އަމިއްލަ ނަން ބޭނުންކުރުން އަޅުގަނޑަށް ހުއްދަތަ؟ – މައުމޫން

އަމިލަފުޅު ނަން ބޭނުންކުރުމާއި މިއީ ދިވެއްސެކޭ ބުނުން ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އަށް މިހާރު ހުއްދަތޯ އެމަނިކުފާނު ސުވާލު ކުރައްވައިފިއެވެ.
ރައީސް މައުމޫން މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު އެއްވެސް ކުށަކަށް އަރައިގަންނަން ބޭނުންފުޅު ނުވާ ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ އަމިއްލަފުޅު ނަމާއި، އަދި އެމަނިކުފާނަކީ މުސްލިމެއްކަމާއި، ދިވެއްސެއް ކަމާއި، ގައުމު ދެކެ ލޯބިވާކަމަށް ބުނުމުގެ ހުއްދަ އެމަނިކުފާނަށް އެބައޮތްތޯ އެމަނިކުފާނު ވަނީ ޓްވީޓްގައި ސުވާލު ކުރައްވާފައެވެ.
ރައީސް މައުމޫން މިސުވާލު ކުރެއްވީ ޕީޕީއެމްގެ ރައީސްގެ ނަމުގައި ރައީސް މައުމޫން ހިންގަމުން ގެންދެވި އޮފީސް ބަންދުކޮށް ޕީޕީއެމްގެ ނަމުގައި ރައީސް މައުމޫން ހިންގަވާ ހަރަކާތްތައް ހުއްޓުވަން ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ކުރައްވާފައި ވަނިކޮށެވެ.
ސިވިލް ކޯޓުގެ އަމުރާއި އެއްގޮތައް ފުލުހުން ރޭ ވަނީ ރައީސް މައުމޫން ހ.ތެމާގައި ހިންގަވާ އޮފީހުގެ ނަންބޯޑް ނަގާ އެތަނުގައި ނަގާފައި ހުރި ޕީޕީއެމްގެ ދިދަ ތިރިކޮށްފައެވެ.
ރޭ ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު ކުއްޔަށް ހިފާފައިވާ އިމާރާތަކަށް ހުއްދަނެތި ބަޔަކު ވަދެ ގެއްލުން ދީފައިވާތީ އެކަމާއި ދެކޮޅަށް ދައުވާ ކުރާނެ ކަމަށެވެ.
ރައީސް މައުމޫން ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ހިންގަމުން ގެންދެވި އޮފީހަށް ފުލުހުން ރޭ ވަދެ އެތަނުގައި ހުރި ޕީޕީއެމްގެ ނަން ބޯޑު ނަގާ ޕީޕީއެމްގެ ދިދަ ތިރި ކުރުމަކީ ޑިމޮކްރަސީ އަށް ދިން ހަމަލާއެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރޭ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ