ބަޖެޓާ ހެދި ރައްޔިތުން ކަންބޮޑުވާކަށް ނުޖެހޭ: ރައީސް

ދައުލަތުގެ ބަޖެޓް ނެތި ބަނގުރޫޓުވެ، އަނދަވަޅަކަށް ވެއްޓެމުންދާ ކަމަށް ބުނެ އެކި މީހުން ދައްކަމުންދާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށާއި ބަޖެޓާ ހެދި ރައްޔިތުން ކަންބޮޑުވާން ނުޖެހޭ ކަމަށް ރައީސް މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
މާލެ އަތޮޅު ތުލުސްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަހީދު ވިދާޅުވީ ބަޖެޓުގެ ކަންކަމާ ގުޅޭގޮތުން ރައްޔިތުން ކަންބޮޑުވާން ނުޖެހޭނެ ކަމަށާއި ރާއްޖެ އަކީ ބަޔަކަށް ދަރަނި އަދާނުކޮށް އޮތް ގައުމެއް ނޫން ކަމަށެވެ. މައްސަލަތަކުގައި ކަންބޮޑުވާން ޖެހޭނީ ދައުލަތުގެ މަގާމްތައް ރައްޔިތުން ހަވާލުކޮށްފައި ތިބި މީހުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ރައްޔިތުން ފިކުރުކުރަން ޖެހޭ ކަމަށްވާ ނަމަ އަޅުގަނޑުމެން މި މަގާމްތަކުގައި ނުތިބޭނެ. އެހެންވީމާ އަޅުގަނޑުމެންގެ ހުރިހާ މަސައްކަތަކަށް ވެސް ވާނީ އެ ކަންކަން ހައްލުކުރުން. ރާއްޖޭގެ އިގްތިސާދު ހަގީގަތުގައި އެހާ ގޯހެއް ނޫނޭ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން "ތަންކޮޅެއް ދަތިކޮށް އުޅެން ޖެހިފައިވާތީ" އިގްތިސާދު އޮތީ ވަރަށް ހާލުގައި ކަމަށް ބައެއް މީހުން ހީކުރި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. ރާއްޖޭގެ އެންމެ ބޮޑު ސިނާއަތަކީ ޓޫރިޒަމް ކަމަށާއި ޓޫރިސްޓުން ރާއްޖެ އަންނަ އަދަދު އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުން އަންނަކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޓޫރިޒަމުން ރަނގަޅު އާމްދަނީއެއް ލިބެމުން އަންނައިރު މަސްވެރިކަން ވެސް އަންނަނީ ރަނގަޅުވަމުންނެވެ. ބައެއް އަތޮޅުތަކަށް މިދިޔަ އަހަރު އެކަނި ވެސް 500 މިލިއަނެއްހާ ރުފިޔާގެ މަސް ކިރުވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ފުދޭވަރެއްގެ އާމްދަނީއެއް ވެސް ވަންނަމުން އެބަދޭ. ނަމަވެސް އަޅުގަނޑު މިހުރި މަގާމުގައި ނޫނީވިއްޔާ ސަރުކާރުގެ މަގާމްތަކުގައި ތިބޭ މީހުން ގައުމުގެ މުސްތަގުބަލާ ދޭތެރޭގައި ބައެއް ފަހަރަށް ވިސްނަންވާވަރަށް ނުވިސްނައި ވަގުތީ ބޭނުމަކަށްޓަކައި ބަޖެޓް އަޅުގަނޑުމެންނަށްވާ ވަރަށް ވުރެ ބޮޑަށް ހަރަދުކުރުމުގެ ސަބަބުން އަޅުގަނޑުމެންނަށް ދިމާވާ ދަތިތަކެއް އެބަހުރި،" ރައީސް ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުން ރައީސް ވިދާޅުވީ ކޮންމެ އިންތިހާބަކާ ދިމާކޮށް ސަރުކާރުން ބޮޑެތި ހޭދަތައްކުރާ ކަމަށެވެ. އެކަމުގެ ސަބަބުން ބަޖެޓް ދަރަނިވެރިވެ ބަޖެޓް ވަރަށް ހާލުގައި އޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް، ވަރަށް ދަތިހާލުގައި ސަރުކާރު އުޅެގެން ވެސް އެ ފައިސާ ދައްކާފައިވާ ކަމަށް ރައީސް ވިދާޅުވ އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ މުވައްޒަފުންނަށް ދޭން ޖެހޭ މުސާރައާ އެއްވަރަށް، ބޭރު ގައުމުތަކުން އެކި ޒަމާންތަކުގައި ނަގާފައި ހުރި ލޯނުތަކަށް ފައިސާ ދައްކަންޖެހޭ ކަމަށެވެ. ދިވެހިންނަކީ މީހުންނަށް ދަރާ އުޅޭބައެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިހާތަނަށް ދިވެހި ރާއްޖެއިން ދައްކަންޖެހޭ ފައިސާއެއް އެއްވެސް ފަރާތަކަށް ނުދައްކައެއް ނޯންނާނެ. ދައްކަންޖެހޭ ދަރަނި ގަވާއިދުން ދައްކަންޖެހޭ ދުވަހަކަށް އަޅުގަނޑުމެން ދައްކަމުން މި އަންނަނީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މި އަހަރުގެ މެދެއްހާ ހިސާބުގައި ސަރުކާރު ބަނގުރޫޓުވާނެ ކަމަށް ބައެއް މީހުން ބުނެފައިވީ ނަމަވެސް ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް މެދުކެނޑުމެއް ނެތި ސަރުކާރުން ފޯރުކޮށްދެމުން އަންނަ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންނަށް އެއްވެސް ކަމެއްގައި ދަތިވިޔަ ނުދޭނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ދައުލަތަށް ދިމާވާ އެކި ކަންކަން ހައްލުކުރުމުގައި ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީން ހިއްސާވާން ޖެހެ އެވެ. ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތް ބަރާބަރަށް ދެވޭނީ އޭރުން ކަމަށް ވިދާޅުވެ ރައްޔިތުންގެ ކަންކަން ކޮށްދޭން ފަސްނުޖެހުމަށް ރައީސް ހުރިހާ ފަރާތްތަކަށް ގޮވާލެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުއްވުމަށް ފިނޭންސް މިނިސްޓަރަށް ދަންނަވާފައިވާނެ ކަމަށެވެ. އެ ބަޖެޓުގައި މި އަހަރަށް އިތުރަށް ބޭނުންވާނެ ފައިސާ ހިމަނުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ބޭނުން ނުވާ އެންމެ ފައިސާ ފޮއްޗެއް ވެސް ސަޕްލިމެންޓްރީ ބަޖެޓުގައި ނުހިމަނާނަން. ހިމަނާނީ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ބަރާބަރަށް ގެންދިއުމަށްޓަކައި ހިމަނަންޖެހޭ އެއްޗެއް،" ރައީސް ވިދާޅުވި އެވެ.
ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި، އެ ރަށަށް އަށް ރައީސުލްޖުމްހޫރިއްޔާއަކު ވަޑައިނުގަންނަވާތާ ފަސް އަހަރުވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެ ރަށަށް މި އަހަރު ނިމުމުގެ ކުރިން އަދި ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ