ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސްގެ އޮފީހުގެ ނަމުގައި ހ. ތެމާގައި ހިންގަމުންދާ އޮފީހުގައި ނަގާފައިވާ ޕީޕީއެމްގެ ދިދަ އާއި އެ ޕާޓީގެ ނަންބޯޑު ފުލުހުން ނަގައިފިއެވެ.
ފުލުހުން މައުމޫން އޮފީހުގައި ހަރުކޮށްފައިވާ ޕީޕީއެމްގެ ބޯޑާއި ދިދަ ނެގުމުގެ މަސައްކަތް ކުރަމުން ދަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ޕީޕީއެމްގެ ދިދަ އާއި އެ ޕާޓީގެ ނަންބޯޑު ނަގާފައި މިވަނީ ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ހަވާލު ކޮށްފައި ވަނިކޮށް، އެ ޕާޓީގެ ރައީސްގެ ނަމުގައި އޮފީހެއް ހަދައި، ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކޮށްގެން ޖަލްސާތަކާއި ހަރަކާތްތައް ހިންގައި ހެދުމަކީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒުވިޔަ ދިނުމަށް ހުރަސް އެޅުމުގެ ގޮތުން ހިންގާ ހަރަކާތްތަކާއި އަމަލުތަކެއް ކަމަށްވާތީ، އެ ހުކުމާ އެއްގޮތަށް ހުރިހާ ފަރާތްތަކުން އަމަލު ކުރަން ފުލުހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި އަންގާފައި ވަނިކޮށެވެ.
ފުލުހުން ނެރުނު ބަޔާނުގައި ހ. ތެމާގޭގައި ނަގާފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ދިދަ އާއި ނަންބޯޑު 31 މާޗް 2017 ވަނަ ދުވަހުގެ 18:00 ގެ ކުރިން އެތަނުން ނެގުމަށް އަންގާފައިވާއިރު، އެ އެންގުމާއި ހިލާފުވެގެން ފުލުހުން އެތަނުން ދިދަ އާއި ނަންބޯޑު ނަގަން ޖެހިއްޖެ ހާލަތެއްގައި ދިދަ އާއި ނަންބޯޑު ނެގުމުގެ ތެރޭގައި ތަނަށް އަދި އެއްޗަކަށް ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާ ވެވެން ނޯންނާނެ ވާހަކަ ވެއެވެ.
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ތެމާގައި ހިންގަމުންދާ އޮފީސް ހިންގުން ހުއްޓުވުމަށާއި ޕީޕީއެމްގެ ރައީސްގެ ނަމުގައި އެއްވެސް ހަރަކާތެއް ހިންގާ ނަމަ އެކަން ހުއްޓުވަން ސިވިލް ކޯޓުން ރޭގައިވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.
މައުމޫން އިދިކޮޅު ފަރާތްތަކާއި ގުޅިގެން ޕީޕީއެމްގެ ނަމުގައި ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުމުން އެޕާޓީން އިން މައުމޫނު ވަކިކުރުމަށް ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމާފައިވާއިރު، މައުމޫން ވިދާޅުވީ އެއީ ގާނޫނާ ޚިލާފް ނިންމުމެއް ކަމަށާއި އެ މަނިކުފާނު ޕާޓީން ވަކިނުކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް ޕާޓީގެ ހުރިހާ ބާރެއް އެޕާޓީގެ މުސްތަޝާރު ރައީސް ޔާމީނާ ހަވާލުކުރުމަށް މީގެ ކުރިން ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
-އިތުރު ތަފްސީލު އަންނަނީ-
ފުލުހުން މައުމޫން އޮފީހުގެ ނަންބޯޑާއި ދިދަ ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ