ރައީސް ކަމަށް މައުމޫން ވާދަކުރައްވައިފި ނަމަ ފުރަތަމަ ބުރުން ބަލިކުރާނަން: ނަޝީދު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރާއްޖޭގެ ރައީސްކަމަށް ދެން ވާދަކުރައްވައިފި ނަމަ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ބަލިކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ކުޅުދުއްފުށީގައި ވިދާޅުވެއްޖެ އެވެ.
ކަންކަން ބަދަލުވަމުން އަންނަ ގޮތަކުން އަދިވެސް ރައީސް ކަމަށް ކުރިމަތިލައްވަފާނެ ކަމަށް 30 އަހަރު ވެރިކަން ކުރެއްވި މައުމޫން ވިދާޅުވެފައިވާތީ، އެކަމަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ އެމްޑިޕީ އަކީ ތަރައްގީ ގެންނަ ޕާޓީ ކަމަށާއި ހުދުމުހުތާރު ގޮތެއްގައި ވެރިކަން ކުރެއްވި ރައީސް މައުމޫން އަލުން ވެރިކަމަށް ވަޑައިގަންނަވަން އުޅުއްވަނީ އެމްޑީޕީން ގެންނަމުންދާ ތަރައްގީ އަށް ހުރަސް އެޅުއްވުމަށް ކަމަށެވެ. ނަމަވެސް މައުމޫނަށް "އެކަމެއް ނުވާނެ" ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެ ކަމެއް ނުވާނެ. އަޅުގަނޑުމެން ބަލިކުރާނަން. އެއް ބުރުން ބަލިކުރާނަން،" އެމްޑީޕީން އުތުރުގެ ހަތަރު އަތޮޅަށް ކުރި "ވައުދުގެ ދަތުރު" ނިންމާލުމުގެ ގޮތުން އޮތް ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ހާލަތު ގޯސްވަމުން ގޮސް، "އަޅުގަނޑުމެން މިދަނީ ކަނު ބަދެގެން ތިބެ އަނދަވަޅަކަށް ވެއްޓެން" ކަމަށާއި އެ ހާލަތު ބަދަލުކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީން ނިންމާފައިވާ ގޮތަށް އިންގިލާބުން މިހާރުގެ ވެރިކަން ވައްޓާލަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީޕީ އަކީ ކުރިން ވެސް ކަންކަން ބަދަލުކުރި ޕާޓީ ކަމަށް ހާމަކޮށްދެއްވަމުން، ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީ އުފެއްދުމަށާއި އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިނުމަށް ހުދުމުޚްތާރުވެރިންނަށް މަޖުބޫރުކުރީ ވެސް އެ ޕާޓީން ކަމަށެވެ.
އިންޑިއާގެ "ދަ ހިންދޫ" އަށް ދެއްވި އިންޓަވިއުއެއްގައި މައުމޫން ވިދާޅުވެފައި ވަނީ އަލުން ވެރިކަމަށް ވަޑައިގަތުމަކީ އެމަނިކުފާނު އެންމެ އެދިވަޑައިގަންނަވާ ގޮތް ނޫން ކަމަށެވެ.
އެކަމަކު "ކަންތައްތައް ވަރަށް އަވަސް އަވަހަށް ބަދަލުވޭ. އެހެންވީމަ އަޅުގަނޑު މި ހުރީ ކޮންމެ ގޮތެއް އިހްތިޔާރުކުރަން ޖެހުނަސް ތައްޔާރަށް،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ބަލިކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއިރު، 2008 ގެ ރިޔާސީ އިންތިހާބުގައި ވެސް މައުމޫނުގެ މައްޗަށް ނަޝީދު ވަނީ ކުރި ހޯއްދަވައިފަ އެވެ. އެކަމަކު ފުރަތަމަ ބުރުގައި ދެ ވަނައަށް ދިޔަ ނަޝީދު ދެ ވަނަ ބުރު ކާމިޔާބުކުރެއްވީ އެހެން ޕާޓީތަކާ ގުޅިގެން ކުރި މަސައްކަތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ