ޝުމްބާގެ ބަންދަށް ކޯޓުން ދެވަނަ ފަހަރަށް 15 ދުވަސް ޖަހައިފި

ސްރީލަންކާއިން ހައްޔަރުކޮށްގެން ރާއްޖެ ގެނައި ޅ. ހިންނަވަރު، ނައިލޯނުގެ، އަހްމަދު އަޝްރަފްގެ ބަންދަށް ކްރިމިނަލް ކޯޓުން ދެވަނަ ފަހަރަށް 15 ދުވަސް ޖަހައިފި އެވެ.
އަޝްރަފްގެ ބަންދަށް ދެވަނަ ފަހަަރަށް 15 ދުވަސް ދިނީ މިއަދު އެވެ.
އަޝްރަފް ބޮޑަށް މަޝްހޫރީ ޝުމްބާގޮންގގެ ނަމުގަ އެވެ. ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ ގާތް މީހެއް ކަމުގައިވާ އަޝްރަފަކީ ސޯޝަލް މީޑިއާ އެކްޓިވިސްޓެކެވެ.
ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތުހުމަތުގައި ލަންކާއިން އަޝްރަފް ހައްޔަރުކޮށްގެން ގެނެސްފައިވަނީ މިމަހުގެ ދެވަނަ ދުވަހު އެވެ. އޭނާ ލަންކާއިން ހައްޔަރުކޮށްގެން ރާއްޖެ ގެނައި މައްސަލާގައި ލަންކާ ސަރުކާރުގެ ބައެއް ވެރިންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ.
އަޝްރަފް ހައްޔަރުކުރީ ލޯންޗްކޮޅު ގޮއްވާލުމުގެ ތުހުމަތުގައި ހޯދަމުންދާ އަށް މީހުން މިހާރުން މިހާރަށް ރާއްޖެއަށް އައުމަށް ނެޝަނަލް އިންކުއަރީ ކޮމިޝަނުން އަންގާފައިވަނިކޮށެވެ.
ކޮމިޝަންގެ ކޯ ޗެއާ އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މިމައްސަލާގައި ހޯދަން އިއުލާންކޮށްފައި އަށް މީހުން ތިބީ ތައިލެންޑާއި ސްރީލަންކާގައާއި އަވަށްޓެރި ގައުމުތަކުގައި ކަަމަށްވާތީ އެމީހުން ރާއްޖެ އައުމަށް ލަސްވާންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި މި މީހުން ރާއްޖެ ނައިސްފިނަމަ އިންޓަޕޯލް މެދުވެރިކޮށް މި މީހުން ހޯދާ ރާއްޖެއަށް ގެންނާނެ ކަމުގައިވެސް އުމަރު ވިދާޅުވި އެވެ.
އަޝްރަފަކީ ހޯދަން އިއުލާންކުރި އަށް މީހުންގެ ތެރެއިން މިހާތަނަށް ހައްޔަރުކުރެވުނު ހަމައެކަނި ފަރާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ