ރާއްޖެ އަށް ކަނޑުމަގުން އެތެރެކުރަން އުޅުނު 24 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހާ ކްރިމިނަލް ކޯޓުން އިއްޔެ ސުވާލުކޮށްފި އެވެ.
ކޯޓުން ޕީޖީ އޮފީހާ ސުވާލުކުރީ އެ މައްސަލާގައި ހިމެނޭ ފަސް މީހެއްގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ބޭއްވި މަޖިލީހަށް ޕީޖީގެ ވަކީލަކު ހާޒިރުކޮށްގެންނެވެ. އެގޮތުން މައްސަލަ ކޯޓަށް ފޮނުވޭނެ ތާރީޚާ ގުޅޭ ގޮތުން ކޯޓުން ޕީޖީގެ ވަކީލާއި ސުވާލު ކުރި ކަމަށް "ހަވީރަ"ށް ވަނީ އެނގިފަ އެވެ.
އެ ސުވާލުތައް ޕީޖީ ވަކީލާ ކުރުމަށް ފަހު ކޯޓުން ވަނީ އެ ފަސް މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށް ދީފަ އެވެ. އެގޮތުން ދެ މީހެއްގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދިންއިރު އަނެއް ތިން މީހުންގެ ބަންދަށް ދިނީ 10 ދުވަހެވެ.
މިދިޔަ ފެބްރުއަރީ މަހު ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ މައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުވާކުރަން ފުލުހުން ވަނީ ޕީޖީ އޮފީހަށް ކުރިން ވެސް ފޮނުވައިފަ އެވެ.
އިއްޔެ ބޭއްވި ބަންދު މުއްދަތު މަޖިލީހަށް ޕީޖީ ވަކީލަކު ހާޒިރުކުރީ އޭގެ ކުރީގެ މަޖިލީހަށް ޕީޖީ އިން ހާޒިރުނުވާތީ އެކަމާ ގުޅިގެން އެ ދުވަހު ފުލުހުންނާ ސުވާލު ކުރުމަށް ފަހު އެވެ. އާންމުކޮށް ކޯޓުން އަންގައިގެން ނޫން ގޮތަކަށް ބަންދުގެ މުއްދަތު މަޖިލިސްތަކަކަށް ޕީޖީގެ ވަކީލުން ހާޒިރެއް ނުވާނެ އެވެ.
އީރާނުގެ މަސް ބޯޓަކުން ގެނައި ޑިންގީއެއްގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗަކީ ފަހުގެ ތާރީޚެއްގައި ރާއްޖެ އަށް އެތެރެކުރަން އުޅުނު އެންމެ ގިނަ އެއްޗިއްސަށެވެ. އެ ތަކެތީގެ މަގުމަތީ އަގު 100 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފުލުހުން ބުނެ އެވެ.
24 ކިލޯގެ ޑްރަގް މައްސަލާގައި ޕީޖީ އޮފީހާ ކޯޓުން ސުވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ