރާތުގެ ދެމެދު ވެވުނު އެއްބަސްވުމުގައިވާ އިޖުރާއަތްތަކުގެ ބޭރުން، އެއްބަސްވުމާ ހިލާފަށް ކަމަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަ ކަމަށެވެ. އަދި އެއްބަސްވުން ބާތިލުކޮށްފައި ވަނީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ ދަށުން އެއްބަސްވުން ކުރިއަށް ގެންދެވެން ނެތިގެން ކަމަށް ދައުލަތުން ބުނެފައިވީނަމަވެސް އެކަން ސާބިތުކޮށްދެވިފައި ނުވާކަމަށެވެ.
އެހެންކަމުން އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތައި އެއްބަސްވުމުގެ ބާކީ އޮތް މުއްދަތަށް ސީއެޗްއެސްއީގެ ކެންޓީނު ހިންގުމުގެ ފުރުސަތު ސައުތުބީޗަށް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް އަމުރުކުރާކަމަށް ސިވިލް ކޯޓުގެ ނިންމުމުގައިވެއެވެ.
މީގެ އިތުރުންވެސް މިނިސްޓްރީ އިން ކެންޓީނު ނެގިފަހުން ފާއިތުވި ދުވަސްތަކުގެ ތެރޭގައި ސައުތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އެދިފައިވާ އަދަދު، އެ މުއްދަތުގެ ތެރޭގައި ސައުތަށް އެވަރުގެ ގެއްލުމެއް ލިބިފައިވާކަން ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާތީ ނަގައިދެވެން ނެތް ކަމަށްވެސް ސިވިލް ކޯޓުން ވަނީ ނިންމާފައެވެ.
ސައުތު ތައުފީގުގެ ސައުތުބީޗަށް ސީއެޗްއެސްސީގެ ކެންޓީން ހިންގުން ހަވާލު ކުރީ 2009 ވަނަ އަހަރުއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީއާ ސައުތު ތައުފީގާ ދެމެދު ވެވުނު އެއްބަސްވުން ބާތިލުކޮށްފައި ވަނީ 2010 ވަނަ އަހަރުއެވެ.
ސީއެޗްއެސްސީގެ ކެންޓީން ހިންގުމުގެ ފުރުސަތު ސައުތުބީޗަށް ދިނުމަށް ސިވިލް ކޯޓުން ހުކުމް އަމުރުކޮށްފި.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ