ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖަލަށްލާން ކުރި ހުކުމުގެ
އިސްތިއުނާފް ޝަރީއަތުގެ ހުކުމް އަންނަ އަންގާރަ ދުވަހު އިއްވަން ހައި
ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.ނާޒިމްގެ ކޮޓަރިން ފިސްތޯލައަކާއި ތިން
ވަޒަން ފެނުނު މައްސަލާގައި އޭނާ 11 އަހަރަށް ޖަލަށްލާން ކްރިމިނަލް
ކޯޓުން ކުރި ހުކުމް ނާޒިމްގެ ފަރާތުން އިސްތިއުނާފް ކުރުމުން މިއަދު ވަނީ
އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފަ އެވެ.މިއަދުގެ
އަޑުއެހުން ނިންމާލަމުން، އެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު
ބަލަހައްޓަވާ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ވިދާޅުވީ އަންގާރަ
ދުވަހުގެ މެންދުރު 2:00 ގައި އެ މައްސަލައިގެ ހުކުމް އިއްވަވާނެ ކަމަށެވެ.އެ
މައްސަލައިގެ އަޑުއެހުންތައް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އޮތީ
ނިންމާލާފައި ކަމަށްވިޔަސް އިތުރު އަޑުއެހުމެއް މިއަދު ބޭއްވީ ނާޒިމްގެ
ފަރާތުން ހުށަހަޅާފައިވާ އިތުރު ހަ ހެކިވެރިއެއްގެ ހެކިބަސް ނެގުމަށެވެ. އެ
ހެކިންނަކީ ނާޒިމްގެ އެޕާޓްމެންޓް ފާސްކުރަން ދިޔަ ސްވޮޓް ޓީމުގެ
ފުލުހުންނެވެ. އެ މީހުންނާ ސުވާލުކުރީ އެގެއަށް ވަނުމުގައި
އަމަލުކޮށްފައިވާ ގޮތާ ބެހޭގޮތުންނެވެ.ހެކިބަސް ނަގައި ނިމުމުން
ފަހު ބަސް ބުނަން ދިން ފުރުސަތުގައި ނާޒިމްގެ ވަކީލް ހުސްނުއްސުއޫދު
ވިދާޅުވީ ބައެއް ހެކިވެރިން ދޮގު ހެކިބަސް ދީފައިވާ ކަމަށް ޝައްކު ކުރެވޭ
ކަމަށާއި އެހެންވެ މައްސަލަ ނިންމުމުގައި އެކަމަށް ރަނގަޅު ބެލުން މުހިންމު
ކަމަށެވެ. އަދި ސްވޮޓް ޓީމު އެ ގެއަށް ވަނުމަށް ފަހު، ނާޒިމާއި އޭނާގެ
އާއިލާގެ މެމްބަރުން ކޮޓަރިތަކުން ނެރެ، ސިޓިންރޫމުގައި ބޭތިއްބުމަށް ފަހު
ކޮޓަރިތަކުގައި ފުލުހުން އެކަނި ވަގުތުތަކެއް ހޭދަކޮށްފައިވާ ކަމަށާއި
އެހެންވެ އެއިން ފުލުހަކަށް އެތަނުގައި އެ ހަތިޔާރުތައް ބޭއްވުމުގެ
ފުރުސަތު އެބައޮތް ކަމަށް ސުއޫދު ވިދާޅުވި އެވެ.މީގެ އިތުރުން ނާޒިމްގެ ހާޒިރުގައި ކޮޓަރި ފާސް ނުކުރީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.ސުއޫދުގެ
ވާހަކަތަކަށް ރައްދު ދެއްވައި، ދައުލަތުގެ ވަކީލް ވިދާޅުވީ ނާޒިމްގެ
ކޮޓަރިއަށް ސްވޮޓް ފުލުހުން ނުވަންނަކަން ހެކިބަހުން އެނގޭ ކަމަށާއި އަދި
އެތަނުގައި އެއްވެސް ހަތިޔާރެއް ފުލުހަކު ބޭއްވިކަން ހެކިބަހުން އެނގެން
ނެތް ކަމަށެވެ. މިއަދު ހެކިބަސް ދިން ހަ ފުލުހުންގެ ތެރެއިން ފަސް
ފުލުހަކު ބުނި ގޮތުގައި ނާޒިމްގެ ކޮޓަރިއަށް ސްވޮޓް ޓީމުގެ އެއްވެސް
ފުލުހަކު ވަތް ތަން ނުފެންނަ ކަމަށެވެ. އެކަމަކު ބާކީ ހުރި ފުލުސް މީހާ
ބުނި ގޮތުގައި އޭނާގެ އިތުރުން ސްވޮޓް ޓީމުގެ އިތުރު ދެ ތިން ފުލުހަކު ވަނީ
ނާޒިމްގެ ކޮޓަރިއަށް ވަދެފަ އެވެ. އެ މީހުން އެ ކޮޓަރިއަށް ވަނީ ނާޒިމާއި
އޭނާގެ އަނބިކަނބަލުން ކޮޓަރިން ނެރުމަށްޓަކައި ކަމަށް އެ ފުލުސް މީހާ
ބުންޏެވެ.އެގެ ފާސްކުރަން ދިޔަ ސްވޮޓް ޓީމުގެ އެންމެ އިސްކޮށް ހުރި
ފުލުސް މީހާ ބުނި ގޮތުގައި އެގެ ފާސް ކުރަން ދިއުމުގެ ކުރިން، އެރޭގެ
ވަގުތެއްގައި އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވަނީ އޭނާ އާއި
ސްވޮޓް ޓީމުގެ އެންމެ އިސް ކޮމާންޑަރާ ބައްދަލުކުރައްވައިފަ އެވެ. ނުރައްކާތެރި
ހަތިޔާރާއި ގޮވާތަކެތި ހޯދަން އޮޕަރޭޝަނެއް ހިންގަންޖެހޭ ވާހަކަ އާއި
އެކަމުގައި ސަމާލުވުމަށް ސީޕީ ހުސައިން އޭރު އިލްތިމާސް ކުރެއްވި ކަމަށް
ވެސް އެ ފުލުސް މީހާ ބުންޏެވެ.އެ ފުލުސް މީހާ ބުނިގޮތުގައި
ފާސްކުރަންޖެހޭނީ ގެއެއްގެ ނުވަ ވަނަ ފްލޯ ނުވަތަ އަށް ވަނަ ފްލޯ ކަމަށް
ސީޕީ ހުސައިން އެ ބައްދަލުވުމުގައި ވިދާޅުވި އެވެ. އެކަމަކު ނާޒިމް
ދިރިއުޅުއްވި ގ. އެނިފް ގޭގެ އެންމެ ފުރަތަމަ ވެސް ފާސްކުރީ ނާޒިމް
ދިރިއުޅުއްވާ އަށް ވަނަ ފްލޯ ކަމަށް އެ ފުލުސް މީހާ ބުންޏެވެ.އެންމެ
ފުރަތަމަ ވެސް އެގޭގެ އަށްވަނަ ފްލޯ ފާސްކުރީ ކީއްވެގެންތޯ ސުއޫދު ސުވާލު ދެންނެވުމުން އެ ފުލުސް މީހާ ބުނީ "ތީގައި ވަކި އެއްޗެއް ދަންނަވާކަށް
ނޭނގޭ" ކަމަށެވެ. ނާޒިމްގެ ވަކީލުން ބުނަނީ، އެ
ހަތިޔާރުތަކަކީ ބަޔަކު އެތަނުގައި ބެހެއްޓި އެއްޗެއް ކަމަށާއި އެއާ ނާޒިމާ
އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އެކަމަކު ދައުލަތުން ބުނަމުންދަނީ އެއީ
ނާޒިމްގެ އެއްޗެއް ކަމަށާއި އެކަމަށް ބާރު ލިބޭ ފަދަ ހެކިތައް އެބަހުރި
ކަމަށެވެ. އެ ހަތިޔާރުތައް ފެނުނުތާ ދެވަނަ އަށް ވީ ދުވަހު ނާޒިމް
އޭރު އަދާކުރަމުން ގެންދެވި ޑިފެންސް މިނިސްޓަރުަކަމުން ވެސް ވަނީ
ވަކިކޮށްފަ އެވެ.
ނާޒިމް ޖަލަށް ލީ މައްސަލަ ހައި ކޯޓުން އަންގާރަ ދުވަހު ނިންމަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ