ގާސިމް ހައްޔަރުކޮށްފައިވާ މައްސަލަ ފުލުހުންނާއި އެޗްއާރްސީއެމްއާ ކްރިމިނަލް ކޯޓަށް ހުށަހަޅައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ގާނޫނު އަސާސީއާއި ހިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ބުނެ އެ މައްސަލަ ގާސިމްގެ ގާނޫނީ ޓީމުން ކްރިމިނަލް ކޯޓަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް މިއަދު ހުށަހަޅައިފި އެވެ.
ގާސިމަށް ކުރަމުނދާ އަނިޔާ ހުއްޓާލާގެ ނަމުގައި ވީޓީވީން ގެނެސްދެމުންދާ ހާއްސަ ލައިވް ކަވަރޭޖްގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހިމްގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ ގާސިމް އިބްރާހިމް ހައްޔަރުކުރިއިރު ޕްރޮސެކިއުޓާ ޖެނެރަލްގެ އެއްވެސް ދައުރެއްނެތި ކޯޓު އަމުރެއް ނެރެފައިވާތީ އެއީ ގާނޫނާއި ހިލާފު ކަމަކަށްވާތީ އެކަން ބަލައިދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ.
ހިސާން ވިދާޅުވީ ގާސިމްގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް މިއަދު ހުށަހެޅީ ގާނޫނާއި ގަވާއިދާ ހިލާފަށް ގާސިމް އިބްރާހީމް ހައްޔަރުކޮށްފައި ހުރުމުގެ ސަބަބުން ގާސިމް އިބްރާހިމްގެ މިނިވަން ކަމަށް ހުރަސް އެޅޭތީ ކަމަށެވެ. އަދި ވިދާޅުވީ އެޗްއާރްސީއެމަށް މިމައްސަލައިގެ ލިޔުންތައް ލިބިފައިވާ ކަމުގެ ލިޔުން ގާނޫނީ ޓީމަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ހޯދުމަށް އެޗްއާރްސީއެމުން މަސއްކަތް ކޮށްފައިވާ ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓަށްވެސް މިއަދު މައްސަލައެއް ހުށަހަޅާފައިވާނެ ކަމަށެވެ. ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ގާސިމް ހައްޔަރުކުރުމަށް އެދި ފުލުހުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހުށަހެޅުމާއި އަދި އެއަށްފަހު ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅި ހުށަހެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒްތަކުގެ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަންތައްތަކެއް ކަމަށްވާތީ އެ މައްސަލަތައް ބަލައިދިނުމަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ގާސިމް އިބްރާހިމް މިހާރު ހައްޔަރުކޮށްފައި ހުންނެވީ ގާނޫނާއި ހިލާފަށް ކަމަށްވާތީ ބަންދުން މިނިވަންކޮށްދިނުމަށް ވެސް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވާނެ ކަމަށެވެ.
ހިސާން ވިދާޅުވީ އެޗްއާރްސީއެމުން މީގެ ކުރިންވެސް މިފަދަ މައްސަލަތައް ވަރަށް މުހިއްމު އިސްކަމެއްދީގެން ބަލާފައިވާ ކަަމަށެވެ. އޭނާ ވިދާޅުވީ ގާސިމް އިބްރާހިމްގެ ބަންދުގެ މުއްދަތު ހަ ދުވަސް ދިނުމުން އެމައްސަލަ އިސްތިއުނާފަށް ހުށަހެޅުމަށް ކްރިމިނަލް ކޯޓަށް ލިޔުންތައް ހުށަހެޅުމުން ކޯޓުން އެފަދަ މައްސަލަ ބަލައި ނުގަންނަ ކަމަށް ބުނެ އެމައްސަލަ ބޭރުކޮށްލާފައިވާ ކަމަށެވެ. އަދި ކޯޓުން އެމައްސަލަ ބަލައި ނުގަތް ސަބަބެއް ހާމަކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ހިސާން އިތުރަށް ވިދާޅުވީ ގާސިމް އިބްރާހީމްގެ މައްސަލާގައި ގާނޫނީ ގޮތުން އިތުރަށް ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށާއި ބައިނަލްއަގްވާމީ މުޖުތަމައުގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުން ގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ