ހަތަރު މެންބަރުންގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ޕާޓީއިން ވަކިވުމުގެ ސަބަބުން ރައްޔިތުން މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަން ކޮމިޝަން އިން ކަނޑައެޅި ހަތަރު މެންބަރުންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި އެވެ.
އީސީ އިން ވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަތު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށާއި އެ ދާއިރާތަކުގައި ބައި އިލެކްޝަން ބާއްވަން ނިންމާފައިވާ ކަމަށް އިއުލާންކޮށްފަ އެވެ. ނަމަވެސް އެ ހަތަރު މެންބަރުން ވަނީ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.
ސުޕްރީމް ކޯޓުން މިއަދު އެ މެންބަރުންނަށް ފޮނުއްވެވި ލިޔުމެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި، ފައިސަލާ ކުރަނިވި ހުކުމެއް ކުރަންދެން، އެ މެމްބަރުން ރައްޔިތުން މަޖިލީސް މެމްބަރެއްގެ ގޮތުގައި އިންނެވޭނެ ކަމަށް ބުނެ، ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބަލައިގެންފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުން މި މައްސަލަ ބަލައިގެންފައިވާ އިރު މެންބަރު ވައްޑޭ އާއި އަމީތުގެ ގޮނޑި ގެއްލިފައިވާ އިރު މަޖިލީހަށް ވަތް މައްސަލާގައި ފުލުހުން ވަނީ އެ ދެ މެންބަރުން ހައްޔަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ