އައްޑޫގެ ކަރަންޓު މައްސަލައިގައި ފެނަކައިގެ އެމްޑީ އާއި ޗެއާމަން ކޮމިޓީއަށް ހާޒިރު ކުރަނީ

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައިގައި އެ ސިޓީއަށް ކަރަންޓު ފޯރުކޮށްދެމުންދާ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދި ނިމާލާއި އެ ކޯޕަރޭޝަނުގެ ޗެއާމަން މުހައްމަދު ނަދީމް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހާޒިރު ކުރުމަށް ފާސްކޮށްފިއެވެ.
މިއަދު ހެނދުނު އޮތް އެ ކޮމެޓީގެ ބައްދަލުވުމުގައި މިގޮތަށް ފާސްކޮށްފައިވާއިރު، އެ ކޮމެޓީން މި މައްސަލަ ބަލަން ފަށާފައިވަނީ އެމްޑިޕީއަށް ނިސްބަތްވާ ތިން މެންބަރަކަ މަޖިލީހަށް ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފުގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާޙުއެވެ..
މި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ޖޫން މަހު އައްޑޫ ސިޓީއަށް ގެންދިޔަ ދެ ޖަނަރޭޓަރު މިދިޔަ މަހުގެ ތެރޭގައި މާލެ ގެނައުމާ ގުޅިގެންނެވެ.
މި މައްސަލާގައި މަޖިލީހުގެ އަމީނު އާންމު އަހުމަދު މުހައްމަދަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް އަދިވެސް ހައްލެއް ލިބިފައި ނުވާ އިރު އެ ސިޓީ އަށް ގެންދިޔަ ދެ ޖަނެރޭޓަރު އަނބުރާ މާލެ ގެނައީ ކޮން ހަމައަކުންތޯ ސާފުކުރަން ބޭނުންވާ ކަމަށާއި އަނބުރާ ޖަނެރޭޓަރު އައްޑޫ ސިޓީ އަށް ގެންދާނީ ކޮންދުވަހަކުންކަން ސާފު ކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ މީގެ ކުރިންވެސް އެ ކޮމިޓީއަށް ވައްދާފައިވާއިރު އެ މައްސަލަ ވަނީ ބޭރުކޮށްލާފައެވެ. އަދި އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައާ ގުޅިގެން މިދިޔަ މަހުގެ 16 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ވެސް ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ