ބަލާފައިވާ މައްސަލައެއް އަލުން ބަލާތީ ސުޕްރީމް ކޯޓުން އެމައްސަލަ ހުއްޓުވައިފި

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މީގެ ކުރިން ބަލާފައި އޮތް، ދަރިންގެ ބެލުމުގެ ޒިންމާ ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގެ މައްސަލައެއް (ހަޟާނަތުގެ މައްސަލަ) ފެމިލީ ކޯޓުން ބަލަމުންދާތީ އެކަން ސުޕްރީމް ކޯޓުން ހުއްޓުވައިފި އެވެ.
ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ ފެމިލީ ކޯޓުން މިހާރު ބަލަން ފަށާފައިވާ އެ މައްސަލައަކީ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މީގެ ކުރިން ބަލައި ހުކުމް ވެސް ކޮށްފައިވާ މައްސަލައެއް ކަމަށް ވާތީ އެމައްސަލަ އަލުން ނުބެލުމަށާއި މައްސަލައިގެ ފައިލް ވަގުތުން ބަންދުކުރަން އަމުރުކުރާ ކަމަށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ އެ އަމުރުގައި ބުނެފައި ވަނީ ރާއްޖޭގެ އަދުލު އިންސާފު ގާއިމް ކުރުމުގެ ތިން މަރުހަލާގެ ތެރެއިން އެއްވެސް މަރުހަލާއެއްގައި ބަލާފައިވާ މައްސަލައެއް ހަމަ އެ މަރުހަލާގައި އަލުން ބެލުމަކީ އަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.
އެ މައްސަލައަކީ ފުވައްމުލަކު އަންހެނަކު ހިތަދޫ ފިރިހެނަކާ ކައިވެނިކޮށްގެން ލިބުނު ދެ ކުދިންގެ ހަޟާނަތުގެ މައްސަލައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ