ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ފޭކް ކޯޓު އަމުރެއް ނެރުނު މައްސަލާ އދ. މާމިގިލީ ކޯޓު ގާޒީ ގއ. މާމެންދޫ، ވީނަސް، އަހުމަދު ނިހާންގެ 17 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ދާދި ދެންމެއަކު ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ސައްޙަ ނޫން ކޯޓް އަމުރެއް ތައްޔާރުކުރަން އުޅުނުކަން ނިހާންގެ މައްޗަށް ސާބިތުވާކަމަށެވެ.
ނިހާންގެ މައްޗަށް ދައުލަތުން ވަނީ ޖުމްލަ ހަތަރު ދައުވާއެއް އުފުލާފައެވެ.
އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާ އާއި ފޭކް ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމެއްލެއް ކުރަން އުޅުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ބުނެފައިވަނީ ރައީސް ޔާމީން ހައްުޔަރުކުރުމަށް ސައްހަ ނޫން ކޯޓް އަމުރެއް ތައްޔާރުކުރި މައްސަލައާއި ގުޅިގެން ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުކުރެވޭނެކަމަށެވެ. ނަމަވެސް ނިހާންގެ ވަކީލުންގެ ޓީމުން ވަނީ ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތުކުރެވޭ މިންވަރަށް ހެކި ނެތްކަމަށާ ނިހާންގެ މައްޗަށް ކުށް ސާބިތުވާނެކަމަށް ގަބޫލްނުކުރާކަމަށް ބުނެފައެވެ.
ނިހާންގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރާއި ދެވަނަ ނަންބަރާއި، ފަސްވަނަ މާއްދާގެ (ހ)ގެ ދެ ވަނަ ނަންބަރާއި، ހަ ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ނ)ގެ ދަށުންނެވެ.
ދައުލަތުގެ ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ރޭ ދަންވަރު ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިންއާއި އިތުރު ބަޔަކު ލޯންޗެއްގައި މާމިގިއްޔަށް ދިއުމުން ނިހާން އެމީހުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި އެރޭ މާމިގިލި ކޯޓު ހުޅުވުމަށްފަހު މުހުތާޒު ގާޒީ ނިހާނަށް ދިން އީމެއިލްއަކާއި ޕާސްވޯޑެއް ބޭނުންކޮށްގެން އީމެއިލްގައިވާ އެޑްރެހަށް ވަދެ "މާފުށީ އަމުރު" މިނަމުގައިވާ ކޯޓު އަމުރެއް ކަމަށް ދައްކައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމެއް ޑައުންލޯޑް ކުރުމަށްފަހު އެލިޔުމަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށް ދައުވާގައިވެ އެވެ.
މި މައްސަލައާއި ގުޅިގެން ނިހާންގެ އިތުރަށް ކުރީގެ ޕީޖީ މުހުތާޒު މުހުސިންގެ މައްޗަށްވެސް ވަނީ ތިން ދައުވާއެއް އުފުލާފައެވެ.
ކްރިމިނަލް ކޯޓުގައި ރޭ ބޭއްވި ހުކުމް އިއްވުމުގެ މަޖިލީހުގައި މުހުތާޒު މުހުސިންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައި މުހުތާޒު 17 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.
މި މައްސަލާގައި މުހުތާޒުގެ މައްޗަށް ތިން ދައުވާއެއް އުފުލިއެވެ.
އެއީ، ޓެރަރިޒަމްގެ ދައުވާ އާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ސައްހަ ނޫން ގޮތަކަށް ދެއްކުމުގެ ދައުވާ އާއި ވަކި އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާއެވެ.
ގާޒީ ނިހާންވެސް 17 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ