ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންނާ މީޑިޔާގައި މުޚާޠަބު ކުރަން ޖެހޭނެ ގޮތް ކަނޑައަޅައި، އެ ގޮތް އެންގުމަށް އެ ކޯޓުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ސިޓީއެއް މެދުވެރިކޮށް އަންގައިފި އެވެ.
މީޑިޔާތަކުގައި މިއަދު ޚަބަރު ފަތުރާފައިވާ ގޮތުގައި، އެ ކޮމިޝަނަށް މިދިޔަ ހަފްތާގެ ތެރޭގައި ސުޕްރީމް ކޯޓުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، އުއްތަމަފަނޑިޔާރު އަހްމަދު ފާއިޒާއި ފަނޑިޔާރު ޑރ އަހްމަދު އަބްދުﷲ ދީދީ ފިޔަވައި، ދެން ތިއްބެވި 5 ފަނޑިޔާރުންގެ ނަމުގެ ކުރިޔަށް "ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު" މި ބީދައިން ލިޔަން ޖެހޭނެ ކަމަށޤ މީޑިޔާ ތަކަށް އެންގުމަށެވެ.
އުއްތަމަ ފަނޑިޔާރު ފާއިޒުގެ ނަމުގެ ކުރިޔަށް "ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު" މިހެން ލިޔުމަށާއި، ފަނޑިޔާރު ޑރ އަހްމަދު އަބްދުﷲ ދީދީގެ ނަމުގެ ކުރިޔަށް "ފަނޑިޔާރު އޮނަރަބަލް ޑރ" މިހެން ލިޔުމަށް މީޑިޔާތަކަށް އެންގުމަށް ވެސް މި ސިޓީގައި ބަޔާންކޮށްފައި ވެ އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބޭފުޅަކު މިއަދު ވިދާޅުވީ، ފެށޭ ހަފްތާގެ ތެރޭގައި ކޮމިޝަނުގެ ތެރޭގައި މި ސިޓީއާއި ގުޅޭ ގޮތުން ޢަމަލުކުރަންވީ ގޮތް މަޝްވަރާކޮށް، އެކަން ސުޕްރީމް ކޯޓަށް އަންގާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބަވަނީ މުޅިޔަކު 7 ފަނޑިޔާރުންނެވެ. އެއީ، އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިނާއި، ފަނޑިޔާރު ޑރ އަހްމަދު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އަހްމަދު މުޢުތަސިމް އަދްނާނާއި، ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަބްދުﷲ އަރީފުގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުޚާޠަބު ކުރަންވީ ގޮތް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ