ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލަ ބެލުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ޖުޑީޝަލް ސާވިސް ކޮމިޝަނުން އެކުލަވާލާފައިވާ ފަނޑިޔާރުންގެ ބެންޗުގެ ސައްހަކަމާ މެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ޝަރުއީ ކޯޓުތަކަށް ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުންގެ ސައްހަކަމާ މެދު ގޮތެއް ނިންމުމުގެ ބާރު ހަމައެކަނި ކޯޓުތަކަށް ލިބިފައިވާ އިރު ރައްޔިތުންގެ މަޖިލީހުން ވެސް އެ ބެންޗުގެ ސައްހަކަމާ މެދު ގޮތެއް ނިންމައިފި ނަމަ އެ ނިންމުމެއް ވެގެންދާނީ ބަތިލު ނިންމުމެއް ކަމަށެވެ.
"ހުޅުމާލޭ ކޯޓުގެ ސައްހަކަމާ މެދު ނުވަތަ އެކޯޓަށް އައްޔަން ކުރެވިފައިވާ ބެންޗުގެ ސައްހަ ކަމާ މެދު ގާނޫނީގޮތުން ގޮތެއް ނިންމޭނެ ހަމައެކަނި ފަރާތަކީ ދިވެހި ރާއްޖޭގައި ގާއިމްކުރެވިފައިވާ ޝަރުއީ ކޯޓުތަކަށް ކަން ރަނގަޅަށް އެނގެން އޮންނާތީ، ކޯޓުތަކުން ނިންމަންޖެހޭ އެއްވެސް ނިންމުމެއް، ވެރިކަން ހިންގުމުގެ ބާރު ކަމުގައި ވިޔަސް އަދި ގާނޫނު ހެދުމުގެ ބާރު ކަމުގައި ވިޔަސް ކުރާ ކުރުމަކީ ގާނޫނީގޮތުން ސައްހަ ނޫން އޭގެ ޒާތުގައި ބާތިލް އަމަލުތަކެއްކަމަށް މެނުވީ ނުވާނެ ކަމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް އެންގީ މެވެ،" ސުޕްރީމް ކޯޓުގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ދައުލަތުގެ ތިން ބަރުގެ ތެރެއިން އަދުލު އިންސާފު ގާއިމް ކުރުމުގެ މަސްއޫލިއްޔަތު ގާނޫނު އަސާސީން މަތިކޮށްފައި ވަނީ އަދުލުއިންސާފު ގާއިމް ކުރުމުގެ ބާރަށް ކަމަށްވާ އިރު ފަނޑިޔާރުންގެ ބެންޗެއްގެ ސައްހަކަމާ މެދު ގޮތެއް ކަނޑައެޅުން ފަދަ ޖުޑީޝަލް ފަންކްޝަނެއް އެހެން ބާރަކުން އަދާކުރަން ފަށައިފި ނަމަ ރާއްޖޭގައި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ހުރަސްތަކެއް އެޅިދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެފަދަ އަމަލުތަކުގެ ސަބަބުން މިނިވަން މުސަތަގިއްލު ފަނޑިޔާރުގެއެއްގެ މިނިވަންކަން ނިގުޅައިގެންދާނެ ކަމުގެ ބިރު އެބަ އޮތްކަމަށާއި އެހެންމުން އެއީ ހުއްދަކުރެވޭނެ ކަމެއް ނޫންކަން އެނގޭ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުން މިފަދަ ނޫސްބަޔާނެއް ނެރެފައި ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު އެކުލަވައިލައިފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އެ ބެންޗު އުވައިލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފައި ވަނިކޮށެވެ.
ހުޅުމާލޭ ކޯޓުގެ ބެންޗާ މެދު ގޮތެއް ނިންމޭނީ ހަމައެކަނި ކޯޓުތަކަށް: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ