ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް ދޭ ސްޓެޕް އެލަވަންސް މަޑުޖައްސާލުމަށް އަންގައިފި

ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް ކޮންމެ ދެ އަހަރަކުން ދޭ އެލަވެންސް ދިނުން މަޑުޖައްސާލުމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއްޖެއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރުނު ސާރކިއުލާއެއްގައި ވަނީ، 2009 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން ދެމުން ގެންދިޔަ 200 ރުފިޔާގެ މުސާރައިގެ އިންގްރިމެންޓް ނުވަތަ ކުރިއެރުން، 2015 އަދި 2016 ވަނަ އަހަރުގެ މަސައްކަތުގެ ފެންވަރަށް ރިޢާޔަތްކޮށް 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހަމަޖައްސާފައިވާކަމަށެވެ.
އަދި 2017 އާއި 2018 ވަނަ އަހަރުގެ މަސައްކަތު ފެންވަރަށް ރިޢާޔަތްކޮށް ދެންޖެހޭ މުސާރައިގެ އިންގްރިމެންޓް 01 އޮކްޓޯބަރު 2019 ގައި ހަމަޖެއްސުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަކުރަންޖެހޭ ހުރިހާ އިދާރީ އިންތިޒާމްތައް ހަމަޖައްސައި، އެލަވަންސް މުވައްޒަފުންނަށް ދޫކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީން ނަގަންޖެހޭ ހުއްދަ ހޯދުމަށް ހުށަހެޅިކަމަށް ޑީޖޭއޭއިން ވިދާޅުވެއެވެ. ނަމަވެސް ދައުލަތުގެ މުސާރަ އެއް ހަމަކުރުމަށް ޕޭ ރިވިއު ކޮމިޝަނުން މަސައްކަތް ކުރަމުން ގެންދަވާ ދަނޑިވަޅެއްގައި މުވައްޒަފުންގެ މުސާރައަށް އިތުރު ބަދަލެއް އަދި އެލަވަންސެއް ހަމަޖައްސައި ދިނުމަށް ދަތިވާކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާކަމަށްވެސް ޑީޖޭއޭއިން ވިދާޅުވެއެވެ. އެހެންކަމުން އެހުއްދަ ފިނޭންސް އިން ދެއްވާފައިނުވާތީ، 2017 އަދި 2018ގެ މަސައްކަތު ފެންވަރަށް ރިޢާޔަތްކޮށްދޭ ސްޓެޕް އެލަވެންސް ޝަރުޢީ ދާއިރާގެ އެއްވެސް މުވައްޒަފަކަށް ހަމަޖެއްސިފައިނުވާކަމަށް އެޑިޕާޓްމަންޓުން ވަނީ ވިދާޅުވެފައެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވީ އެ އެލަވެންސް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތް ކަމާގުޅުންހުރި އިދާރާތަކާއި މަޝްވަރާކޮށް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންގެންދަވާކަމަށެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިހެން ވިދާޅުވެފައިވާއިރު، ދައުލަތުގެ ހުރިހާ އިދާރާއެއްގެ މުސާރަތައް އެއްހަމަކުރުމުގެ މަސައްކަތް ޕޭ ރިވިއު ކޮމިޝަނުން ކުރާތާ ގިނަ ދުވަސްތަކެއް ވަނީވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ