ރާއްޖެ އިން ތެޔޮ ހޯދުމަކީ ކުރެވިދާނެ ކަމެއް ކަމަށާއި ވެރިކަން ލިބިވަޑައިގެންފި ނަމަ ފުރަތަމަ ކަމެއްގެ ގޮތުގައި އެކަމަށް މަސައްކަތް ފައްޓަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވެސް މިއަދު ވައުދުވެވަޑައިގެންފި އެވެ.
ރިޔާސީ އިންތިޚާބަށް ކެމްޕެއިންކުރައްވަމުން ގެންދަވާ ގާސިމް މިގޮތަށް ވިދާޅުވީ، ވިލާ އެއާގެ އާ މަތިންދާބޯޓާ ހަވާލުވެވަޑައިގަތުމަށް ފްރާންސަށް ކުރެއްވި ދަތުރަށް ފަހު ރަސްމީ ފާލަމުގައި ނޫސްވެރިންނާ ބައްދަލުކުރެއްވުމުން، ރިޔާސީ ރޭހަށް ވާދަކުރައްވާނެ ކަމަށް އިއުލާންކޮށްފައިވާ ބައެއް ކެންޑިޑޭޓުން، ރާއްޖެ އިން ތެޔޮ ނެގުމަށް ގެންގުޅުއްވާ ވިސްނުމާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުންނެވެ.
ރާއްޖޭގައި ތެޔޮ ހުރި ކަމުގެ ހެކި އެބަހުރި ކަމަށާއި އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ތަކުރާރުކޮށް މިހާތަނަށް ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީނެވެ. ނަމަވެސް އެއީ ނުވާނެ ކަމެއް ކަމަށް ސިޔާސީ ބައެއް ލީޑަރުން އަންނަނީ ވިދާޅުވަމުންނެވެ.
ތެޔޮ ނެގުމާ ގުޅޭގޮތުން ޔާމީން ދައްކަވާފައިވާ ވާހަކަތަކާ އެއް ވިސްނުމެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖެ އިން ތެޔޮ ފެނޭތޯ ބެލުމަކީ، ޓެކްނޮލޮޖީ ކުރިއަރާފައިވާ މިންވަރުން މިހާރު ކުރެވިދާނެ ކަމެއް ކަމަށެވެ. އެކަމަކު މީގެ 80 އަހަރު ކުރިން ތެޔޮ ހޯދަން ގެންގުޅުނު ވިސްނުމަށް އެކަން ނުކުރެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެ [ތެލުގެ] ވާހަކަ ސަރުކާރުގެ ތެރެއަށް އެންމެ ފުރަތަމަ ގެނައީ ވެސް އަޅުގަނޑު. ދެހާސް އަށެއްގެ ކެމްޕޭން ތެރޭގައި ވެސް އަޅުގަނޑު ދެއްކިން. އަޅުގަނޑު ދެކޭގޮތުގައި ﷲ ދެއްވާފައިވާ ނިއުމަތަކުން މަހްރޫމްވެގަންނަން މަސައްކަތް ކުރުމަކީ މިއަދު ކޮށްގެން ވާނެ ކަމެއް ނޫން،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމަށް އަސަރު ނުކުރާނެ ގޮތަށް ތެޔޮ ނެގުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ގާބިލްކަމާއި ޓެކްނޮލޮޖީ މިހާރު ވަނީ ފުޅާވެފަ އެވެ.
"އަޅުގަނޑު ގަބޫލުކުރާ ހަމަތަކުގެ މަތިން އެއީ ކުރަން ޖެހޭނެ ކަމެއް، ކުރަންވާނެ ކަމެއް. އަޅުގަނޑަށް ވެރިކަން ލިބިއްޖިއްޔާ ހަމަގައިމު ވެސް އެކަމަށް ފުރަތަމަ އެނބުރި ގަންނާނީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން އަދި ރަނިންމޭޓެއް ކަނޑަނާޅާ ކަމަށެވެ. ރަނިންމޭޓެއް ކަނޑައެޅުމުގައި، ރައްޔިތުންނަށް އިހްލާސްތެރިކަމާ އެކު މަސައްކަތް ކޮށްދީ، ރާއްޖެ މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލުކުރެވޭނެ މީހަކަށް ބައްލަވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވިލާ އެއާއިން ވަރަށް އަވަހަށް އާ ދެ މަތިންދާބޯޓު ރާއްޖެ އަށް ގެންނާނެ އެވެ. އޭގެ ތެރެއިން އެއް ބޯޓު އަންނަ އޮކްޓޯބަރު މަހު ރާއްޖެ ގެންނަ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އދ. މާމިގިލީ އެއާޕޯޓް އިންޓަނޭޝަނަލްކުރުމާ ގުޅޭގޮތުން، ގާސިމް ވިސްނަވާފައި ވަނީ މާމިގިލިން ބޭރަށް ދަތުރުތައް ކުރުމުގެ ބަދަލުގައި ފުރަތަމަ، ބޭރު ގައުމުތަކުން އަންނަ ޖެޓުތަކަށް އެއާޕޯޓުގައި ޖެއްސޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ. އޭނާ ވިދާޅުވީ ވިލާގެ މުޅި އޮޕަރޭޝަންގެ އެންމެ އިސްކޮށް ތިބެނީ ދިވެހިން ކަމަށާއި ބައެއް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި 9،000-10،000 ޑޮލަރު ލިބޭތީ އެކަމާ އުފާކުރައްވާ ކަމަށެވެ.
ރާއްޖެ އިން ތެޔޮ ހޯދުމަށް ގާސިމް ވެސް ވައުދުވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ